English Edition
Dhivehi Edition

ކުރިއަށް އޮތް ދެދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އެރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ. ކުރިއަށް ދެދުވަހު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އުދައެރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވަނީ، މިއީ ހުޅަނގު މޫސުމަށް ވުމާއެކު، އެގޮތަށް އުދައެރުމަކީ، އާއްމުކޮށް ކުރިމަތިވާ ކަމަކަށްވުމުންކަމަށް އެއިދާރާއިން ބުނެއެވެ. މިގޮތުން އެންމެ ބޮޑަށް އުދައެރުން އެކަށީގެންވަނީ މި ދެދުވަހުގެ މެންދުރު ދިޔަވަރު ބޮޑުވާ ވަގުތުކަމަށް އެއިދާރާއިން މަޢުލޫމާތުދެއެވެ. އެހެންކަމުން އުދައެރުމުގެ ހާދިސާ ކުރިމަތިވެދާނެކަމަށްޓަކައި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެއިދާރާއިން އިލްތިމާސްކުރައްވައެވެ. އެގޮތުން ލޮނުގަނޑު ރަށުތެރެއަށް ވަދެ ގެދޮރަށް ވަންނަ ކަމުގައިވާނަމަ ގެއަށް ލޮނުގަނޑު ވަނުން ކޮންޓްރޯލް ކުރުމަށް ވެލިބަސްތާ ފަދަ ތަކެތި ބޭނުން ކުރުމަށް މޫސުމާބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ކުރިއަށް އޮތް ދެދުވަހު އުދައެރާނެކަމަށް އެ އިދާރާއިން ލަފާކޮށްފައިވާއިރު މިހާރުވެސް އައްޑޫގެ އެކި ސަރަހައްދުތަކަށް އުދަ އަރަމުންދެއެވެ. ވަކިން ޚާއްޞަ ކޮށް މަރަދޫ އަދި މަރަދޫފޭދޫ ސަރަހައްދުން ލިންކުރޯޑަށް ބައެއްފަހަރު ލޮނުގަނޑު އަރާފައިވާތަންވެސް ފެނެއެވެ.