English Edition
Dhivehi Edition

މިނިވަންކަޕް 2017 ގައި މިރޭ ކުޅުނު މެޗުގައި ފްރެންޑްސް ކްލަބުން ހުޅުދޫ ޔޫތް ބަލިކޮށް މެޗު ކާމިޔާބުކޮށްފިއެވެ. ހުޅުދޫ ފުޓްސެލް ދަނޑުގައި ކުރިއަށް ދިޔަ މެ މެޗު ފްރެންޑްސް ކްލަބުން ކާމިޔާބުކުރި 2 ލަނޑު 1 ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ ހުޅުދޫ ޔޫތުއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުއްﷲ ވާހިދުއެވެ. މި މެޗުގައި ގިނަ އިރު ބޯޅަ ގެންގުޅެ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހުޅުދޫ ޔޫތުސް އަށްވަނީ ލިބިފައެވެ. އެހެން ނަމަވެސް މެޗު ނިމިގެން ދިޔައީ ފަހަތުން އަރާ ފްރެންޑްސް ކްލަބުގެ މިފްޒާލު އެ ޓީމަށް ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ދޭއް އެކެއްގެ ނަތީޖާއިންނެވެ.މި މުބާރާތުގައި ހުޅުދޫ ޔޫތު ކުޅުނު ހުރިހާ މެޗަކުން އެ ޓީމު ބަލިވެ މުބާރާތުން ކަޓާފައިވާއިރު އެ ޓީމުންވަނީ ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ކުޅެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިފްޒާލުއެވެ. މާދަމާވެސް މި މުބާރާތުގެ ތިން މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ހުޅުދޫ ފުޓްސެލް ދަނޑުގައި މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ރިސޯޓް ބޯއިސް އާއި އޭޓީ ސްޕޯޓްސްއެވެ. މާދަމާރޭ 20:15 ގައި ފެށުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ މަލްޓި ޖީނިއަސް ސިޓީ އާއި ކެނެރީފެވެ. މާދަމާރޭގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ފެނަކަ އާއި ސައުތު ބްލޫސްއެވެ. މިނިވަންކަޕަކީ އައްޑޫ ސިޓީ ހުޅުދޫ މީދޫގައި ބާއްވަމުން އަންނަ އެންމެ ބޮޑު ފުޓްސެލް މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި 10 ޓީމުވަނީ ބައިވެރިވެފައެވެ.