English Edition
Dhivehi Edition

ރާއްޖެ އަންނަ ފަތުރުވެރިން ވިޔަފާރި އުސޫލުން ބައިތިއްބޭނީ ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި އެކަނިކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޓުއަރިޒަމް އާ ބެހޭ ގާނޫނުގެ ދަށުން ފަތުރުވެރިން ބައިތިއްބާ ތަންތަން ހިންގަން ވާނީ ވެސް އެ މިނިސްޓްރީން ހުއްދަ ނަގައިގެން ކަމަށެވެ.

ފަހަކަށް އައިސް ރަޖިސްޓްރީނުކުރާ ތަންތަނުގައި ވިޔަފާރީގެ ޢުސޫލުން ޓޫރިސްޓުން ބައިތިއްބާކަމުގެ ރިޕޯޓް ލިބެމުންދާކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އެދޭކަމަށް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

” މިފަދަ ތަންތަން ހިންގަން ވާނީ، މިނިސްޓްރީ އޮފް ޓޫރިޒަމްގައި އެތަނެއް ރަޖިސްޓްރީކޮށް، އެފަދަ ތަންތަން ހިންގުމަށް މިމިނިސްޓްރީ އިން ދޫކުރާ ހުއްދަ ހޯދުމަށް ފަހުގައި ކަމަށް ހުރިހާ ފަރާތްތަކަށްވެސް ދަންނަވަން” މިނިސްޓްރީން އާންމުކުރި އިއުލާނުގައި ބުނެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ މާޗްގެ ނިޔަލަށް ރާއްޖޭގައި ރަޖިސްޓްރީކޮށްގެން 129 ރިސޯޓާއި 10 ހޮޓެލް އަދި 467 ގެސްޓްހައުސް އާއި 141 ސަފާރީ ހިންގަ އެވެ.