ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި ރިޔާސީ ކޮމިޝަނެއް އުފައްދަވައިފިއެވެ. ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ އެއް އަހަރު ދުވަހުގެ މުއްދަތަށް އުފެއްދި މި ކޮމިޝަންގެ ބޭނުމަކީ އޮޑިޓް ރިޕޯޓްތަކުގަ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން އިން ނެރެފައިވާ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރުމެވެ. މި ކޮމިޝަނަށް އައްޔަން ކުރައްވާފައިވާ މެމްބަރުންނަކީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒު އާއި އިބްރާހިމް މަހްފޫޒް އާއި ހަދީޖާ ހުސެއިނު އާއި އަދި މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ގެ އިތުރުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އާއި، އެވެ. ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ މިނިސްޓަރު އަޒްލީން އަހުމަދުއެވެ. އެ ކޮމިޝަން އުފެއްދީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ މަތިން ކަމަށް އަނިލް ވިދާޅުވި އެވެ.އަދި ދައުލަތަށް ލިބެންޖެހޭ ފައިސާތައް ހޯދުމަށްޓަކައި އެކޮމިޝަން އިން މުސްތަޤިއްލު ކަމާއެކު މަސައްކަތްކުރެއްވުމުގެ ފުރިހަމަ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.