English Edition
Dhivehi Edition

ލިޔުނީ : ހިޒްޔަމް ހާމިދު (ސ.އަތޮޅު މަދަރުސާ ސްކޫލް މީޑިއާ)

އާތު ޑޭ ފާހަގަކުރުމަށްޓަކައި ސ.އަތޮޅު ސްކޫލުން ބޭއްވި ބައިސްކަލް ރެލީ ބޭއްވި މަޤްޞަދު ޙާޞިލްވެއްޖެ ކަމަށް، ޝީ ކްލަބް (ސައިންސް، ހެލްތް، އެންވަޔަރޮމެންޓް ކްލަބް)ގެ ރައީސާ ރާޔާ މޫސާ ވިދާޅުވެއްޖެ އެވެ.

އާތު ޑޭ އާ ގުޅިގެން ސ.އަތޮޅު ސްކޫލުން މިދިޔަ ހަފްތާގެ ބުރާސްފަތިދުވަހު ހަވީރު ބޭއްވި ބައިސްކަލް ރެލީގެ މަޤްޞަދަކީ ތިމާވެށްޓާ ރައްޓެހި ކަންކަން ކުރުމަށް ދަރިވަރުން އަހުލުވެރިކުރުމަށް ކަމަށާއި ބައިސްކަލް ދުއްވުމަކީ އެހައި ނުކުރާ ކަމަކަށް ވެފައި ކުދިންގެ މެދުގައި އެކަމަށް ލޯބި ޖެއްސުމަށްކަމަށް ރާޔާ ވިދާޅުވި އެވެ.

މި ބައިސްކަލް ރެލީގައި ސްކޫލުގެ ދަރިވަރުންނާއި، އިސްދަރިވަރުންނާއި، ޓީޗަރުންނާއި ސްކޫލްގެ ޕްރިންސިޕަލްވެސް ބައިވެރިވި އެވެ.

މި ރެލީގައި ބައިވެރިން ބައިސްކަލް ދުއްވީ ސީ.އަތޮޅު ސްކޫލުން ފަށައިގެން މީދޫ މަޖުދުއްދީން މަގުން ގޮސް ހުޅުދޫ-މީދޫ މެދެ ބަނދަރާއި ހުޅުދޫ ބޮޑު މަގުން ގޮސް އަނެއްކާ ސްކޫލަށް ދާގޮތަށެވެ.

ސ.އަތޮޅު ސްކޫލުން އާތު އަވަރ ފާހަގަކުރުމަށްވެސް ބައިސްކަލް ރޭހެއް ބާއްވަން ނިންމިއެވެ. ނަމަވެސް، މޫސުން ގޯސްވުމާއެކު، ދަރިވަރުންގެ ބައިވެރިވުން ނުލިބޭތީ ކެންސަލް ކުރެވުނެވެ.

ސ.އަތޮޅު ސްކޫލުގެ ޝީ ކްލަބުން ތިމާވެށްޓަށް ޚިދުމަތްކުރުމަށް ޓަކައި ގިނަގުނަޙަރަކާތްތައް ކުރިއަށް ގެންދެއެވެ.