English Edition
Dhivehi Edition

އައްޑޫ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތް 2018ގެ ސެމީ ފައިނަލްގެ މެޗްތައް މާދަމާ ކުޅޭ ގޮތަށް ތާވަލު ކޮށްފިއެވެ.

ނެޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ މެޗްތައް ކުރިން މާދަމާ މެންދުރުފަހު ކުޅުމަށް ހަމަޖެހިފައިވީ ނަމަވެސް މާދަމާގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު އެގޮތަށް ކުރިޔަށް ގެންދެވޭނެ ކަމަށް ނުފެންނާތީވެ، މެންދުރު ކުރީގައި މެޗްތައް ކުޅުމަށް މިހާރު ވަނީ ހަމަޖައްސާފައެވެ.

މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ކުރިޔަށް ގެންދާ މި މުބާރާތުގެ ގްރޫޕް މެޗްތައް މިއަދު ވަނީ ކުޅެ ނިމިފައެވެ. ކޮންމެ އުމުރުފުރާ އަކުން ސެމީ ފައިނަލްގައި ވާދަ ކުރާނެ ޓީމްތައް މިހާރުވަނީ ކަށަވަރު ވެފައެވެ.

ފަސް އުމުރުފުރާ އެއް ބައިވެރިވެފައިވާ މި މުބާރާތުގައި 9 އަހަރުން ދަށުގެ ސެމީ ފައިނަލް ފުރަތަމަ މެޗްގައި ބައްދަލު ކުރަނީ ޝަރަފުއްދީން ސްކޫލް އާއި ޝަމްސުއްދީން ސްކޫލެވެ. 9 އަހަރުން ދަށުގެ ދެވަނަ ސެމީ ފައިނަލް މެޗްގައި ބައްދަލު ކުރަން ހަމަޖެހިފައިވަނީ ހިތަދޫ ސްކޫލްއާއި މަރަދޫފޭދޫ ސްކޫލެވެ. 11 އަހަރުން ދަށުގެ އުމުރުފުރާއަށް ބަލާލާއިރު ސެމީ ފައިނަލް ފުރަތަމަ މެޗްގައި ބައްދަލު ކުރަން ހަމަޖެހިފައިވަނީ ހިތަދޫ ސްކޫލާއި ހިރާ ސްކޫލެވެ. އަދި 11 އަހަރުން ދަށުގެ ދެވަނަ ސެމީ ފައިނަލްގައި ވާދަ ކުރުމަށް ހަމަޖެހިފައިވަނީ ޝަރަފުއްދީން ސްކޫލާއި މަރަދޫފޭދޫ ސްކޫލެވެ.

ވާދަވެރި ކުޅުމެއް ދެއްކުމަށްފަހު 13 އަހަރުން ދަށުގެ އުމުރުފުރާގެ ފުރަތަމަ ސެމީ ފައިނަލް މިއަދު ވަނީ ކުޅެފައެވެ. އެ މެޗްގައި ބައްދަލު ކުރީ މަރަދޫފޭދޫ ސްކޫލާއި މުޙައްމަދު ޖަމާލުއްދީން ސްކޫލްގެ ޓީމެވެ. މިމެޗް 27 ޕޮޓް 8 ޕޮޓްގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ މަރަދޫފޭދޫ ސްކޫލެވެ. މި މެޗުން މޮޅުވެގެން މަރަދޫފޭދޫ ސްކޫލްވަނީ ފައިނަލަށް ދަތުރު ކޮށްފައެވެ. 13 އަހަރުން ދަށުގެ އުމުރުފުރާގެ ދެވަނަ ސެމީ ފައިނަލްގައި ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫ ސްކޫލާއި ފުވައްމުލައް ސިޓީގެ މުޙައްމަދު ޖަމާލުއްދީން ސްކޫލެވެ. 15 އަހަރުން ދަށުގެ އުމުރުފުރާގެ ފުރަތަމަ ސެމީ ފައިނަލްގައި ހިތަދޫ ސްކޫލާއި ފޭދޫ ސްކޫލް ކުޅުމަށް ހަމަޖެހިފައިވާ އިރު މި އުމުރުފުރާގެ ދެވަނަ ސެމީ ފައިނަލްގައި ވާދަ ކުރުމަށް ހަމަޖެހިފައިވަނީ ހާފިޒް އަޙުމަދު ސްކޫލާއި ހުޅުދޫ ސްކޫލެވެ.

މުބާރާތުގައި ވާދަ ކުރާ އެންމެ ދޮށީ އުމުރުފުރާ ކަމުގައިވާ 17 އަހަރުން ދަށުގެ އުމުރުފުރާގައި ފުރަތަމަ ސެމީ ފައިނަލް މެޗްގައި ކުޅުމަށް ހަމަޖެހިފައިވަނީ ސ. އަތޮޅު ސްކޫލާއި ޝަރަފުއްދީން ސްކޫލެވެ. އަދި ދެވަނަ ސެމީ ފައިނަލްގައި ކުޅުމަށް ހަމަޖެހިފައިވަނީ އައްޑޫ ހައި ސްކޫލާއި ހިތަދޫ ސްކޫލްގެ މެޗެވެ.

މި މުބާރާތުގެ ފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ 28 އޭޕްރީލް 2018 ވާ ހޮނިހިރު ދުވަހުއެވެ.

1 ކޮމެންޓް
Monstermax
އޭޕްރީލް 28, 2018
Varah rangalhu kulhumtherin mihaaru fenijjeqdhi ithurah rangalha kulhey kudhinne