ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ދިރިއުޅުއްވާ އެޕާޓްމަންޓަށް ފުލުހުން ވަދެ ފާސްކުރަން ފަށައިފި އެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ދަރިކަލުން ފާރިސް ދިރިއުޅުއްވަމުން ގެންދަވާ މ. ސްނޯރޯޒްގައި ފާރިސް ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައި ފާސްކުރުމަށް ކޯޓުން ފުލުހުންނަށް ދީފައިވާ އަމުރުގައި ބުނެފައިވަނީ މިއަދު އިރުއޮއްސި 6:00 ޖެހުމާ ހަމައަށް އެގެ ބަލައި ފާސްކުރެވިދާނެ ކަމަށެވެ. ފާރިސް ދިރިއުޅޭ ގެ ބަލައި ފާސް ކުރަމުންދަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލައާއި ގުޅިގެން މެމްބަރުންނަށް ރިޝްވަތު ދިނުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ. މީގެ ކުރިން ފުލުހުންވަނީ މެންބަރުންނަށް ރިޝްވަތު ދެއްވުމަށް ފާރިސް މަސައްކަތް ކުރެއްވި ކަމުގެ ހެކި ލިބިފައިވާ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް ފާރިސް ވަނީ ފުލުހުންގެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. މިހާރު އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގެން އެންމެ އިސްކޮށް މަސައްކަތްކުރައްވާ ފާރިސް ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް ފަށާފައިވާއިރު ފާރިސް ވަނީ އެދައުވާއަށް އިންކާރު ކުރައްވާފައެވެ.