މިނިވަންކަޕް 2017ގައި މިއަދު ކުޅުނު ތިންވަނަ މެޗުގައި ބައްދަލުކުރީ ރިސޯޓް ބޯއިސް އާއި ހުޅުދޫ ޔޫތްއެވެ. ހުޅުދޫ ފުޓްސެލް ދަނޑުގައި ކުޅުނު މި މެޗު 5 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ރިސޯޓް ބޯއިސް އެވެ. ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ރިސޯޓް ބޯއިސްއެވެ. މި ގޯލަކީ މެޗުގެ އެގާރަވަނަ މިނިޓްގައި އަލީ ޝިހާމް ނަގައިދިން ހުރަހަކުން މުހައްމަދު އިސާން ސައީދު ކާމިޔާބުކޮށްދިން ލަނޑެކެވެ. ހުޅުދޫ ޔޫތުއިން ޑިފެންސިވް ގޭމެއް ކުޅެފައިވާއިރު މެޗުގެ ދެވަނަ ލަނޑު ރިސޯޓް ބޯއިސް އަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ރައިހާންއެވެ. މެޗުގެ ދެވަނަ ހާފްގައި ހުޅުދޫ ޔޫތް އިން މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށްވަނީ މަސައްކަތްކޮށްފައެވެ. މި ގޮތުން މެޗުގެ ސައުވީސް ވަނަ މިނިޓްގައި ލީވާން ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ލީވާންގެ ލަނޑާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔަ އިރު މެޗުގެ ފަންސަވީސްވަނަ މިނިޓްގައި ރިސޯޓް ބޯއިސްވަނީ ހުޅުދޫ ޔޫތު ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެހެން ނަމަވެސް ކީޕަރުވަނީ ކުޅަދާނަކަމާއެކު އެ ބޯޅަ ގޯލަށް އަމާޒުވިޔަ ނުދީ ބޭރުކޮށްލާފައެވެ. މެޗުގެ 27 ވަނަ މިނިޓްގައި އިބްރާހީމް ރައިހާންވަނީ ރިސޯޓް ބޯއިސްގެ ލީޑު ފުޅާކޮށް އިތުރު ލަނޑެއް އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ. ރައިހާން ލަނޑުޖެހިތާ އެއް މިނިޓްފަހުން އަލީ ޝިމާހް ވަނީ ރިސޯޓްބޯއިސް ގެ ހަތަރުވަނަ ލަނޑު އެ ޓީމަށް ކަމިޔާބުކޮށްދީ ފައެވެ. ރިސޯޓް ބޯއިސްގެ މި ލަނޑާއެކު ހުޅުދޫ ޔޫތު އިން އެ ޓީމު ހިފެހެއްޓުމަށްޓަކައި މަސައްކަތް ކޮށްފައިވީ ނަމަވެސް ރައިހާން ނަގައިދިން ހުރަސް ގޯލަށް އަމާޒުކޮށް އަލީ ހަސަންވަނީ އެ ޓީމަށް މެޗުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ހުޅުދޫ ޔޫތުގެ ލީވާނަށް ލިބިފައިވާއިރު މެޗުގައި ހެދުނު ގޯސްތަކުގެ ސަބަބުން އޭނާއަށްވަނީ ރީދޫ ކާޑެއް ދައްކާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރިސޯޓް ބޯއިސް އަށް ދެ ލަނޑު ކާމިޔާބުކޮށްރިން ކުޅުންތެރިޔާ ރައިހާންއެވެ. މާދަމާވެސް މި މުބާރާތުގެ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ހަވީރު ފަހެއް ޖަހާއިރު ފަށާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އޭޓީ ސްޕޯޓްސް އާއި މަންތަރަ އެވެ. މި އަހަރުގެ މުބާރާތުގެ މެއިން ސޮޕޮންސަރަކީ އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މަޖިލީސް މެމްބަރު ޝަހިދު އެވެ. ކޯ ސްޕޮންސަރަކީ އައިލެންޑް އެކްސްޕްރެސް އެވެ. އަދި މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ.