ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތީން އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ހަމަޖައްސައފިއެވެ. މި ޖުލައި މަހުގެ 20، 23 އަދި 24 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުންތައް ބޭއްވުމަށް ހަމަޖައްސާފައިވައިވަނީ އައްޑޫ ސިޓީގެ ތިން ސަރަހައްދެއްގައެވެ. މި ގޮތުން މި މަހުގެ 20 ވަނަ ދުވަހު ހުޅުދޫ އަދި މީދޫ ރައްޔިތުންނާ ބައްދަލުކުރަން ވަނީ ނިންމާފައެވެ. ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫ ރައްޔިތުންނާ ބައްދަލުކުރުން އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ މަރަދޫ ބޮނޑޮގޭގަ އެވެ. ހިތަދޫ ރައްޔިތުންނާ ބައްދަލުކުރުމަށް ހަމަޖައްސާފައިވަނީ 24 ޖުލައި 2017 ވާ ހޯމަ ދުވަހުގެރޭ 8:30 ގައި ސިޓީ ކައުންސިލް އިދާރާގައެވެ. ކައުންސިލުން ބުނެފައިވަނީ މިބައްދަލުވުން ބޭއްވުމުގެ މަގުސަދަކީ ކުރިއަށް އޮތް އަހަރަށް ކައުންސިލް ބަޖެޓްގައި ހިމަނަންޖެހޭ ކަންކަމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުން ކަމަށެވެ. އަދި މި ބައްދަލުވުމުގައި 2017 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ރިޕޯރޓް ހުށަހެޅުންވެސް އޮންނާނެ ކަމަށް ކައުންސިލުންވަނީ ބުނެފައެވެ. އައްޑޫ ސިޓީ މީދޫ ކައުންސިލަރު ވަނީ 06 ޖުލައި 2017ގައިވެސް މީދޫ ރައްޔިތުންނާ ބައްދަލުކޮށް ރަށަށް ބޭނުންވާ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ.