English Edition
Dhivehi Edition

އާޖެންޓީނާގެ އެންމެ މުހިންމު އެއް ކުޅުން ތެރިޔާ ލިއޮނަލް މެސީ ނެތި އާޖެންޓީނާ އިން އިޓަލީގެ މައްޗަށް ކުރި ހޯދިއިރު ދުނިޔޭގައި މިވަގުތު ހުރި އެންމެ އަގު ބޮޑު ކުޅުން ތެރިޔާ ނޭމާ ނެތި ބްރެޒިލުން ރަޝިއާ ބަލިކޮށްފިއެވެ.

އިންޓަނޭޝަނަލް ފްރޭންޑްލީގައި ރޭ އާޖެންޓީނާ އާއި އިޓަލީ މެންޗެސްޓަ ގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗު އާޖެންޓީނާ އިން ކާމިޔާބު ކޮށްފައިވަނީ 2-0 ލަނޑުންނެވެ.

ވޯލްޑް ކަޕަށް ކޮލިފައިނުވުމުން ކޯޗު ޖިއަމް ޕިއޭރޯ ވެންޗޫރާ ވަކިކޮށް ވަގުތީ ކޯޗު ލުއިޖީ ޑި ބިއާޖޯއާ އެކު މެޗާ ކުރިމަތިލި އިޓަލީ އާއި އާޖެންޓީނާ ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި މެސީ ކުޅެފައި ނުވަނީ އޭނާގެ ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި އާޖެންޓީނާގެ ވަރުގަދަ އެޓޭކް ލައިން އިން ފޮނުވާލި ހުރިހާ ހަމަލާއެއް ވެސް އިޓަލީގެ ތަޖުރިބާކާރު ކީޕަރު ބަފޮން ވަނީ މަތަކޮށްފައެވެ.

ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު އިޓަލީގެ އިންސިންޔޭ އަށް ވަނީ ގޯލްޖަހާނެ މުޅިން ހުސް ފުރުސަތެއް ލިބިގެން ގޮސްފައެވެ.

އިޓަލީއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިގެން ދިޔަ މިމެޗުގައި އިޓަލީ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 75 ވަނަ މިނެޓްގައި އެވަ ބަނޭގެ ލަނޑުން އާޖެންޓީނާ ލީޑު ނެގުމެއެވެ. އަދި މެޗުގެ ދެވަނަ ލަނޑު 85 ވަނަ މިނެޓްގައި ލަންޒީނީ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ފްރާންސް ލީގުގައި ކުޅެނިކޮށް ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ނޭމާ ނެތި ކުޅުނު މެޗުގައި ބްރެޒިލުން ވަނީ ރަޝިއާ 3-0 ލަނޑުން ބަލިކޮށްފައެވެ.

މޮސްކޯގައި ކުޅުނު މި މެޗުގައި ބްރެޒިލުން މިއަހަރުގެ ވޯލްޑްކަޕް ބާއްވާ ގައުމު ރަޝިޔާގެ މައްޗަށް ކުރި ހޯދައިދިނީ 53 ވަނަ މިނެޓުގައި ޔޮއާ މިރާންޑާ އެވެ. ދެ ވަނަ ލަނޑު 62 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކާމިޔާބުކުރީ ފިލިއްޕޭ ކުޓީނިއޯ އެވެ. އަދި ތިން ވަނަ ގޯލް 66 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކުޓީނިއޯއާ އެކު ބާސެލޯނާ އަށް ކުޅޭ ޕައުލީނިއޯ އެވެ.