English Edition
Dhivehi Edition

ސެމްސަންގްގެ އެންމެ ފަހުގެ ގެލެކްސީ އެސް9 އަދި އެސް9 ޕްލަސް ދިރާގުން ރޭ ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

އެ ފޯން ރަސްމީކޮށް ނެރުމަށް ދިރާގުން ވަނީ ކުލަގަދަ ހަފްލާއެއް ބާއްވާފައެވެ. ރޭ ބޭއްވި ހަފުލާ ފެށުމުގެ ކުރިން، ދިރާގު ހެޑް އޮފީސް ކައިރީގައި ގިނަ ބަޔަކު ކިޔޫ ހަދައިގެން ތިއްބެވެ. ފޯނު ތައާރަފް ކުރުމަށް ފަހު ކަސްޓަމަރުންނަށް ހެޑް އޮފީހުގެ ދޮރު ހުޅުވާލުމާ އެކު ފޯނު ގަތުމަށް އެންމެ ފުރަތަމަ ވަން ކަސްޓަމަރ، އަހުމަދު އަޝްރަފަށް ހޫނު މަރުހަބާއެއް ދިރާގުން ކިޔާފައިވެ އެވެ.

މިއުޒިކާ އެކު ބޭއްވި ޚާއްސަ ހަފުލާގައި ގެލެކްސީ އެސް9 އަދި އެސް9 ޕްލަސް ތައާރަފް ކޮށްދެއްވީ ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ރޮބިން ވޯލް އާއި ސެމްސަން އޭޝިއާގެ މެނޭޖިން ޑިރެކްޓަރު ހަންބޭ ޕާކް އެވެ.

ރޭގެ ހަފުލާގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއެފްއޯ ވިދާޅުވީ ސެމްސަންގްގެ އެންމެ ފަހުގެ ފޯނު ދިރާގުން ރާއްޖެ އަށް އެންމެ ފުރަތަމަ ތައާރަފްކޮށް ވިއްކުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މިހަފްލާގައި ސެމްސަމް ސްރީލަންކާގެ މެނޭޖިންގ ޑިރެކްޓަރް ހަންބޭ ޕާކް ވަނީ ސެމްސަންގުން މިދިޔަ ހަތަރު އަހަރު ރާއްޖެ އަށް ފޯނު ތައާރަފް ކުރުމުގެ ފުރުސަތު ލިބުުމުން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށް ވިދާޅު ވެފައެވެ.

ދިރާގުން ވަނީ އިންސްޓޯލްމަންޓަށް ވެސް ގެލެކްސީ އެސް9 އަދި އެސް9 ޕްލަސް ކަސްޓަމަރުންނަށް ގަންނަން ލިބޭނެ ގޮތް ހަމަޖައްސައިފަ އެވެ. އެ ގޮތުން އެ ކުންފުނިން ފޯނު ގަންނަ ކަސްޓަމަރުންނަށް ހަ މަސް ވަންދެން ފަސް ޖީބީ ޑާޓާ އެލަވަންސެއް ލިބެ އެވެ.

ސެމްސަންގުން އަލަށް ނެރުނު ފޯނުގައި ހިމެނެނީ 62 ޖީބީ އާއި 128 ޖީބީ އެވެ. މިފަހަރު ނެރުނު ފޯނުގައި ހިމެނެނީ ތިން ކުލައެކެވެ. އެއީ މިޑްނައިޓް ބްލެކާއި ކޮރަލް ބްލޫ އަދި ނިއު ލިލަކް ޕާޕަލް އެވެ.