English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި ރޭ މަލާގާ އާއި ބާސެލޯނާ ބައްދަލު ކުރި މެޗުގައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ތިންވަނަ ދަރިފުޅު ލިބުނު އުފަލުގައި އޭނާނުލައި މަލާގާއާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ މޮޅުވެއްޖެ.

މެސީއާއި އޭނާގެ އަންހެނުން އެންޓޮނޭލާ ރޮކޫޒާއަށް ހޮނިހިރު ދުވަހު ފިރިގެން ދަރިއެއް ލިބިފައި ވާއިރު މެސީ ވަނީ އޭނާގެ ފޭސްބުކް ޕޭޖްގައި ތިން ދަރިންނާއި އަންހެނުން ނާއި އެކު ނަގާފައިވާ ފޮޓޯ ހިއްސާކޮށްފައެވެ.

ރަށުން ބޭރުގައި ރޭ މަލާގާއާ ދެކޮޅަށް މެސީ ނުލައި ކުޅުނު މެޗު ބާސިލޯނާ މޮޅުވެފައިވަނީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.

ރޭ މަލާގާގެ ދަނޑުގައި ކުޅުނު މިމެޗުގެ 15 ވަނަ މިނެޓުގައި ބާސާ އިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފަ އެވެ. ޔޯޑީ އަލްބާ ނަގައިދިން ހުރަހަކުން މި ލަނޑު ބާސާއަށް ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒެވެ.

ސުއަރޭޒްގެ ލަނޑައަށް ފަހު ބާސާއިން ވަނީ މެޗުގައި ރަނގަޅު ކުޅުމެއް ދައްކަން މަސައްކަތް ކުރި މަލާގާ ކޮޅަށް 28 ވަނަ މިނެޓުގައި ދެވަނަ ލަނޑު ޖަހާފައެވެ.މި ލަނޑު ބާސެލޯނާއަށް ކާމިޔާބުކޮށްދިނީ ޖެނުއަރީ ޓްރާންސްފާގައި ލިވަޕޫލުން އެޓީމާ ގުޅުނު ބްރެޒިލް މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ އެވެ.

ރޭގެ މެޗުގައި ބާސާއިން ދެ ލަނޑުގެ ލީޑެއެއް ނެގި ނަމަވެސް މަލާގާއިން ވަނީ މޮޅު ކުޅުމެއް ދައްކަން މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް ބާސާއިން މުޅި މެޗުގެ ކޮންޓްރޯލް އެއްކޮށް ހޯދީ ބާސާގެ އަލްބާއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އެޓީމުގެ ސެމިއުލް ގާސިއާއަށް ދެއްކި ރަތް ކާޑާ ގުޅިގެންނެވެ.

ސްޕެނިޝް ލަލީގާގައި ރޭގެ މެޗުން މޮޅު ވުމާއި އެކު ބާސާއަށް 28 މެޗުން 72 ޕޮއިންޓް ލިބިފައިވާ އިރު ދެވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 27 މެޗުން ލިބިފައި ވަނީ 61 ޕޮއިންޓެވެ. އަދި ތިންވަނާގައި އޮތް ރެއާލް މެޑްރިޑަށް ކުޅުނު 28 މެޗުން ލިބިފައި ވަނީ 57 ޕޮއިންޓެވެ.