English Edition
Dhivehi Edition

ދިވެހި ކަނބަލުންނަކީ ޒަމާނުއްސުރެ ހީވާގިކަމާއި މުރާލިކަމުގެ ނަމޫނާ އެކެވެ. ކުރަން އަޒުމް ކެޑައަޅާ ކޮންމެ ކަމެއް ވަރުގަދަ އަޒުމަކާއެކު ކާމިޔާބުކަމާ އެކު ނިންމާލާފައި ނޫނީ ހުއްޓާލާ ބައެއް ނޫނެވެ

ސ.މީދޫ ތްރީފްލާވާ މަރްޔަމް ނިޒާމާއަކީވެސް މިފަދަ ކަނބަލެކެވެ.ނިޒާމާއަކީ ދެކުދިންނާއި ފިރިމީހާގެ ކަންތައްތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުންދާ ހީވާގި މުރާލި އަންހެނެކެވެ. ކުރަން އަޒުމް ކަޑައެޅި ކޮންމެ މަސައްކަތެއް ކާމިޔާބުކަމާއެކު ނިންމާލާފަ ނޫނީ ހުއްޓާ ނުލާފަރާތެކެވެ.އަބަދުވެސް ކަވި މަސައްކަތްތައް ކުރުމުގެ ޝައުގުވެރިކަން ހުންނަ ނިޒާމާއަށް މަސައްކަތުގެ ދާއިރާއަށް ނިކުމެވުނީ ހުޅުދޫގައި ކުރިއަށް ގެންދިޔަ ބޭސިކް ކޭކް ޑެކަރޭޝަން ކޯހުންނެވެ. އެ ކޯސް ފުރިހަމަކުރުމަށްފަހު ކޭކު އެޅުމުގެ މަސައްކަތް ފެށި ނިޒާމާ ހަމައެކަނި ބޭސިކް ކޯހަކުން ނިންމާލާކަށް ގަސްދެއް ނުކުރިއެވެ. “ރަށުގަ ބޭސިކް ކޯސް ފުރިހަމަކޮށްފަ އެހާ ހިސާބުން ނިންމާލާކަށް ބޭނުމެއް ނުވި. ދެން ޗުއްޓީއެއްގަ މާލެ ގޮސް އަނެއްކާ ބޭސިކް ހެދީ. ދެން ޗުއްޓީއަށްދާ ކޮންމެ ފަހަރަކު ކޯހުގެ އެކި ބައިތައް ފުރިހަމަ ކުރަމުން ގޮސް އެޑްވާންސް ނިންމާލީ.”މީދޫގައި ކޭކު އެޅުމުގެ ދާއިރާއިން މަޝްހޫރު ނިޒާމާ ބުންޏެވެ

ނިޒާމާއަކީ ކޭކު އެޅުމުގެ އިތުރުން މިހާރުވެސް އެޑްވާންސް ފަހާ ކޯޙުގައި ބައިވެރިވެ ކިޔަވަމުންދާ ބައިވެރިއެކެވެ. ނިޒާމާއަކީ 2007 ވަނަ އަހަރު ޒުވާނުންގެ މަރުކަޒުން އައްޑޫ ސިޓީ މީދޫގައި ކުރިއަށް ގެންދިޔަ ފަހާ ކޯހުގައި ބައިވެރިވެ ބޭސިކް ހަދުމަށްފަހު އެ މަސައްކަތްވެސް ހުއްޓާ ނުލާ ކުރަމުންގެންދާ ކަނބަލެކެވެ. ބައްޕަ ގެ ފިޔަވަޅުމަތިން ބައްޕަ ފަދަ ހީވާގި މުރާލި މީހަކަށް ވުމުގެ އަޒުމުގައި ކުރިއަށްދާ ނިޒާމާ ބުނެފައިވަނީ އެންމެ ފުރަތަމަ މަސައްކަތް ފެށީ ޝައުގުވެރިކަން ހުރުމުން ކަމަށާއި ކޮންމެހެން އާމްދަނީ ހޯދުމުގެ ބޭނުމުގައި ނޫންކަމުގައެވެ. “ބައްޕައަކީވެސް ވަރަށް ހީވާގި މުރާލި މަސައްކަތެރި މީހެއް. އަހަރެންވެސް ބޭނުންވަނީ ބައްޕަކަހަލަ ހީވަގި މުރާލި މަސައްކަތްތެރި މީހަކަށްވާން. ދެން މިހާރު ގިނަ ބަޔަކަށް އަހަރެންގެ މަސައްކަތް ކަމުދިޔައީމަ ވަރަށް ގިނައިން އާދޭ ހިދުމަތް ހޯދަން.”ނިޒާމާ ބުންޏެވެ

މިހާ ހިސާބުން އަދި ނިޒާމާ ކުރާ މަސައްކަތް ނިމުނީ އެއް ނޫނެވެ. މިހާރުވެސް ޤާރީ ކޯހުގެ ލެވެލް 4 ގައި ކިޔަވަމުންދާ ނިޒާމާއަކީ ކުޑަކުދިންނަށް ޤުރުޢާން އުގަންނައި ދިނުމުގެ މަސައްކަތް ކުރަމުންދާ ފަރާތެކެވެ. “މިހާރުވެސް ގޭގަ ދެތިން ކުދިންނަށް ކިޔަވައިދެން. އަސްލު މީ އެންމެ ކުރިއަށްދާން ބޭނުންވާ ދާއިރާ، ފުރުސަތު ލިބޭ ވަރަކުން ހަމަ މި މަސައްކަތްވެސް ދާނީ ކުރިއަށް”ނިޒާމާ ބުންޏެވެ

ނިޒާމާ ކުރަމުންދާ ކޮންމެ މަސައްކަތެއްވެސް އޭނާ ކުރަމުންދަނީ ހިދުމަތް ހޯދަން އަންނަ ފަރާތްތަކުން ހިތްހަމަޖެހޭގޮތަށް ވީހާވެސް ރަގަޅަށް ފުރިހަމައަށް ކުރުމުގެ ނިޔަތާއެކުގައެވެ. އޭނާގެ އެންމެ ބޮޑު އަޒުމަކީ އޭނާ ކުރަމުންދާ މަސައްކަތުން ކުރިއަށް ދެވުނު އެންމެ މައްޗަކަށް ކުރިއަށް ގޮސް ރަށުގެ ރައްޔަތުންނަށް ‘ކޮލިޓީ’ ހިދުމަތެއް ދިނުމެވެ

ރަށުގެ އިޖްތިމާއީ ކަންކަމުގައިވެސް އިސްކޮށް ހަރަކާތްތެރިވަމުންދާ ނިޒާމާއަކީ ޗޭނު ޖަމިއްޔާގެ އިންތިޒާމު ސެކެސްޓްރީއެވެ. “އަސްލު ވަރަށް އުފާވޭ ފިރިމީހަ ހުރިހާ ކަމެއް ކުރުމުގައި ދޭ އެއްބާރުލުމުގެ ސަބަބުން. “ނިޒާމާގެ މި މަސައްކަތްތަކުގައި އޭނާގެ ފިރިމީހާއާއި އާއިލާގެ ފަރާތުންވެދެމުން ގެންދާ އެހީ އާއި އެއްބާރުލުމަކީ މަސައްކަތުގެ ދާއިރާއިން ކުރިއަށް ދިއުމަށް އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ. “ކޭކު އެޅުމަށް ބޭނުންވާ ގިނަ ސާމާން ރަށުން ނުލިބޭ. އެކަމަކު އެއްބަނޑު މީހުން އެ އެއްޗެހި ގަނަފަ ރަށަށް ފޮނުވަދީ ވަރަށް ހެލްޕްވޭ. އެހެންވެ އަސްލު މަސައްކަތުގަ މި ގޮތަށް ދެމިހުރެވެނީވެސް.”ނިޒާމާ ބުންޏެވެ. އަބަދުވެސް ނިޒާމާ އެންމެ ބޮޑު އިސްކަމެއްދޭ ކަމަކީ ކުރާ މަސައްކަތައް އެހެން މީހުންގެ ފަރާތުން ‘ނެގެޓިވް ކޮމެންޓެއް’ ނައިސް ފުރިހަމައަށް ނިންމާލުމަށެވެ. “ވަރަށް އުފާވޭ ކުރާ މަސައްކަތުގެ އަހު ވަޒަން ކުރާތީ. ހަމަ ހުރިހާ އެންމެންވެސް ބަލައިގަނޭ ކުރާ މަސައްކަތް.” ބައިވެރިވާ ކޯސްތައްވެސް ރަންވަނަ ތަކާއެކު ނިންމާލާ ނިޒާމާ ބުންޏެ

ނިޒާމާއަކީ ހުރިހާ ކަނބަލުންވެސް ފަހުރުވެރިވުން ހައްގު މުރާލީ ހީވާގި ހިތްހެޔޮ ނަމޫނާ އަންހެނެކެވެ.ވަރުގަދަ އަޒުމެއްގައި ކުރިއަށް ދިއުމަށް ނިކުމެ ހުރި ފިސާރި ކަނބަލެކެވެ