English Edition
Dhivehi Edition

ގައުމީ އެއާލައިން މޯލްޑިވިއަންއިން ރާއްޖެ އާއި ޗައިނާއާ ދެމެދު ބާއްވަމުން އައި ފްލައިޓުތައް ކެންސަލްކުރި ކަމަށް ދެކެވޭ ވާހަކަތައް އެ އެއާލައިނުން ދޮގުކޮށްފި އެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުން ޗައިނާ ފަތުރުވެރިން މަދުވެ، އެގައުމަށް ފްލައިޓުތައް ބޭއްވުމަކީ މޯލްޑިވިއަންއަށް މިވަގުތު މާލީ ގޮތުން ދެކޮޅު ޖެއްސޭ ކަމެއް ނޫންކަމަށް ބުނެ، މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތައް ހުއްޓަލަން ހަމަޖައްސާފައިވާ ކަމަށް ބޭރުގެ ވެބްސައިޓެއްގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

މިކަމަށް ރައްދު ދެމުން މޯލްޑިވިއަން އިން ރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޗައިނާއަށް ކުރާ ދަތުރުތައް ކެންސަލް ނުކުރާ ކަމަށެވެ.

“ނަމަވެސް އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން ޗައިނީޒް ނިއު އިޔާއަށް ފަހު ފަތުރުވެރިން މަދުވާ ދުވަސްވަރަށް ބަލައި، އޮޕަރޭޝަންތައް ޑައުންގްރޭޑު ކުރީ” ކަމަށް މޯލްޑިވިއަންއިން ރޭ ބުންޏެވެ.

ގައުމީ އެއާލައިނުން ބުނީ ޗައިނާ ފްލައިޓުތައް އާންމު އުސޫލުން ބާއްވަން ފަށާނީ އޭޕްރިލް މަހުން ފެށިގެން ކަމަށެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ. އެ ގައުމުން ކޮންމެ އަހަރަކު ވެސް ތިން ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އާދެ އެވެ. އެހެން ނަމަވެސް މިދިޔަ އަހަރުތަކުގެ ތެރޭގައި، އެ އަދަދު ވަނީ އަހަރުން އަހަރަށް ދަށްވެފަ އެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއި ސިޔާސީ ގޮތުން ހަލަބޮލިވުމާ ގުޅުވައިގެން ޗައިނާ ސަރުކާރުން ވަނީ އެ ގައުމުގެެ ރައްޔިތުން ރާއްޖެ ނައުމަށް އިލްތިމާސްކޮށް، ޓްރެވަލް އެޑްވައިޒަރީ ނެރެފަ އެވެ. ނަމަވެސް ފަހުން އެގައުމުން ވަނީ އެ އެޑްވައިޒަރީ އިސްލާހުކޮށް، ރާއްޖެ ނައުމަށް އިލްތިމާސް ކުރުމުގެ ބަދަލުގައި ރައްކާތެރިވުމަށް އެދިފަ އެވެ.

ޗައިނާގައި ހުންނަވާ ދިވެހި ސަފީރު ޑރ. މުހައްމަދު ފައިސަލް ވިދާޅުވީ އެފަދައިން ޗައިނާއިން ޓްރެވަލް އެޑްވައިޒަރީ ނެރުނީ އެދުވަސްވަރާ ޗައިނީޒް ނިއު އިޔާއާ ދިމާވެ، އަދި މި އަހަރަކީ ސިޔާސީ ގޮތުން ޗައިނާ އަށް މުހިންމު އަހަރަކަށް ވާތީ، އެގައުމުގެ އެއްވެސް ރައްޔިތަކު ނުރައްކަލަކަށް ހުށަހަޅަން ސަރުކާރުން ބޭނުން ނުވުމުން ކަމަށެވެ.

“އެހެންނަމަވެސް، ރާއްޖެއާ މެދު ޗައިނާ މީހުން، ޚާއްސަގޮތެއްގައި ފަތުރުވެރިން ދެކޭގޮތް ބަދަލުވެފައެއް ނުވޭ. އަދި ވެސް އެމީހުން ގަބޫލު ކުރަނީ ރާއްޖެއަކީ އަމާން އަދި ސުލްހައަށް ލޯބި ކުރާ ބަޔަކު އުޅޭ ޤައުމެއްކަމަށް،” ޗައިނާގައި ހުންނަވާ ދިވެހި ސަފީރު ވިދާޅުވި އެވެ.

މޯލްޑިވިއަންއިން ޗައިނާގެ ޗެންގްދޫ، ޗޮންގްޗިންގް، ހަންޖޯ، ނަންޖިންގް، ވުހާން އަދި ޝިއާންއަށް ދަތުރުކުރެ އެވެ.