English Edition
Dhivehi Edition

ބޮލީވުޑްގެ އެންމެން ލޯބިން ކިޔާ “ޝަމްމި އާންޓީ” މުސްކުޅި ބަލީގައި ދުވަސްތައް ހޭދަކުރުމަށްފަހު މަރުވެއްޖެއެވެ.

ނަރްގިސް ނުވަތަ ބޮލީވުޑްގެ ނަމުން ނަމަ ޝަމްމީ އާންޓީއަކީ ގިނަ ފިލްމުތަކެއް ކުޅެފައިވާ ފަރާތެކެވެ. އެގޮތުން “ކޫލީ ނަމްބަރު 1، “ޚުދާ ގަވާ”، “ހަމް”، “އަރްތް”، “ދަ ބާނިންގ ޓްރެއިން” އަދި ދާދި ފަހުން ނިކުތް ފެލްމެއް ކަމަށްވާ “ޝީރީން ފަރުހާދު ކީ ނިކަލް ޕަޅީ” އަކީ ފާހަގަ ކޮށްލެވޭ ފިލްމު ތަކެކެވެ.

މީގެ އިތުރުން ޝަމްމި ވަނީ ޓީވީ ސިލްސިލާތައް ކަމުގައިވާ “ދޭކް ބާއި ދޭކް”، ޒަބާން ސަނބާލް ކޭ”، “ޝްރީމާން ޝްރީމަތީ”، “ކަބީ ޔޭ ކަބީ ވޯ”، އަދި ” ފިލްމީ ޗައްކަރު” ފަދަ ސިލްސިލާތައް ކުޅެ މީހުންގެ ހިތް އަތުލާފައެވެ.

ލަވަ ކިޔުންތެރިޔާ މުކޭޝް ޕްރޮޑިއުސް ކުރި ފިލްމެއް ކަމަށްވާ ‘މަލްހާރު” އިން ފުރަތަމަ ފެނިގެން ދިޔަ ޝަމްމީގެ އެފިލްމަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބުތަކެއް ހާޞިލް ކުރެވިފައިނުވެއެވެ. އެހެން ނަމަވެސް ދިލިޕް ކުމާރު އާއިއެކު ކުޅެން ލިބުނު “ސަންގްދިލް” އަށްފަހު ޝަމްމި ފަސް އެނބުރި ބަލާފައެއް ނުވެއެވެ.

ޝަމްމި ވަނީ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރެއް ކަމަށްވާ ސުލްޠާން އަޙުމަދު އާއި އިނދެގެން 7 އަހަރު ހޭދަ ކޮށްފައެވެ. އެކައިވެނި މާ ކާމިޔާބު ކައިވެންޏަކަށް ނުވެ ދެމީހުންވަނީ ވަރިވެފައެވެ.

ޝަމްމީ އާންޓީ މަރުވުމާއި ގުޅިގެން ބޮލީވުޑްގެ ތަރިން ދަނީ ސޯޝަލް މީޑިއާގައި ތަޢުޒިޔާ ކިޔަމުންނެވެ.