English Edition
Dhivehi Edition

އަހަރެންގެ އުމުރުން ފަންސަވީސް އަހަރުވީ އިރުވެސް ދެލޮލުން ކަރުނައެއް ނުހިކުނެވެ. އަބަދުވެސް ކޮންމެވެސް ކުއްޖަކު ރައްޓެހިވާން އުޅެއެވެ. ރައްޓެހިވާ އަވަހަށް އޮންނަނީ ރުޅި ވާން ޖެހިފައެވެއެވެ. އަހަންނާ ރައްޓެހިވާ އެކަކުވެސް ހަރެއް ނުލައެވެ. ކޮންމެ މީހެއްގެ ފަރާތުންވެސް ލިބެމުން އައީ ކެއްސެވެ. ލިބެނީ ލަނޑެވެ. އެކަމަކު ކޮންމެ ފަހަރަކުވެސް ރައްޓެހިވަނީ އެތައް އުންމީދަކާއެކުގައެވެ. އެމީހުން ކުރާ އެތަކެއް ވައުދުތަކާއެކުގައެވެ.

މިކަންތައް ތަކުރާރުވާން ފެށުމުން އަހަރެންގެ އުންމީދުތައް ގެއްލެން ފަށައިފިއެވެ. އެހެންވެ މިހާރަކަށް އައިސް ރައްޓެހިވާން މީހަކު އަދި ހުށަހެޅިޔަސް އަހަރެން ދެނީ ފުރަގަހެވެ. އެދައުވަތު ގަބޫލު ކުރާހިތެއް ނުވެއެވެ. ލިބޭ އުފަލަކަށް ވުރެން ލިބޭ ހިތްދަތިކަން ބޮޑުވީމައެވެ.

އެތަކެއް ދުވަހު ރައްޓެހިވެގެން އުޅެފައި ރުޅިވާން ޖެހުމަކީ އެކަކަށް ވެސް ފަސޭހަ ކަމެއް ނޫނެވެ. ރަށުތެރެއަށް ގިނަވެ އަގުވެއްޓުން ނޫން ކަމެއް ނުވެއެވެ.

އަހަރެން ވިސްނާ ވިސްނާވެސް މިހެން އަހަންނަށް ދިމާވާން ޖެހޭ އެއްވެސް ސަބަބެއް ނުވިސްނުނެވެ. އަހަންނަކީވެސް ރީތި ނޫން ކުއްޖެކޭ އެކަކުވެސް ނުބުނެއެވެ. އެކަމަކު އަހަންނަކީ ރީތި ކުއްޖެއް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަމެވެ. އަހަރެންގެ ކަނާތު ކޯތާފަތާ ކަންކަށްޓާ ދިމާއަށް ފެތުރިފައި ހުންނަ ގަދަރަތްކުލައިގެ އުފަން ލަފެއް ހުންނަކަން އަހަންނަށް އަބަދުވެސް ފާހަގަ ކުރެވެއެވެ. އެ ލައް މިހާރު ހުންނަނީ ވަރަށް ފަނޑުކޮށެވެ. ވިޔަސް އަހަންނަށް އެކަން އިހްސާސްވެއެވެ. އެހެންވެ އަހަރެންގެ މޫނުގެ އެފަޅި އިސްތަށިގަނޑުން ނިވާކޮށް ހަދަމެވެ. އަހަރެން ދެކެނީ އެހާ ކުޑަ އައިބަކާ ހެދި އެކަކުވެސް އަހަންނާމެދު އިހާނާތްތެރިވާން ނުޖެހޭނެ ކަމަށެވެ. އެކަކުވެސް އަހަންނަކީ ގޯސް އަދި ވިޔާނުދާ ކުއްޖެކޭ ނުބުނާނެކަން އަހަންނަށް ޔަގީންވޭމެއެވެ. މީހާގެ ގައިގާ ފެންނަން ހުންނަ ލަކުނަކީ އައިބެއް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަމެވެ. އެތެރޭގައި ފޮރުވިފައި ހުންނަ އައިބަކީ މީހާ މާ ހުތުރު ކޮށްލާނެ ކަމެކެވެ. އަހަރެންނަކީ އަބަދުވެސް ތެދުވެރިކަމާ ވަފާތެރިކަމަށް ލޯބިކުރާ މީހަކީމެވެ. އެއީ އަހަރެންގެ މާމަ އަހަންނަށް ދަސްކޮށްދިން ކަމެއް މެއެވެ.

އަހަރެން ރައްޓެހިވާ މީހުންނާ ގުޅުން ކެނޑެން ޖެހެނީ އެމީހުންގެ ކިބާގައި އެފަދަ ވަފާތެރިކަމެއް ހުންނަތަން އަހަންނަށް ނުފެންނާތީއެވެ. ބޭވަފާ އެއީ އާންމު ކަމަކަށް ވަނީ ވެފައެވެ. އަދި އެމީހުންގެތެރޭން ތެދުވެރިކަން އަމުދުން ނުވެސްފެނޭ މެއެވެ. އެހެން ކަމުން ކޮންމެފަހަރަކުވެސް އަހަންނަށް ލިބެނީ ނާއުންމީދެވެ. އޮހޮރަން ޖެހެނީ ކަރުނައެވެ.

އަހަރެންގެ ލޮލަކު އޮއްސާނެ ކަރުނަތަކެއް މިހާރަކު ނެތެވެ. ކޮންމެ އުންމީދުތަކަށް ނިމުން އަންނަނީ އެތައް ބައިވަރު ކަރުނައަކުންނެވެ. އަހަރެން ދުށް ހުރިހާ ހުވަފެންތަކެއް ބިލާހަށް ވެ ނިމިއްޖެއެވެ. ބަލަލާނެ ދިމާއެއް ކޮށްލާނެ އުންމީދެއް ނެތެވެ. ދެކޭނެ އާ ހުވެފެނެއް ނެތެވެ. އަހަރެންގެ ރައްޓެއްސަކަށް ލިބިފައިވާހައި ވެސް އެއްޗަކީ އަހަރެންގެ ކުޅޭ ބުދެވެ.

އަހަރެނެްގެ ހަނދާނަށް އަންނަނީ އަހަރެންގެ އުމުރުން 6 ނުވަތަ 7 އަހަރުގައި ކޮންމެވެސް ކުޑަ ފިރިހެން ކުއްޖަކު އަހަންނަށް އެ ބުދު ދިން ހަދާނެވެ. އެއީ އެކުއްޖާއަށް ކސިްމިސްއެއްގައި ގަމުން ލިބުނު ބުދެކެވެ. އަހަރެން އެ ތަނަށް ނުދާތީ އެކަހަލަ އެއްޗެއް އަހަންނަކަށް ނުލިބެއެވެ. ގިނައިން އެކަލަހަތަންތަނަށް ގަމަށް ގެންދަނީ ފިރިހެން ކުދީންނެވެ. އަހަރެން އޭތި އަތުލަން ފަސްޖެހުނީމެވެ. އެއީ ވަރަށް ރީތި ކުޅޭ ބުދެކެވެ. އަހަރެން ވަރަށް ބޭނުން ވިއެވެ. އެކަމަކުވެސް އޭނާ ބުނެބުނެ އަހަރެން އޭތި ނާތުލީމެވެ. އެންމެފަހުން އޭނާ އެއެތި އަހަރެންގެ ފައިދަށަށް އެއްލާލާފައި ދިޔައީއެވެ.

އަހަރުތަކެއް ވަނީ މާޒީވެ ގޮސްފައެވެ. އަހަންނަކަށް އޭގެ ފަހަކުން އެކުއްޖާއެއް ނުފެނެއެވެ. މިހާރު ހުރި ސިފައެއް ވެސް ނޭނގެއެވެ. އެއީ ނިޝާން ކިޔާ ކުއްޖެއްކަން އަހަންނަށް ފަހުން އެނގުނެވެ. އެއީ ފޭދޫގައި ކުރީގައި އުޅުނު އާއިލާއެކވެ. އެކަމަކު ފަހުން އެމީހުން ވަނީ މާލެ ގޮސްފައެވެ.

އަހަރެން މީގެ ކުރިއަކުން އެކަމަކާވިސްނައެއް ނަހަދަމެވެ. އެއީ އަހަރެންގެ ދުރު މާޒީއެއް ކަމުންވެސް މެއެވެ. އެހެންނަމަވެސް އޭނާގެ އަންހެން ކޮއްކޮ ޝަޒިއްޔާ ފަހުން އައި ދަތުރެއްގައި ނިޝާން ކުޑައިރު ކުރަހަން ގެންގުޅުނު ފޮތެއް އަހަންނަށް ގެނެސްދިނެވެ. އެއީ އޭނާ ކުރަހާފައި ހުންނަނީ އަހަރެންގެ ތަސްވީރުކަން އޭނާއަށް ވިސްނިގެންނެވެ. އޭގައި އޭނާ ކުރަހާފައި ހުންނަ އަންހެން ކުދީންގެ މޫނުގައި އަހަރެންގެ ހުންނަ ކަހަލަ ލަކުނެއް ހުންނާތީއެވެ. އޭގެ ތެރޭގައި ހައިރާންވާހާ ބޮޑަށް އަހަންނާ ވައްތަރު ކުރެހުންތައް ވެސް ހުއްޓެވެ.

ޝަޒިއްޔާ އެފޮތް އަހަންނަށް ގެނެސްދިނީވެސް އެއީ އަހަރެންކަން ޔަގީން ކުރުމަށެވެ. އަދި ޝަޒިއްޔަގެ ފަރާތުން ނިޝާން ކިޔަވަން ރަޝިޔާއަށް ގޮސްފައިވާކަން އަހަންނށް އެނގުނެވެ. އޭނާގެ ފަހުގެ ފޮޓޯއެއްވެސް އަހަންނަށް ދިނެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އަހަރެންވެސް މާލެ ބަދަލުވެ ރަށުން ހިނގައްޖެއީމެވެ. އަހރެން ދިޔައީ މަންމަގެ ބޭހަކަށެވެ. އެކަމަކު އެގޮސް އުޅުމުގެ ތެރޭގައި އަހަންނަށް ކެފޭއަކުން ވަޒީފާއެއް ލިބިއްޖެއެވެ. އެއީ ވަރަށް މަޝްހޫރު އަދި ގިނަބަޔަކު ގޮސް އުޅޭ ކެފޭއެކެވެ.

ރަށުގައި ކުރާނެ ކަމެއް ނެތިފައި ހުރީތީ މަންމަވެސް އެކަމަކާ ދެކޮޅެއް ނުހެދިއެވެ. އަހަރެންނަށް ޖެހެނީ ކޭޝް ކައުންޓަރު ބެލެހެއްޓުމެވެ. އެހެންކަމުން އެއަކީ އެހާ ބުރަވެސް މަސައްކަތެއް ނޫނެވެ.

މަންމަ ބޭހުގެ ކަންތައް ނިމުމުން ރަށަށް ދިޔައީއެވެ. އަހަރެން ހުރީ ތިމާގެ ބައެއްގެ ގާތު އެވެ.

އަހަރެން އެހުރި ހުރުމުގައި ޝަޒިއްޔާ ފެނޭތޯ ވަރަށް ބެލީމެވެ. މާލެއަކީ މިހާރު މީހުން އެހާގިނަ ތަނެއް ކަމަށްވާތީ އެއެންެމެންގެ ތެރޭން މީހަކު ހޯދުމަކީ ދަތިކަމެކެވެ.

އޭރުވެސް ޝަޒިއްޔާ ގެނައި ފޮތާއި އަދި ނިޝާންގެ ފޮޓޯ އަހަރެން ގެންގުޅެމެވެ. އެއީ ވަކި މަގުސަދެއް އޮވެގެންވެސް ނޫނެވެ. އަހަރެން މިހާރަކު އެއްވެސް މީހަކަށް އިންތިޒާރެއް ނުކުރަމެވެ. އަހަރެން ދެކެނީ މީ އަހަރެންގެ ތަގުދީރުގައި ވާން ހުރި ގޮތް ކަމުގައެވެ.

އަހަރެންގެ ކެފޭއަކީ އާންމުކޮށް ވަރަށް ގިނަ ޒުވާނުންނާއި ޖޯޑުތައް އައިސްއުޅޭ ތަނެއް ކަމުން ނިޝާން މާލޭގައި އުޅެންޏާ އެތަނަށް އަތުވެދާނެއޭ ހިތަށް އަރައެވެ. އެހެންނަމަވެސް އެންމެ ފޮޓޯއަކުން ބަލާފައި މީހާގެ އަސްލު ސިފައެއް ނޭނގޭނެކަންވެސް އަހަންނަށް ވިސްނެއެވެ. ވިޔަސް އެ ފޮޓޯއިން އެފެންނަ ސޫރައާ ވައްތަރު މީހަކު ފެނިއްޖެ ނަމަ އަހަންނަށް އަބަދުވެސް ބަލާލެވެއެވެ. ދެފަހަރެއްގެ މަތީން ވަރަށް ވައްތަރު މީހަކު ފެނިގެން އަހަރެން އޭނާގެ ކައިރިއަށް ދިޔައިމެވެ. އަދި އަހަރެންގެ މޫނުގެ ލަކުނު ފެންނާނެހެން އިސްތަށިގަނޑު އެއްފަރާތްކޮށް ވެސް ހެދީމެވެ. އެކަމަކު އެއިން މީހަކަށް އެ ލަކުނު ފާހަގަވީ ކަމެއް ނޭނގެއެވެ. އަހަރެންގެ މޮޔަކަން ހިތަށް އެރިއެވެ. އެހާ ކުޑައިރު ފެނިފައިވާ ލަކުނެއް މިހާރަކު އެކަކަށް ވެސް ހަނދާނެއް ނުހުންނާނެއެވެ. އެއީ ކުޑަ އިރެވެ. ކުޅޭ ކުޅޭ ދުވަސްވަރެވެ.

މިހެން މިކަން އޮތްނަމަވެސް އަހަންނަށް އަބަދުވެސް ބެލެއެވެ. އަދި އެއްފަހަރަކު ފެނުނު މީހަކު މާބޮޑަށް ވައްތަރު ވުމުން އަހަރެން ގޮސް އޭނާއަށް އެކުރަހާ ފޮތް ދައްކާވެސް ހެދީމެވެ. އަހަރެންގެ މޫނުގައިވާ ލަކުނަށް އޭނާ އެތައް އިރަކު ބަލަން ހުރިވެސް މެއެވެ. އެކަމަކު އޭނާ އެންމެ ފަހުން ބުނީ އަހަންނަކީ އޭނާއަށް ފެނިފައިވާ ކުއްޖެއް ނޫން ކަމުގައެވެ. އެކަމަކު އަހަރެން ބޭނުންނަމަ އަހަންނާ ގުޅިދާނެ ކަމަށެވެ.

އަހަރެން އެ ދައުވަތެއް ގަބޫލެއް ނުކުރަމެވެ. އަހަރެން އެނބުރި އައީ އެވެ. ނާއުންމީދުވެ ހުރެގެންނެވެ.

އޭގެ ފަހަކުން ދެން ކިތަންމެ ވައްތަރު މީހަކު ފެނުނަސް އަހަރެން އެކަމަކާއެއް ނުވިސްނަމެވެ. އެހެންނަމަވެސް އެކަން ހިތުގައި އޮވެއެވެ. ވިޔަސް އުންމީދެއްގެ ހުޅުކޮޅު އަބަދުވެސް ނުނިވި ހުރެއެވެ.

އަހަންނަށް ނިޝާން އަސްލުގައި ފެނުނީ ރައްޓެއްސަކާއެކު ޑޮކްޓަރަށް ދިޔަ ދުވަހެއްގައެވެ. އޭނާ ދެއްކީ ގައިނީއަކަށެވެ. ރަޝިޔާއިން ކިޔަވައިގެން ވަރަށް ފަހުން އައި މޮޅު ޑޮކްޓަރަކަށެވެ. ޑޮކްޓަރ ނިޝާން އަށެވެ.

އަހަރެން އެ ނަންބޯޑަށް ބަލަން އެތައް އިރަކު އިނީމެވެ. އެންމެ ފަހުން ރައްޓެހި މީހާ ނުކުތުމުން އެ ޑޮކްޓަރުގެ ސިފަ އެހީމެވެ. ވިޔަސް އޭނާ ބުނެދޭނީ ކިހިނެއްހެއްޔެވެ. “ސްމާރޓް ޔަންގް މޭން. “ އޭނާ ބުނެލީ މިހެންނެވެ.

އޭގެ ފަހުން އެޑޮކްޓަރުގެ ސިފަ ދުށުމަށް އަހަރެން ބޭނުންވިއެވެ. އެކަމަށް ޝައުގުވެރިވީ ނުހަނު ބޮޑަށެވެ. އެހެން ކަމުން އަހަރެން ކަމާކަންފަށާ ޑޮކްޓަރ ނިޝާންގެ އެޕޮއިންޓްމެންޓަކަށް އެދުނީމެވެ.

ކިޔޫގެ ދިގުކަމުން އަހަރެންނަށް އެތައް ހަފްތާއަކު އިންތިޒާރު ކުރަން ޖެހުނެވެ. އެހެންނަމަވެސް އެންމެ ފަހުން އެޕޮއިންޓްމެންޓްގެ ދުވަސް އައިސް ޖެހިއްޔެއެވެ.

އަހަރެން ތެޅިތެޅި އޮތް ހިތަކާއެކު އެ ޑޮކްޓަރއަށް ދައްކަން ދިޔައިމެވެ. އަހަރެން ދައްކަނީ ކޮން މައްސަލައަކާ ހެދިގެންނޭ ބުނާކަށް ޚުދު އަހަންނަކަށް ވެސް ނޭނގެއެވެ. ގައިނީ އަކަށް ދައްކަން ޖެހޭފަދަ ކަމެއް ދިމާވެއްޖެ ނަމަ ހަމަ ގައިމުވެސް އަހަންނަކަށް ނިޝާންއަށް ދައްކާކަށް ނުކެރޭނެއެވެ.

އަހަރެން އައީ ނިޝާންގެ ކުރަހާފޮތް ހިފައިގެންނެވެ. އަހަރެން ވަދެ ބަލާލިއިރު އެއީ ދުވަހަކުވެސް ތަނެއްގައި ނިޝާން ހުންނާނެ ނަމަ އޭނާ ކަން ޔަގީންވިއެވެ. ހިމަތޮޅިއެވެ. އެހެންކަމުން ދިގުކަމަށް ދައްކައެވެ. ރީތި ދެލޮލެވެ. އަހަރެންނަށް އެކުޅޭ ބުދު ގެނެސް ދިން ކުއްޖާގެ ލޮލުގެ މަތީން ހަނދާން އާވިއެވެ. އަހަރެން ބުނާނެ އެއްޗެއް ނޭނގި ގަބު ވެފައި ހުރި ވަގުތު ނިޝާން އަހަރެން އިށީންނަށް އޭނާގެ ކައިރީގައި ހުރި ސްޓޫލް ދެއްކިއެވެ.

އަހަރެން ޒޮމްބީއެއް ފަދައިން ހަރަކާތް ލަސްވެފައި ހުރީމެވެ. “އަހަރެން ވެދޭންވީ ކޮން އެހީއެއް.” އަހަރެން އިށީނުމުން އޭނާ ނުހަނު މަތިވެރި އަޚްލާގަކާއެކު މަޑުމަޑުން އަހާލިއެވެ. އަދި އަހަރެންގެ އަތުގައިވާ ފައިލް އަތުލިއެވެ.

އޭނާ އެފޮތް އެތައް އިރަކު ބަލަން އިނެވެ. އަދި އަހަރެންގެ މޫނުގައި ހުރި ލަކުނުވެސް ބަލާލިއެވެ. ވިޔަސް އޭނާއަކަށް މާބޮޑު އެއްޗެއް އޮޅުންފިލި ހެނެއް ހިއެއް ނުވެއެވެ.

“ކޮބާތަ މައްސަލައަކީ؟ “ އޭނާ އަނެއްކާވެސް ތަކުރާރު ކޮށްލިއެވެ. “އަހަރެން ހީކުރީ މިއީ ކަލޭގެ މެޑިކަލް ފައިލް ކަމަށް. “

އަހަރެން ދައްކަން ހުރި ހުރިހާ ވާހަކައެއް އެހާ ހިސާބުން އެ ނިމުނީއެވެ. ނިޝާންއަކަށް އަހަންނެއް ނޭނގުނެވެ. އަހަންނަށް މި ދުވެވުނީ އަވާ މެންދުރެއްގެ ފަހަތުންނެވެ. ނިޝާންކަހަލަ ސްމާޓް ޑޮކްޓަރަކު ހުސްކޮށް ހުރެދާނެހެއްޔެވެ؟ އެއީ އަހަރެންގެ ވިސްނުމުގެ މޮޔަކަން ހުރިވަރެވެ. އޭނާ އެންމެ ކުޑަމިނުން އޭނާގެ ކުރެހި ފޮތުގެ މަތީންވެސް ހަނދާނެއް ނެތެވެ.

އެވަގުތު އެތަނަށް ބޭރުގެ ރީތި އަންހެން ކުއްޖަކު އައިސް ވަދެއްޖެއެވެ.

އަހަރެން އަވަހަށް ދާން ތެދުވުމުން އޭނާ ހައިރާން ކަމާއެކު ބަލަން އިނެވެ. އަދި ދާން ފެށުމުން، “ސިނާޔާ.. .ސިނާޔާ…”އޭ ދެފަހަރަކު ގޮވާވެސް ލިއެވެ. އަހަރެން ކޮޓަރީގެ ދޮރުފަތް ބާރަށް ލައްޕާލާފައި ގެޔަށް ގޮސް އެނދަށް ވެއްޓިގަތީމެވެ. އަހަރެންގެ ދެލޯ ފުރިގެން އަނެއްކާވެސް އޮހެން ފެށީ ހޫނު ކަރުނައެވެ.

އަހަންނަށް ނިދުނީ ކިހާއިރަކު ކަމެއް ނޭނގެއެވެ. އަހަންނަށް ނޭނގޭ ނަމްބަރަކުން އެތައް މިސްކޯލެއް އައިސްފައި އޮތެވެ. އަނެއްކާވެސް އެ ނަމްބަރުން އަހަންނަށް ގުޅާލިއެވެ.

“މީ ޝަޒިއްޔާ! “

އަހަރެންގެ ހައިރާންކަން އެހާ ހިސާބުން ނިމިގެން ދިޔައެވެ.

އޭގެ ބައިގަޑި އިރުފަހުން ޝަޒިއްޔާއާ އޭނާގެ ބޭބެ ނިޝާން އާ އަހަރެމެން ތިންމީހުން ޕިއްޒާ ހަޓްގައި ތިބީމެވެ. މާޒީވެ ގޮސްފައިވާ އުންމީދެއް ފަދައިން ފަނޑު ބައްތިއެއްގެ އަލީގެ ތެރޭގައެވެ. އައިސްކްރީމްގެ ފޮނިކަމަށް ވުރެން ކިތަންމެ ފަނޑު އުންމީދެއްވެސް މާ ފޮނިވާނެއޭ އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ. އަދި ހަގީގީ ކުލަތައް ކިތަންމެ ގަދަޔަކަސް ހުވަފެނެއްގެ ކުލަ މާރީތިވެފައި މާ ކުލަގަދަވާނެއެވެ.

ނިޝާން މޭޒުގެ އަނެއްފަރާތުން އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އަދި އަހަރެންގެ އިސްތަށިގަނޑު އެއްފަރާތްކޮށް އަހަރެންގެ މޫނުގައިވާ ލަކުނަށް ބަލާލިއެވެ.

އެވަގުތު އަހަރެންގެ ލޯ ކަރުނައިން ތެމިގެން ދިޔައެވެ.

އަހަރެން އަހަން ބޭނުންވިއެވެ. “އަހަރެން ހީކުރީ އޭރު އެތަނަށް ވަނީ ނިޝާންގެ ….”
ނިޝާން ހެމުން ބުންޏެވެ. “ސިނާޔާ ކިހާ މޮޔަ؟ އެއީ ޑޮކްޓަރ ލަރީސާ. ޑޮކްޓަރ މާކްގެ ވައިފް!”

އެއަކަށް ވުރެން އުފާވެރި ކަރުނައެއް އަހަރެންގެ ލޮލަކުން ނުފޭދެއެވެ.

އަހަންނާ ނިޝާންގެ ދަރިފުޅު ވިއްސީ އެދަރިފުޅުގެ ބައްޕަކަމަށް ވީކަމަށް ވުރެން ބޮޑު އުފަލެއް ވެސް އަހަންނަކަށް ނުލިބޭނެއެވެ.

އޭގެ ފަހަކުން އަހަރެންގެ ލޮލަކުން ހިތާމައިގެ ކަރުނައެއް އޮހިގެންނެއް ނާދެއެވެ.