English Edition
Dhivehi Edition

ސަބަބެއް ނެތި އަހަރެންގެ ފިރިމީހާ އަހަރެން ވަރިކޮށް ފޮނުވާލުމަކީ ވަފާތެރިކަމުގެ އަގު ހެއްޔެވެ؟

ޝަބާންއާއި އަހަންނަށް ވުރެން ލޯބިން ދެމީހަކު ކާވެންޏެއް ކޮށްފައެއް ވެސް ނުވާނެއެވެ. އަހަރެން ހަމަ ސްކޫލް ނިމުނުތަނާހެން އޭނާ އަހަންނަށް ކާވެނި ހުށަހެޅިއެވެ. އަހަރެމެން ރައްޓެހިވެގެން އުޅުނީ ވަރަށް ޅައުމުރުން ފެށިގެންނެވެ. ހަމަ އެކަނި ރައްޓެހި ކަމުގައި އުޅެމުން ދިޔައެއް ކަމަކު ހިތުގައި ލޯބި އޮތީ ވަރަށް ގަދައަށެވެ. ޝަބާން އަކީ ހިތްގައިމު ރީތި ފިރިހެނެކެވެ. މާފަލައެއް މާ ހިއްކެއް ނޫނެވެ. އޭނާގެ ހޮބީއަކީ ޓެނިސްކަމުން ވަރަށްވެސް ފިޓެވެ. އަހަރެން ކުޅެ އުޅުނީ ޓީޓީއެވެ. އެއީ ސްކޫލް ދައުރެވެ. މިހާރު އަހަރެންގެ ހުރިހާކަމެއްވެސް ޚާއްސަކޮށްފައި މިވަނީ ޝަބާނަށްޓަކައެވެ.

އަހަރެމެންނަށް އުޅެން ޖެހިފައިވަނީ ވަކީން ގެއެއްގައެވެ. އެއީ ޝަބާންގެ އާއިލާގެ ގެއެވެ. އެކަމަކު އޭނާގެ އެހެން ކޮއްކޮމެން ވަނީ އަމިއްލަ ގޯތީގައި ގެއަޅައިގެން ގޮސްފައެވެ. ޝަބާން އަމިއްލަ ގޯތި ހަދަން ކުރަހާފައި އޮތްނަމަވެސް އަހަރެމެން ބަލަނީ ލިބޭ މުސާރައިން ފުއްދައިގެން އުޅެވޭތޯއެވެ. މިގެއަށް އަންނާނެ އާއިލާގެ އެހެން މީަކު ނެތުމުން ގޭގެ ޚަރަދުކޮށްފައި ބާކީވާ އެއްޗެއްނަމަ އަހަރެމެން ދިޔައީ ސޭވް ކުރަމުންނެވެ.

ޝަބާން އޮފީހުން އައިސް ގިނަ ދުވަހު އަހަރެން ގޮވައިގެން ބޭރަށް ކާން ދިއުމަށް އުޅޭނެއެވެ. އަހަރެން ދެކެނީ އެއީ ބޭކާރު ކަމެއް ކަމުގައެވެ. ވިޔަސް އެއީ އޭނާއަށް ލިބޭ އުފަލެއް ކަމަށް ވެއެވެ. ޝަބާން ކޮންމެ ދޭތެރެއަކުން ރީތި އެއްޗެއް އަހަންނަށް ގެނެސް ދެއެވެ. އެއީ އޭނާ އަހަރެން ދެކެ ލޯބިވާކަން ހާމަ ކުރުމަށް ކުރާކަމެކެވެ. ވިޔަސް ޝަބާނަށް ވުރެން އަހަރެން ލޯބިވާނެ އެހެން މީހަކު ނެތެވެ. އަހަރެންގެ މުޅި ދިރިއުޅުން ޚާއްސަ ކޮށްފައި ވަނީ ޝަބާންއަށްޓަކައެވެ.

އަހަރެމެންގެ ކާވެނީގެ އަހަރީ ދުވަހަކަށް ޝަބާން ޚާއްސަ ހަދިޔާއެއް އަހަންނަށް ގެނެސް ދިނެވެ. އެއީ އަތުގައި އަޅާނެ ރިހިކުލައިގެ ތަނޑިއެކެވެ. އަހަރެން އޭތި ދިނުމުން ކުރީ ޝަކުވާއެވެ. އެހާ އަގުބޮޑު އެއެްޗެހި އަހަރެން ބޭނުން ނޫން ކަމަށް ބުނީމެވެ. ޝަބާން އޮފީހުން ގެޔަށް އައުމަކީ އަދި އަހަންނާ އެކު ވަގުތު ހޭދަ ކުރުމަކީ އަހަންނަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާމެއެވެ. ވިޔަސް އެދުވަހު ޝަބާން އެ ތަނޑު ދިނީ ވަރަށް ވެސް ޚާއްސަ ހަދިޔާއެއްގެ ގޮތުގައެވެ. އަހަރެމެންނަށް އާ ދަރިޔަކު އުފަންވާން އުޅޭކަން ވެސް އެނގުމުގެ އުފަލުގައި ވެސް މެއެވެ. އަހަރެން ގަހަނާ އަޅަން ނުރުހުނަސް އެއެތި އަޅަން އަހަރެން އިންކާރެއް ނުކުރީމެވެ. ޝަބާންގެ އުފަލަށްޓަކައެވެ. އަހަރެމެންގެ ލޯބީގެ ނިޝާނެއްގެ ގޮތުގައިވެސް މެއެވެ.

އަހަރެމެންގެ ލޯބީގައި އުފަލުގެ ހައްދެއް ނުވެއެވެ. ދެބަސްވާނެ ކަމެއް ނުރުހޭނެ ކަމެއް ހިނގާފައި ނޯވެއެވެ. ކުޑަކޮށް ހިތްހަމަ ނުޖެހުނަސް އެވާހަކަ ދައްކައި ހައްލު ހޯދަމެވެ. ތެދުވެރިކަން ދެމީހުންގެ ވެސް އެހާ ބޮޑެވެ. އިތުބާރު ގައި ޝައްކެއްވެސް ނުއުފެދެއެވެ. އޮފީހުން ކޮންމެ ގަޑިއެއްގައި ނިމުނަސް އޭނާ އަންނާނީ ގެޔަށެވެ. އަހަރެން އިންތިޒާރު ކުރަން ނެތަކަސް ޝަކުވާއެއް ނޯވެއެވެ. އަހަރެމެންގެ ހަޔާތުގައި ޝަކުވާއަކީ އޮންނަ އެއްޗެއް ނޫނެވެ.

ބައެއް ފަހަރު އުފަލުގެ ހައްދެއް ނެތި އިތުބާރުގެ ވަކި މިންވަރެއް ނެތުނީމަވެސް ގުޅުން ކެނޑި ވަކިވާން ޖެހެއެވެ. މިހެން މިވީ ކުއްލިއަކަށެވެ. ވީގޮތެއްވެސް ނޭނގިއެވެ.

އަހަރެން ޝަބާންއާ ޖެހިފިތިގެން އޮންނަ އިރުވެސް އޭނާ އަތްވެސް ނުލާނެއެވެ. އަމުދުން ލޯބިން ފިރުމާވެސް ނުލައެވެ. އެއީ މީގެ ކުރީގައި ހިމޭން ނުވާ އަތެކެވެ. ދަރިފުޅުގެ ވާހަކަ ދެއްކިޔަސް މިހާރުވަނީ ނުރުހުމެވެ. މީގެ ކުރީގައި ޝަބާންގެ އެންމެ ބޮޑު އުންމީދަކީ އަހަރެމެންނަށް ދަރިޔަކު ލިބުމެވެ. ބޭބީ އައީމަ ކަންތައް ކުރާނެގޮތް ރާވައި ހަދައެވެ. ބޭބީ ކުޅޭއެއްޗެހި ގެނެސް ކޮޓަރި ފުރާލައެވެ. މިއޮތް ބޮޑު ގޭގައި ދެމީހުން އެކަނި އުޅޭތީ ފަޅުވެފައި ފޫހި ވަނީއޭ އަބަދު ކިޔާނެއެވެ. އަހަރެން އެދަރިފުޅު އުފަންވާނެ ދުވަހަކަށް އުންމީދު މިކުރަނީ ކެތްތެރި ކަމެއް ނެތިއެވެ. އެކަމަކު ޝަބާންގެ މޫނުމަތީން މިހާރު ފެންނަނީ ފޫހިކަމެވެ. ގެޔަށް އަންނަނީ އެހާ ނުރުހިފައި ހުރެގެންނެވެ. އަބަދު ހުންނަނީ ރުޅިއައިސްފައެވެ. އަހަރެން ދައްކާ ވާހަކައަކަށް ޖަވާބެއް ނުދެއެވެ. މިވީ ގޮތެއް އަހަންނަކަށް އެއްގޮތަކަށްވެސް އޮޅުމެއް ނުފިލައެވެ. ފުރަތަމަ ފަހަރަށް އަހަރެންގެ ލޮލުން ކަރުނަ ހިލެން ފަށައިފިއެވެ.

ދަރިފުޅުން ބަނޑު ތޮޅޭވަރުން ހީވަނީ އެހެން ފަދަކަމެއް ހެންނެވެ. އަހަރެން މިވާހަކަ ޝަބާންއާ ހިއްސާ ކުރަން ކިތަންމެ ބޭނންވިޔަކަސް އޭނާ އަޑެއް ނާހައެވެ. އެކަމާ އޭނާ އުފަލެއް ނުވެއެވެ. އަހަރެންގެ ހަތަރު އުދަރެސް މިވަނީ ފެނުޖެހިފައެވެ.

ްއަހަރެން ވިހަން ކާރިވުމާއެކު އަހަރެން ބަރުހެލިވެ އުނދަގޫތައް އުފުލަން ޖެހުނެވެ. އެކަނި ގޭގައި ހުރިހާ ކަމެއްކޮށް އުޅޭ އިރު މިހެން ދިމާވީމާ ދިރިއުޅުން ދަތިވެއްޖެއެވެ. ޝަބާން ނޫނީ އަހަރެންގެ މީހަކު ނެތެވެ. އަހަންނަކީ މުލަކު ކުއްޖަކަށް ވާތީ މިހާ ބަނޑު ބޮޑުވެފައި ހުރި ވަގުތެއްގައި އެކަނި ގޭތެރޭގެ ކަންތަކެއް ވެސް ނުކުރެވޭނެއެވެ. އަހަރެން މަންމަގެ މަތީން ހަނދާންވިއެވެ. ޝަބާންގެ ރުހުން އޮވެގެން ނޫނީ އަހަންނަކަށް މަންމަ ވެސް ނުގެނެވޭނެއެވެ. ވިހައިގެން މިގޮތަށް އެކަނި އޮންނާނީ ކިހިނެއްހެއްޔެވެ. މާ ގިނަ ދަންނަ ބަޔަކު އުޅެނީއެއްވެސް ނޫނެވެ. އަހަރެންގެ ހުރިހާވެސް އެހީތެރިޔަކީ ލޯތްބަކީވެސް އުންމީދަކީވެސް އަހަރެންގެ ފިރިމީހާއެވެ. އޭނާ ހިތަކު އަހަރެން ދެކެ ނަފްރަތު ނޫން އެއްޗެއް މިހާރަކު ނެތެވެ.

އަހަރެން މިފިކުރުގައި އުޅެނިކޮށް އެއްދުވަހު ހަމަ ވީއެއް ނުވީއެއް ނޭނގި ޝަބާން އަހަރެން ގޭން ނެރެލައިފިއެވެ. އަހަރެންގެ ހެދުންތަކާ އެއްޗެހި ދަބަހަކަށްލާފައި ބޭރުކޮށްލިއެވެ. އަހަރެން ނެރެ އެއްލާލިއެވެ. އެ ބިރުވެރި ރޭގަނޑު އަހަރެން ދާނެ ނުދާނެ ދިމާއެއް ހަަދަންވީ ނަހަދަންވީ ގޮތެއް ވެސް ނޭނގޭ ފަދަ ހާލެއްގައި އަހަރެން ދޫކޮށްލައިފިއެވެ. އަހަރެން ރުއީމެވެ. އާދޭސް ކުރީމެވެ. ފިރިމީހާގެ ފައިތިލަ ދަށަށް ވެއްޓުނީމެވެ. އެކަމަކު އޭނާގެ ހިތްވަނީ ހިލައިންނެވެ.

އަހަރެން އެއަނދިރި ރޭގަނޑު ހިނގަމުން ދިޔައީ ކޮންތާކަށް ކޮން ދިމާއަކަށް ކަމެއް ނޭނގެއެވެ. އަހަރެން ވެއްޓުނީ ކޮން ހިސާބަކަށް ހެއްޔެވެ؟ އެވަރެއްވެސް އަހަނަންނަކަށް ނޭނގެއެވެ.

އަހަރެން ހޭއެރީ ހޮސްޕިޓަލުގައި އޮތްވައެވެ. އޭރު އަަހަރެންގެ ގާތު ކުޑަކުޑަ ދަރިފުޅެއް އޮތެވެ.

އަހަނަންނަށް އެކަމުން ލިބުނީ އުފަލެއް ކަމެއް އަހަރެންގެ ދުނިޔެވީ އަނދިރިކަމެއް ކަން ބުނާކަށް ނޭނގުނެވެ. އަހަންނަކަށް މިވަގުތު އެއްކަމެއްވެސް ވިސްނާކަށް ނޭނގެއެވެ.

އަހަންނާ އެހީވާންތިބި ސުލައިމާނުބެ އާއި ހައްވައިންތައާ އަހަންނާ ދިމާވި ގޮތެއް ވެސް އޭރަކު ނޭގެއެވެ. އެއީ ފޭދޫގައި ދިރިއުޅޭ ބައެކެވެ. އަހަންނަކަށް އެރެއަކު ހަމަ ގައިމު ފޭދުއަކަށް ނުދެވޭނެއެވެ.

ފަހުން އެނގުނު ގޮތުގައި އަހަރެން ވެއްޓިފައި އޮތީ ލިންކްރޯޑާ މާދުރު ނޫން ހިސާބަކަށެވެ. އެއީ ކާރެއްގައި ފޭދުއަށް ދިޔަ ބައެކެވެ. ދުއްވަން އިނީ އެމީހުންގެ ދަރިފުޅެކެވެ. ކާރުގެ އަލިއެޅިގެން އަހަރެން ވެއްޓިފައިވާތަން އެމީހުންނަށް ފެނުނީއެވެ. އަދި ގޮސް ބެލި އިރު އަހަރެން ވަނީ ވިހެއުމުގެ ވަގުތު ކުޑަތަންވެފައި ކަމަށް އެމީހުންނަށް ފެނުނެވެ.

ސުލައިމާނުބެއަކީ ރަށުގެ ހަރު މީހެކެވެ. ހައްވައިންތަ އަކީ މީހުންނަށް ހިތްހެޔޮ އޯގާތެރިއެކެވެ. އެހެންވެ އެމީހުން އަހަރެން ދޫކޮށްލާފައި ދާކަށް ބޭނުމެއް ނުވިއެވެ. އެމީހުން އަހަރެން ގެންދިޔައީ ހޮސްޕިޓަލް އެމަރޖެންސީއަށެވެ.

އަހަރެން ވިހައި ހޭ އަރަންދެން އެމީހުން ނުގޮސް ތިބީއެވެ.

އަހަރެންގެ ވިހެއުމާ ހޮސްޕިޓަލްގެ ހުރިހާ ޚަރަދެއް ދިނީވެސް އެމީހުންނެވެ. އަހަރެން ދޫކޮށްލަންދެން ބަރާބަރަށް ހާލު ބަލަމުން ދިޔައެވެ. އަދި ޝަބާންއަށް ވެސް އެމީހުން ޚަބަރު ކުރިއެވެ. އެހެންނަމަވެސް އޭނާ ކުޑަކޮށްވެސް އަޅައެއް ނުލިއެވެ. މިހާވަރަށް މިހާ ކުއްލިއަކަށް މީހުން ބަދަލުވަނީ ކީއްވެބާއޭ އަހަރެންގެ ހިތަށް އެރިއެވެ.

އަހަރެންވެސް ދުވަސްކޮޅަކު ސުލައިމާންބެ މެންގެ އެހީގައި ހުރެފައި އެނބުރި ރަށަށް މުލަކަށް ހިނގައްޖެއީމެވެ. އަހަރެން ވިސްނަމުން ދިޔައިމެވެ. ތެދުވެރި ކަމުގެ އަގަކަށް މިހާ ބޮޑު އަނިޔާއެއް ލިބެނީ ކީއްވެ ހެއްޔެވެ. ދެގޮތެއް ނުވާ ލޯތްބެއް ވުމުގެ އިނާމަކީ މިއީ ހެއްޔެވެ؟

އަހަރެންގެ އެކުވެރި އަކަށް ހިތަދޫގައި ހުރީ ލީލާއެވެ. އޭނާ އަކަށް އޭރަކު އަހަރެން މިފަދަ ހާލެއްގައި އުޅޭކަމެއް އެނގިފައެއް ނެތެވެ. އަހަރެންވެސް މިކަންތަކުގެ ތެރޭގައި އޭނާގެ ގާތު އެވާހަކަ ދައްކާކަށް ހަނދާނެއްވެސް ނެތެވެ. އެހެންނަމަވެސް ރަށުގައި އުޅެނިކޮށް އަހަންނަށް ލީލާގެ ކޯލެއް އަތުވެއްޖެއެވެ. އެމީހުން ކައިވެނި ކުރިވާހަކަ ބުނުމަށެވެ.

ލީލާއަށް އަހަރެންގެ ޚަބަރު އިވުމުން ހައިރާންވިއެވެ. އެކަމަކު މިހެން ވާން ޖެހުނު ސަބަބު އޭނާއަށް ވިސްނިގެން އެވާހަކަ ބުނެފިއެވެ.

އަހަރެންގެ ގެއަށް ލީލާ ނޫން މީހެއް އައިސްފައެއް ނުވާނެއެވެ. ފިރިހެނަކަށް އައީ ލީލާގެ އޭރުގެ ބިޓު، މިހާރުގެ ފިރމީހާ އެންމެ ދުވަހަކުއެވެ.

ލީލާ އަހަރެންގެ ހަނދާނުގެ ހުޅުކޮޅު ދިއްލައި ދިނެވެ. މޫނުމަތީ އެޅިފައި އޮތް އަނދިރި ފަރުދާ ކަހާލަ ދިނުމުން ހުރިހާ ކަމެއްވެސް ހާމަވެގެން ދިޔައެވެ.

ލީލާ އެއްދުވަހަކު އައީ ހަމަ ކުއްލިއަކަށެވެ. އެނާގެ ބިޓާ ބައްދަލު ކުރެވޭނެ ފުރުސަތެއް ދިނުން އެދިއެވެ.

އެދުވަހު އޭނާއައިސް ބަލާލިއިރު އަހަރެންގެ އަތުގައި އަޅާފައިވާ އުޅާ ފެނިގެން އޭތި ރީތިވެގެން އަހަރެންގެ އަތުން ނަގައި އޭނާގެ އަތުގައި އެޅިއެވެ. އެއީ އޭނާގެ ރައްޓެހި ސިމާއު ވެސް އައިސް ބެލް ޖަހާލި ވަގުތެވެ. އަހަރެން ދޮރު ހުޅުވާލުމާއެކު ސިމާއު ދުވެފައި ލީލާގެ ގާތަށް އަތުވެއްޖެއެވެ. އެދެމީހުން އެކީ އަވަހަށް ކޮޓަރިއަށް ވަނީ ކެތްމަދުވެފައި ވާލެއް ބޮޑުކަމުންނެވެ.

އަހަރެން އޭރު ކައްކަން އުދާފައި ހުރީ ކުކުޅު ރިހައެވެ. ހަނދާން ނެތިގެން ލޮނުނެތް ކަން އެނގުނީ ރިހައަށް ލޮނުލާން ބެލި އިރު އެވެ. އަހަރެން އަވަހަށް ދިޔައީ ކައިރީގައި ހުރި ފިހާރައަކަށެވެ. އެކަމަކު އޮއްސާލި ވާރޭގެ ބޯކަމުން އަހަންނަށް ނުނުކުމެ ހުރެވުނީއެވެ.

އިއްތިފާގު ދިމާވާނީ ހީވެސް ނުކުރާ ދަނދިވަޅުގައެވެ. އެއީ ޝަބާން ގެޔަށް އައި ވަގުތެވެ. އަދި އަހަރެން ނުފެނިގެން ހޯދަމުން ގޮސް ޖެހިގެން ހުރި ކޮޓަރި ހުޅުވާލި ވަގުތެވެ. އޭރު ލީލާއާއިއޭނާގެ ބިޓް ކުރަން ތިބި ކަމެއް އޭނާއަށް ފެނުނީއެވެ. ޝަބާންއަށް ހަމަ ލޮލުން އަހަރެން ބޭވަފާތެރިވީކަމަށް ފެނުނީ އެހެންވީމައެވެ. އަހަރެންގެ އުޅާ އޭރު އޮތީ ލީލާގެ އަތުގައި ވީމައެވެ. އުޅާ ފެނުމުން އެއީ އަހަރެންކަމަށް އޭނާ ޔަގީން ކުރީއެވެ.

ޝަބާން އަހަރެން ދޫކޮށްލީ އެހެންވީމަކަން މިހާރު އަހަންނަށް ޔަގީންވީއެވެ. އެކަމަކު އަހަރެން ޝަބާންއަށް މިވާހަކަ ކިޔަ ދޭންވީހެއްޔެވެ؟ އަހަރެންގެ ދިރިއުޅުން މިގޮތުގައި އެކަނި ހޭދަކުރަންވީހެއްޔެވެ؟ މިހާރަކު ހަމަ ގައިމު ދެން އަހަންނަކަށް އެހެން މީހަކު ދެކެ އެހާ ލޯބތްބެއްވެސް ނުވެވޭނެއެވެ. އަދި އިތުބާރެއްވެސް ނުކުރެވޭނެއެވެ.

އަހަރެންގެ ދަރިފުޅު މިހާރު ބޮޑުވަނީއެވެ. އިރުއިރުކޮޅާ ބައްޕާ ބައްޕާއޭ ކިޔައެވެ. އަހަރެން ހިތްދަތިވާ ކަމަކީ އެއީއެވެ. އަހަރެންނަކަށް ގޭގައި އެއްކަމެއް ވެސް ދައްޗެއް ނޫނެވެ. އެދަރިފުޅު ހުރުމުން އަހަންނަށް ގެއްލިފައިވާ ހުރިހާ ލޯތްބެއް ލިބެއެވެ. އެއީ ކުޑަކުޑަކުޑަ ޝަބާން އެކެވެ.

އެހެންނަމަވެސް މި ދިމާވި ކަންތައް އަހަރެން ޝަބާންއާ ހިއްސާ ކުރަން ބޭނުންވިއެވެ. އެތައް ވަރަކަށް ވިސްނާފައި އެހެންނަމަވެސް ކެތް ނުވެގެން އަހަރެން އެއްރެއަކު ގުޅާލީމެވެ. އެތައް އިރަކު ރިންގު ވީފަހުން ނެގީ އަންހެނެކެވެ.

“ރީޒާ!” އޭނާ ބުންނޏެވެ. “ހެލޯ. މީ ރީޒާ؛ ޝިބާން ގެޔަކު ނޫޅޭ. މިއީ އޭނާގެ ވައިފީ. މެސެއްޖެއް އެބަޮތޮތްތަ؟”

މެސެޖެއް ނެތެވެ. އަހަރެން ފޯނު ބޭއްވީމެވެ. އުންމީދުގެ ފަހު ހުޅުކޮޅުވެސް ނިވިގެން އެދިޔައީއެވެ.

ވަފާތެރިކަމާ ހެޔޮކަމުގެ އަގު މިހެންވެސް ދައްކަން ޖެހިދެއެވެ. އޭގެ އަގަކީ ގެއްލިގެން ދިޔަ އަހަރެންގެ މުޅި ހަޔާތެވެ.

ނިމުނީ