English Edition
Dhivehi Edition

އާމްދަނީގެ ގޮތުގައި ލިބޭ މުސާރަ މިއަހަރު ބޮޑުވާނެކަމުގެ އުންމީދު އެންމެންވެސް ދަނީ ކުރަމުންނެވެ. މިދަނޑިވަޅުގައި އެފަރާތްތަކަށް ދޭންއޮތް އެންމެ އުފާވެރި ހަބަރަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގެ އަމިއްލަ ކުންފުނިތަކުން މުވައްޒަފުންނަށް ދޭ މުސާރަ މިއަހަރު ބޮޑުކުރާނެކަމަށް ބުނުމެވެ. އެގޮތުން އެވްރެޖްކޮށް 3 ޕަސަންޓްގެ ބޮޑުވުމެއް އަންނާނެކަމަށް ބެލެވެއެވެ.

މުސާރަ ބޮޑުވާނެކަމުގެ ފޮނި ހުވަފެންތައް ފާއިތުވެދިޔަ އަހަރުތަކުގައި ގިނަ ކުންފުނިތަކުން ދައްކަމުން ގޮސްފައި ވެއެވެ. އަދި މިހިނގާ 2018 ވަނަ އަހަރު އެހުވަފެންތައް ހަޤީގަތަކަށް ވާނެކަމަށް އެކުންފުނިތަކުން ހާމަކޮށްފައިވެއެވެ. އެގޮތުން އެމެރިކާގެ ގިނަ ކުންފުނިތަކުން އެވަރެޖްކޮށް 3.2 ޕަސެންޓަށް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭނެކަމަށް މިއަހަރު ވަނީ ހާމަކޮށްފައެވެ. ނަމަވެސް މިއީ ކުރިން އެކުންފުނިތަކުން ބުނަމުން އައި 2.5 ޕަސަންޓަށް ވުރެ އިތުރު އަދެދެކެވެ.

ބައެއް އަމިއްލަ ކުންފުނިތަކުން ބޮޑުކޮށްފައިވާ ޕަސަންޓޭޖަށް ބަލާއިރު އެންމެބޮޑު ފައިދާ ލިބޭނެ ކަމަށް ބެލެވެނީ ޤާނޫނީ މަސައްކަތްތަކާއި ފައިސާގެ މުޢާމަލާތްތައް ކުރާފަރާތްތަކަށެވެ. ތަޢުލީމީ ދާއިރާއާއި، އިމާރާތްކުރުމުގެ ދާއިރާ އާއި ސިއްޙީ ޙިދުމަށްދޭ ފަރާތްތަކަށް ބޮޑުކުރުމަށް ނިންމާފައި ވަނީ 2.8 ޕަސަންޓެވެ. ކުންފުނިތަކުން މިގޮތަށް މުސާރަ އިތުރުކުރާނެކަމަށް ބުނަމުން ދިޔަނަމަވެސް އެމެރިކާގެ ނިއުޔޯކް އާއި ހޮސްޓަން ފަދަ ސިޓީތަކުގައި އުޅެމުންދާ މުވައްޒަފުން ޤަބޫލުކުރާގޮތުގައި މިއަހަރު އެމީހުންގެ މުސާރަ 13 ނުވަތަ 14 ޕަސަންޓަށް ބޮޑުވެގެން ދާނެއެވެ.

ކުންފުނިތަކުން ވަކި ޕަސަންޓަކަށް މުވައްޒަފުންގެ މުސާރަ ބޮޑު ކުރާނެކަމަށް ބުނަމުން ދިޔަ ނަމަވެސް ދިރާސާކުރާ ފަރާތްތައް މިކަމުގައި ހިޔާލު ތަފާތެވެ. އެފަރާތްތަކުން ބުނާ ގޮތުގައި މުސާރަ ބޮޑު ކުރިނަމަވެސް އެމީހަކު އަދާ ކުރާ ވަޒީފާގެ ސަބަބުން ބޮޑުވާ ނިސްބަތް ތަފާތު ވާނެއެވެ. އެގޮތުން މަތީ ފަންތީގެ ނުވަތަ ޓެކްނިކަލް މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުރުވާ ޕަސަންޓް ބޮޑުވާއިރު އެންމެ އާދައިގެ މުވައްޒަފުންނަށް 1 ޕަސަންޓު ބޮޑުވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށެވެ. އަދި ފާއިތުވިތާގައި މުސާރަ ބޮޑުކޮށްފައި ވަނީ ވެސް އެގޮތަށް ކަމަށް ވާތީއެވެ.

އެހެންނަމަވެސް މިއަހަރުގެ މުސާރަ ބޮޑުކުރުމުގައި އެންމެންނަށް ހަމަހަމަ އުސޫލަކުން އަމަލުކުރާނެކަމަށް ގިނަ މުވައްޒަފުން އުންމީދު ކުރަމުން ދެއެވެ. ސަބަބަކީ ފާއިތުވެ ދިޔަ ދުވަސްތަކުގައި ދިރިއުޅުމުގެ ޙަރަދުތައް ބޮޑުވެފައިވުމާއި، ތަކެތީގެ އަގު އުފުލިފައިވާތީއެވެ.

އެމެރިކާގެ ގިނަ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ މިއަހަރު ބޮޑުވާނެކަމުގެ އުންމީދު އޮތް އިރު އޭގެ ސަބަބުން މުވައްޒަފުން ވަޒީފާ ބަދަލުކުރާނެ މިންވަރުވެސް އިތުރު ވެގެންދާނެކަމަށް ދިރާސާކުރާ ފަރާތްތައް ލަފާކުރެއެވެ. އެގޮތުން ބޮޑު އާމްދަނީއެއް ލިބޭ ކުންފުނިތަކާއި ދިމާލަށް ދާނެ މުވައްފަރުން އިތުރުވާނެކަމަށް ބެލެވެއެވެ.