English Edition
Dhivehi Edition

“ބިގްބޮސް 11” ގެ ކާމިޔާބު ޝޯވ އަށްފަހު ސަލްމާން ޚާން އަނެއްކާ ވެސް ސޮނީ ޓީވީއިން ދައްކަން ހަމަޖެހިފައިވާ މަޖާ ގޭމް ޝޯވ އެއް ކަމަށްވާ “ދަސް.ކާ.ދަމް” ހުށަހެޅުމަށް ވަނީ ތައްޔާރު ވެފައެވެ.

“ޓައިގާ ޒިންދާހޭ” ގެ އެކްޓަރު ސަލްމާން ޚާން ހުށަހަޅައިދޭ މި ޝޯވ ލޯންޗުކުރުމަށް ސޮނީ ޓީވީ އިން ތައްޔާރު ވަމުންދާ އިރު، މި ޝޯވ ގެ ފުރަތަމަ ޓީޒަރ ވަނީ މިދިޔަ އަންގާރަ ދުވަހު ސޮނީ އިން ދައްކާފައެވެ. 9 ސިކުންތުގެ މި ޓީޒަރ ގައި ސަލްމާން ވަނީ ބެލުންތެރިންނާއި ސުވާލުތަކެއް ކޮށްފައެވެ. ޓީޒަރ ގައި ސަލްމާން ބުނަނީ ‘ ކޮންއިރަކު އަހަރެން އެނބުރި އަންނަނީ؟، ކޮންތާކަށް އަހަރެން އެނބުރި އަންނަނީ؟،ކީއްކުރަން އަހަރެން އެނބުރި އަންނަނީ؟؛ ވިސްނަން ތިއްބަވާ’ މިހެންނެވެ. މި ޓީޒަރ އަށް ފަހު އޮޑިޝަނަށް ގުޅުމަށް އިތުރު ޓީޒަރ އެއް ނެރޭނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

2008 ވަނަ އަހަރު ފުރަތަމަ ފަހަރަށް މި ޝޯވ ލޯންޗުކޮށް ކާމިޔާބު ކަމާއިއެކު އެއަހަރު ޝޯވ ވަނީ ދައްކާފައެވެ. އެއަށްފަހު ދެވަނަ ސީޒަނެއް ޖެހިގެން އައި އަހަރުވެސް ވަނީ ދައްކާފައެވެ.

މިފަދަ ޝޯވ ހުށަހެޅުމުގައި ސަލްމާން ގެންގުޅޭ މަޖާ ގޮތްގަނޑަކީ ބެލުންތެރިންނަށް ވަރަށް ކަމުދާ، ބަލައިގަންނަ ކަމަކަށް ވަނީ ވެފައެވެ. ސަލްމާންގެ ސަޕޯޓަރުން މި ޝޯވ އަށް ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުން ދާނެކަން ކަށަވަރެވެ.