English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި ރޭ ރިއަލްމެޑްރިޑްގެ މުހިންމު ކުޅުންތެރިޔާ ކްރިސްތިއާނޯ ރޮނާލްޑޯއަށް އަރާމުކުރަން ދިން މެޗުގައި އެސްޕަނިޔޯލް އިން ފަހު ވަގުތު ރިއަލްމެޑްރިޑް ބަލިކޮށްފިއެވެ.

ލީގުގައި ރޭ އެސްޕަނިއޯލް އާއި ރިއަލް ކުޅުނު މެޗު އަމިއްލަ ދަނޑުގައި އެސްޕަނިއޯލް ކާމިޔާބުކޮށްފައިވަނީ 0-1 އިންނެވެ.

ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފުރަތަމަ ހާފްގައި މާ ރަނގަޅު ކުޅުމެއް ދެއްކިފައިނުވާއިރު ދެވަނަ ހާފްގައި އެސްޕަނިޔޯލް އިން ވަނީ ކުޅުން ރަނގަޅުކޮށް ރެއާލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައި ވާއިރު 2007 ވަނަ އަހަރު ފަހުން ރިއަލްމެޑްރިޑް އަތުން މޮޅުވި ލަނޑު މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި މޮރޭނޯއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ރިއަލްމެޑްރިޑް އަށް މިހާރު ސްޕެނިޝް ލީގު ދިފާއުކުރުމުގެ ފުރުސަތު ގެއްލިފައިވާއިރު މިދިޔަ ސީޒަންގައި ފަސް ތަށި ހޯދި ރިއަލްއަށް މިސީޒަންގައި ދެން ކާމިޔާބު ކުރެވެން އޮތީ ހަމައެކަނި އޮތީ ޗެމްޕިއަންސް ލީގެވެ.

ރޭގެ މެޗުން ބަލިވުމުން ރެއާލް މިހާރު އޮތީ 51 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައެވެ. އެސްޕަނިޔޯލް އޮތީ 31 ޕޮއިންޓާ އެކު ލީގުގެ 13 ވަނައިގައެވެ. ރެއާލް އަށް ވުރެ އެއް މެޗު މަދުން ކުޅެ ލީގުގެ އެއްވަނައިގައި 65 ޕޮއިންޓާ އެކު އޮތީ ވާދަވެރި ބާސެލޯނާއެވެ.