English Edition
Dhivehi Edition

އައްޑޫސިޓީގެ ގަމުގައި ހުންނަ ދޫގަސް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓްގެ ދަށުން އެތަނުގެ ޑިޒައިނިން ކޮންސެޕްޓް ދައްކާލައި އެތާގެ ޑިވޮލޮޕްމަންޓް ޕްލޭން އޮތް ގޮތް މިރޭ ހާމަކޮށްފި އެވެ.

ދޫގަހަކީ މީގެ ކުރިންވެސް ސަރުކާރުގެ ގެސްޓް ހައުސްއެއްގެ ގޮތުގައި ހިންގަމުން އައި ތަނެކެވެ.

ޒަމާނީ ގެސްޓް ހައުސްއެއްގެ ގޮތު ތަރައްގީ ކުރުމަށް ދޫގަސް މިހާރު ދީފައިވަނީ އައްޑު އާއި ފުވައްމުލަކުގެ ދަތުރުފަތުރުގެ ހިދުމަތް ދޭން ހަވާލުކޮށްފައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށެވެ.

އެ ކުންފުންޏާ އެތަން ހަވާލުކުރީ ފަތުރުވެރިކަމާބެހޭ ކަންކަމަށް ދޫކުރާނެ ތަންތަނުގެ ލިސްޓްގެ ތެރެއަށް ދޫގަސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިތުރުކޮށް، އިކްއިޒިޝަން ފީގެ ގޮތުގައި 312،500 ޑޮލަރު އަންދާޒާކޮށްފަ އެވެ.

ދޫގަހުގެ ޑިވެލޮޕްމަންޓް ކޮންސެޕްޓް ލޯންޗް ކުރަން ދޫގަހުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްއެމްޕީއެލުން ބުނީ ދޫގަސް މަޝްރޫއު ކުރިއަށް ގެންދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރަން ހަމަޖެހިފައިވަނީ 40 ކޮޓަރި އެވެ. އެމަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ ފަސް މަސްދުވަހެވެ. ބާކީ 80 ކޮޓަރީ ތަރައްގީ ކުރާނީ ދެވަނަ ފިޔަވަހީގަ އެވެ.

އެ މަސައްކަތް ކުރިއަށް އޮތް ފަސް މަހުގެ ތެރޭގައި ނިންމަން އަމާޒު ހިފާފައިވާއިރު އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވީ ދޫގަސް ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީކުރާ 40 ކޮޓަރިއާއެކު 100 ވަޒީފާއަށް އެތަނުން އިއުލާން ކުރާނެ ކަމަށެވެ. އައްޑޫފަދަ އެއްފަސް ރަށަކަށް މިއަދު އެންމެ ބޭނުންވަނީ ވަޒީފާގެ ފުރުސަތު އުފެދޭނެ ފަދަ މަޝްރޫއުތަކެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

“ދޫގަހުގައި ޖުމްލަ 140 ކޮޓަރި ތަރައްގީކުރާއިރު އެއީ ވަރަށް ގިނަ ގެސްޓުންނަށް ދެވޭ ހިދުމަތެއް. އަދި ވަޒީފާގެ ފުރުސަތު ވެސް ކުރިއަށް ހުރި މަސައްކަތްތަކާއެކު ދެ ގުނަ އިތުރުވެގެންދާނެ،” ސައީދު ވިދާޅުވި އެވެ.