English Edition
Dhivehi Edition

ޕާކިސްތާންގެ ލާހޫރުގެ ޝާދްމަން ޗޯކުގެ ނަން ބަދަލުކޮށް ބަގަތުސިންގް ގެ ނަން ކިޔުމަށް އެދި އެގައުމުގެ ކޯޓަކަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

އެ ޕެޓިޝަން ކޯޓަށް ހުށަހަޅާފައިވަނީ ބަގަތުސިންގް މެމޯރިއަލް ފައުންޑޭޝަންގެ ޗެއާމަން އިމްތިއާޒް ރާޝިދު ގުރައިޝީއެވެ. ޕެޓިޝަން ހުށަހަޅައިފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

ޝާދްމަން ޗޯކަކީ މީގެ 86 އަހަރު ކުރިން އިނގިރޭސިންގެ އަތްދަށުން އިންޑިއާ މިނިވަން ކުރުމަށްޓަކައި މަސައްކަތްކުރި އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ މަޝްހޫރު ބަގަތު ސިންގް ދަންޖައްސާ މަރާލެވުނު ތަނެވެ.
ޕެޓިޝަން ބަލައިގަތުމަށްފަހު ބޭއްވި އަޑު އެހުމެއްގައި ކޯޓުގެ ފަނޑިޔާރު ވިދާޅުވެފައިވަނީ އެކަމަށް އެދި އެހެން ފަރާތަކުންވެސް އެ ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އެ ދެ ޕެޓިޝަނާ ބެހޭ ގޮތުން ބާއްވާ އަޑުއެހުމެއް މާޗު މަހުގެ 5 ވަނަ ދުވަހަށް ބާއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިމްތިޔާޒް ރާޝިދު ގުރައިޝީ، އެ ޕެޓިޝަނުގައި ހާމަކޮށްފައިވަނީ ބަގަތު ސިންގް އަކީ އޭނާގެ ގައުމަށް މިނިވަންކަން ހޯދައި ދިނުމަށް ޓަކައި ޖާނާއި މާލުން މަސައްކަތްކުރި ހިތްވަރުގަދަ ބަތަލެއް ކަމަށެވެ.

ބަގަތް ސިންގް ފަދަ ހިތްވަރުގަދަ ދެވަނަ ފަރާތެއް މުޅި ސަރަހައްދުގެ ގައުމެއްގައި ވެސް އުފެދިފައި ނުވާ ކަމަށް ބަގަތަށް ތައުރީފު ކުރައްވަމުން ޕާކިސްތާނުގެ މުހައްމަދު އަލީ ޖިނާހް ވިދާޅު ވެފައިވާ ކަމަށް ގުރައިޝީ ބުނެފައިވެއެވެ.

ގުރައިޝީ ބުނެފައިވާ ގޮތުގައި އިންޑިއާގެ މަގުތަކަށް އެ ގައުމުގައި ވެރިކަން ކުރައްވާފައިވާ މަޝްހޫރު ބޭފުޅުންގެ ނަމުން ނަން ދެވިފައިވާ ކަމަށެވެ. އެގޮތުން އަކްބަރު ރޯޑު، ޝާހުޖަހާން ރޯޑު އަދި ބަހާދުރު ޝާހު ރޯޑު ފަދަ ނަންތައް ހިމޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.

އިނގިރޭސިންގެ އަތްދަށުން އިންޑިއާ ސަލާމަތް ކުރުމަށް ހިންގި ހަރާކާތުގައި 1928 ވަނަ އަހަރު ބަގަތު ސިންގާއި އޭނާގެ އެކުވެރިއެއް ކަމަށްވާ ޝިވަރާމް ރާޖްގުރޫ ވަނީ އިނގިރޭސި ފުލުސް އޮފިސަރެއް ކަމަށްވާ ޖޯން ސޯންޑާސް މަރާލާފައެވެ. އެ ހާދިސާ ހިންގާފައިވަނީ ލާހޫރުގައެވެ. އެ އަމަލާ ގުޅިގެން ބަގަތު ހައްޔަރުކޮށް ދަންޖައްސާފައިވަނީ 23 މާޗް 1931 ގައެވެ.