English Edition
Dhivehi Edition

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ އިނގިރޭސި ޗެމްޕިއަން ޗެލްސީ އާއި ސްޕެއިންގެ ގަދަ ބާރު ބާސެލޯނާ ބައްދަލު ކުރި މެޗު އެއްވަރު ވިއިރު ޖާމަން ލީގުގެ ޗެމްޕިއަން ބަޔާން ބެސިކްޓަސް ފަސޭހަ ކަމާއި އެކު ބަލިކޮށްފިއެވެ.

ރޭ ޗެލްސީގެ އަމިއްލަ ދަޑުގައި ކުޅުނު މި މެޗް ނިމިފައި ވަނީ ދެ ޓީމް 1-1 ލަނޑުގެ ނަތިޖާ އަކުން އެއްވަރު ވެގެންނެވެ.

މިސީޒަންގައި ޔޫރަފްގެ ވަރުގަދަ އެއްވެސް ލީގެއްގައި ބަލިނުވެ އޮތް ބާސެލޯނާ އާއި ދެ ކޮޅަށް ވަރުގަދަ ކުޅުމެއް ޗެލްސީ ދެއްކި މިމެޗުގެ ފުރަތަމަ ހާފް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް ޗެލްސީއިން ވަނީ ދެވަނަ ހާފްގެ 65 ވަނަ މިނެޓްގައި ވިލއަމްގެ ލަނޑުން މެޗުގެ ލީޑު ނަގާފައެވެ.ރޭގެ މެޗުގައި ވިލިއަމް ކާމިޔާބުކޮށްދިން ލަނޑުން ޗެލްސީ މޮޅުވާން ދިޔަ ނަމަވެސް ބާސެލޯނާގެ ލިއޮނަލް މެސީ ވަނީ 80 ވަނަ މިނެޓްގައި ލަނޑެއް ޖަހައި ޗެލްސީގެ އުންމީދު ފުނޑުކޮށްލާފައެވެ.

ދެ ވަނަ ބުރުގެ އަނެއް މެޗުގައި ރޭ ޖަރުމަނުގެ ބަޔާން މިއުނިކް އާއި ތުރުކީގެ ބެސިކްޓަސް ބައްދަލު ކުރި މެޗު 5-0 ލަނޑުން ކާމިޔާބުކޮށް ބަޔާން ވަނީ ކުއާޓާ ފައިނަލާއި ގާތަށް ޖެހިލާފައެވެ.

ރޭގެ މެޗުގައި ބަޔާން އިން މޮޅަށް ކުޅުނު ނަމަވެސް ބެސިކްޓަސްއަށް އިތުރު ހުރަސްތަކާއި ދިމާވީ އެޓީމްގެ އެންމެ މުހިންމު ކުޅުންތެރިޔާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.

މި ކާޑާއި އެކު ބަޔާން އިން ފުލު ފުލުގައި ހަމަލާތަށް އުފައްދައިވަނީ ބެސިކްޓަސް ކޮޅަށް ފަސް ލަނޑު ޖަހާފައެވެ.

ބަޔާނުގެ ފަސް ލަނޑު ތެރެއިން ތޯމަސް މުލާ އާއި ރޮބަޓް ލެވޮންޑޮސްކީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖެހިއިރު އަނެއް ގޯލް ޖެހީ ކިންގްސްލީ ކޯމަން އެވެ.