ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް، އެމްޑީޕީ ގެ 12 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުވައިފިއެވެ. މައުމޫންގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެމްޑީޕީގެ އަހަރީ ދުވަހުގެ އުފާވެރި މުނާސަބަތުގައި އެމްޑީޕީގެ އެންމެހާ ލޮބުވެތި މެމްބަރުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ. އަދި އެމްޑީޕީން ކުރާ އިސްލާހީ މަސައްކަތްތައް ކާމިޔާބުވުމަށް އެދިވަޑައިގަންނަވާ ކަމަށް އެ ބަޔާނުގައި، ރައީސް މައުމޫންގެ އޮފީހުން ވަނީ ބުނެފައިވެއެވެ. މީ 26 ޖޫން 2005 ގައި ރަޖިސްޓްރީވި އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން މައުމޫން އަބްދުލް ގައްޔޫމު ތަހުނިޔާ ފޮނުވި ފުރަތަމަ ފަހަރެވެ. މައުމޫނު ވަނީ މިހާރުގެ ސަރުކާރާއި ދެކޮޅަށް ފާޅުގައި ނިކުމެ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް ބައިއަތު ހިފާފައެވެ.