English Edition
Dhivehi Edition

މުލިމަތި ޔުނައިޓެޑްއިން އިންތިޒާމުކޮށްގެން ބާއްވާ ބެސްޓް ފުޓްސެލް ޓޯނަމެންޓް 2018 ގައި ރޭ ކުޅުނު ދެވަނަ މެޗް ބޮޑު ތަފާތަކުން ބްރަދާސް ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ

ރޭ ހުޅުދޫ ޕޮލިސް ދަނޑުގައި ކުޅުނު މެޗުގައި އެފްސީ ލަކީ އާއި ބައްދަލުކޮށް ބްރަދާސް ޔުނައިޓެޑްއިން މެޗު ކާމިޔާބުކުރީ 6 ލަނޑު 1 ލަނޑުންނެވެ

ހުޅުދޫ މީދޫގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ބްރަދާސް ޔުނައިޓެޑް އިން މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާއިރު މެޗުގެ ފުރަތަމަ ހާފްގައި ސަމީންވަނީ ބްރަދާސް ޔުނައިޓެޑަށް ލަނޑެއް ޖަހާ ލީޑް ނަގާފައެވެ. ސަމީންގެ ލަނޑާއެކު އެފްސީ ލަކީ އިން މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ގިނަ މަސައްކަތަކެއް ވަނީ ކޮށްފައެވެ. މި ގޮތުން މެޗުގައި އެފްސީ ލަކީ އިން ކާމިޔާބުކުރި ހަމަ އެކަނި ލަނޑު އެ ޓީމަށް ކަމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ 11 ނަންބަރު މަދީހުއެވެ

ބްރަދާސް ޔުނައިޓެޑް ގެ ސަމީން، މެޗުގެ ދެވަނަ ހާފްގެ ފަސްވަނަ މިނިޓްގައި އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައިވާއިރު އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރު 4 ހެޓޭއެވެ. މި މެޗުގައި ސަމީންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 04 ވަނަ ލަނޑަކީވެސް ސަމީން އެ ޓީމަށް ކާމިޔާބުކޮށްދިން ލަނޑެކެވެ. މުޅި މެޗުގައިވެސް އެފްސީ ލަކީ ގެ ފަރާތުން ގިނަ ފައުލްތަކެއް ފެނިގެން ދިޔަ ބްރަދާސް ޔުނައިޓެޑްގެ ފަސްވަނަ ލަނޑާއި ހަވަނަ ލަނޑަކީ އެފްސީ ލަކީ އަށް ފަސް ފައުލް ހަމަވުމުން ލިބުނު ޕެނެލްޓީ ތަކުން ކާމިޔާބުކޮށްފައިވާ ލަނޑުތަކެވެ

ރޭގެ ދެވަނަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބްރަދާސް ޔުނައިޓެޑްގެ މުހައްމަދު ސަމީންއެވެ

މިމުބާރާތުގެ ގްރޫޕް މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ ދެޓީމް ސެމީފައިނަލަށް ހޮވޭގޮތަށެވެ

މުބާރާތުގެ ޗެމްޕިއަން ޓީމަށްވަނީ ޓްރޮފީއާއި، 25000 ރުފިޔާގެ އިނާމެއް ހުށަހަޅައިފާއިރު ރަނަރއަޕް ޓީމަށްވަނީ 12000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބެސްޓް ސެލެކްޝަނެވެ. މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ. ޕްރިންޓިން ޕާޓްނަރ އަކީ ކޯންޓްރޯލް ޕީ އެވެ