English Edition
Dhivehi Edition

ދެ ކުޅުން ތެރިން ބޯ ޖެހި ބޮލުގެ ނާށިގަނޑަށް ލިބުނު އަނިޔާ ފަރުވާ ކުރަމުން ގެންދާތާ އެއް އަހަރު ފަހުން މިޑްފީލްޑަރު ރަޔަން މޭސަން ރިޓަޔާ ކޮށްފިއެވެ.

އިނގިރޭސި ޕްރިމިއަ ލީގުގައި 2017 ވަނަ އަހަރުގެ ޖެނުވަރީ މަހު ޗެލްސީ އާއި ހަލް ސިޓީ ކުޅުނު މެޗުގައި ރަޔަން މޭސަންގެ ބޮލުގެ ނާށިގަޑު ފަޅާގެން ގޮސްފައިވަނީ ބޮލުން ޖަހަން އުޅެނިކޮށް ޗެލްސީގެ ޑިފެންޑަރ ކޭހިލްގެ ބޮލުން ޖެހިފައެވެ. އަނިޔާ ވުމުން ދަނޑުމަތީގައި އަށް މިނެޓެއްހާއިރު ފަރުވާދިނުމަށްފަހު އޭނާވަނީ ސެއިންޓް މެރީ ހޮސްޕިޓަލަށް ގެންގޮސް ވަގުތުން ސާޖަރީވެސް ހައްދައިފައެވެ.

ސާޖަރީއަށްފަހުވެސް އެތަކެއް ޑޮކްޓަރުންނަކަށް ދެއްކި މޭސަން ބުނެފައިވަނީ އަނިޔާގެ ސަބަބުން ފުރާނަ ސަލާމަތްވީތީ އުފާކުރާ ކަމަށެވެ.

މިދިޔަ އަހަރުގެ މެއި މަހު ހަލް ސިޓީއާއެކު މޭސަން ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށި ނަމަވެސް އުމުރުން 26 އަހަރުގައި އޭނާ ރިޓަޔާ ކޮށްފައި މިވަނީ މި އަންގާރަ ދުވަހު އަނިޔާ އިތުރަށް ގޯސްވެދާނެތީއެވެ.

އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި މޭސަންގެ ކުރީގެ ކުލަބް ހަލް ސިޓީ އާއި ބައްދަލު ކުރި މެޗުގެ ކުރިން ޗެލްސީގެ ކޯޗު އެންޓީނިއޯ ކޮންޓޭ ބުނީ މޭސަންގެ އަނިޔާގެ ސަބަބުން ރިޓަޔާ ކުރި ކަމުގައި ވީ ނަމަވެސް އެއްވެސް މީހަކު އޭނާއަށް އިނގިލި ދިއްކޮށްގެން ނުވާނެ ކަމަށާއި އެއީ އޭނާ ގަސްތަކު މީހަކު ހަލާކުކޮށްލަން ދިން އަނިޔާއެއް ނޫން ކަމަށެވެ.

ހަލް ސިޓީ މެޗުގެ ކުރިން ޗެލްސީގެ ޑިފެންޑަރު ކޭހިލް ބުނީ” އެހާ ޒުވާން އުމުރުގައި އެނާ ރިޓަޔާ ކުރާ ވާހަކަ އިވުމުން ހިތް ކުދި ކުދި ވިކަމަށާއި ކޮންމެ ކަމެއް ކުރި ކަމަގައި ވިޔަސް އެންމެ ފުރަތަމަ ސިއްހަތަށް އިސްކަން ދޭން ޖެހޭ ކަމަށެވެ.

ކޭހިލް އިތުރަށް ބުނީ މޭސަންގެ ހަޔާތުގައި އެނާ ކުރިއަށް ކޮންމެ ކަމެއް ކުރަން ނިންމި ކަމުގައި ވީނަމަވެސް އޭނާއަށް އުފާވެރި ދުވަސް ތަކަކަށް އެދޭ ކަމަށެވެ.

އިނގިރޭސި ދެވަނަ ޑިވިޝަންގައި ކުޅެމުން އަންނަ ހަލް ސިޓީން މިއަދު ނެރުނު ސްޓޭޓްމަންޓުގައި ބުނެފައިވަނީ މޭސަންއަށް ލިބުނު އަނިޔާއާ ގުޅިގެން ގިނަ އަދަދެއްގެ ނިއުރޯ ސާޖަންސް އޭނާއަށް ލަފާ ދީފައިވަނީ ކުޅުން ހުއްޓާލުމަށް ކަމަށެވެ. އަދި މި ހޭދަވި ދުވަސްތަކުގައި އެކިއެކި ގޮތްގޮތުން މޭސަންއާއި އޭނާގެ އާއިލާއަށް އެހީތެރިވެދިން ފަރާތްތަކަށް މޭސަންގެ ހިތުގެ އެންމެ ފުން މިނުން ޝުކުރު އަދާކުރާ ކަމަށްވެސް ހަލް ސިޓީގެ ސްޓޭޓްމަންޓުގައި ބުނެފައިވެއެވެ.