English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ކުރިމަގު ބަރޯސާވަނީ އެންމެހާ ޒުވާނުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ޒުވާނުންނަށް ހާއްސަކޮށްގެން “ޔޫތު ނޭޝަން”ގެ ނަމުގައި މިރޭ ބޭއްވި ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވެސްޓް ޕާކް ސަރަހައްދުގައި ބޭއްވި މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮންމެ ކުއްޖަކީ މުހިންމު ކުއްޖެއްކަމަށާއި، ބަދަލުގެންނަ ބަޔަކީ ޒުވާނުންކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޒުވާނުން ސިފަކޮށްދެއްވަމުން ވިދާޅުވީ ޒުވާނުންނަކީ މުޖުތަމައެއްގައި ދިރުންހުންނަ ގިންތިކަމަށެވެ. އެހެންކަމުން ރާއްޖެ ދިފާއުކުރަން ޒުވާނުން ތެދުވާ ތެދުވުމަކީ އެހެން އެންމެނަށް އެއިން ވަރުގަދަ ޢިބްރަތަކާއި ވަރުގަދަ ފިލާވަޅުތަކެއް ނަގައިދޭ ކަމެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކޮންމެ އުމުރެއްގެ މީހަކަށްވެސް މަގުމަތީގައި މިނިވަންކަމާއެކީ އެއްވެސް ކަހަލަ ގޯނާއެއް ނުކުރާނެކަމުގެ ޔަޤީންކަމާއެކީ ހިނގާބިނގާވެ އުޅެވެން ވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ހުރިހާ ޒުވާނުންވެސް ނުރަނގަޅު ކަންކަމަށް އެކުއްޖެއްގެ ހަކަތަ ބޭނުން ނުކުރުމަށް އެ މަނިކުފާނު ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި ޒުވާނުން ބޭނުންވާންވާނީ މި ޤައުމަކީ ތަރައްޤީ އާއި ތަހުޒީބު ލިބެނިވި ތަނަކަށް ހެދުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ކޮންމެ ޒުވާނަކީވެސް ނުފޫޒުގަދަ މީހެއްކަން ފާހަގަކުރެއްވެވިއެވެ. އަދި ކޮންމެ މީހެއްގެ ގައިގާ ނޫނީ ލޭގައި ވަކި ސިޔާސީ ކުލައެއް ހުންނަން ނުޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހި ދިދައިގެ ހިޔަލުގައި ހުންނަ ކޮންމެ މީހަކަށްވެސް ޤައުމުގެ ހުރިހާ ހައްޤެއްވެސް ހަމަހަމަކަމާއެކު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ސިޔާސީ ފަރާތްތަކުން ޒުވާނުންގެ ބަސް އަޑުއަހަން ޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ޤައުމުގެ ކަންކަން ނިންމާނީ ދިވެހިރައްޔިތުންކަމުގައި ވިދާޅުވިއެވެވަ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިރިއުޅުން ބިނާވެގެންދަނީ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފާ ގޮތެއްގެ މައްޗަށްކަމުގައެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން އިންޑިއާ އަކީ ރާއްޖޭގެ އެންމެ ރަހުމަތްތެރި ޤައުމްކަމުގައި ވިދާޅުވިއެވެ. އަދި ޤައުމުތަކުގެ މެދުގައި އެއްގަލަށް ނޭރޭނެ ކަންކަން ހުރެދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.