English Edition
Dhivehi Edition

ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރަށް ދައުރެއް ފުރިހަމަކުރުމުގެ ޖާގަދޭން އަޅުގަނޑުމެން އެބަ ނިންމަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރުމާލު ދޭއް ޖަގަހައިގައި “މަގޭ ވަތަން” ގެ ނަމުގައި ކުރިޔަށްގެންދިޔަ ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ..

ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅާކީ ނާޒުކު ފައްތަރެއްގައި ހުންނަވާ ބޭފުޅެއް ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރެވޭނެ ގޮތްތައް ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކީ ޖަވާބުދާރީ ކުރެއްވޭނެ ބޭފުޅެއްކަމަށާއި، ޚާއްޞަކޮށް ޖިނާޢީ މައްސަލަތަކެއް ދިމާވެއްޖެ ކަމަށްވާނަމަ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމަކީ ޤާނޫނާ ޚިލާފަށް ކުރި ކަމެއް ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ ވާހަކަތަކަކީ ކަނޑައެޅިގެން ޤާނޫނާ ޚިލާފަށް ދެކެވޭ ވާހަކަތަކެއް ކަމަށާއި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމުގެ ފުރިހަމަ އިޚްތިޔާރު ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ކަމަށެވެ. ކުއްލި ނުރައްކަލުގެ ޙާލަތުގައި ޤަނޫނުއަސާސީއާއި ޤާނޫނުތަކުން ހިފެހެއްޓޭ މާއްދާތަކާމެދު ތައާރުޒުތަކެއް އުޅޭ ކަމަށްވާނަ ސަރުކާރުގެ ސަމާލު ކަމަށް އެކަން ގެނެވިދާނެ ކަމަށާއި، ނުވަތަ ކޯޓުތައް މެދުވެރިކޮށް އެކަމަށް ޙައްލެއް ހޯދިދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން ޤާނޫނު ނެގެހެއްޓުމަކީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ޒިންމާއެއްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.