English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާލީގުގައި ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ޗެލްސީން ގަދަ ހަތަރަކަށް ޖެހިލައިފިއެވެ.

ލީގުގައި ޗެލްސީ ރޭ މޮޅުވެފައިވަނީ ލީގު ތާވަލްގެ އެންމެ ފުލުގައި އޮތް ވެސްޓް ބްރޯމް 3-0 ލަނޑުން ބަލިކޮށްގެންނެވެ.ރޭގެ މެޗަކީ ލީގުގައި އެންމެ ފަހުން ކުޅުނު ދެމެޗުން ބަލިވި ޗެލްސީ ލީގުގައި މިއަހަރު އަމިއްލަ ދަނޑުގައި ހޯދި ފުރަތަމަ މޮޅެއެވެ.

ރޭގެ މެޗުވި މޮޅާއި އެކު ވަޓްފޯޑް އާއި ބޯންމަތު އަތުން ވި ބަލި ހަނދާން ނައްތާލައި ޗެލްސީވަނީ 27 މެޗުން 53 ޕޮއިންޓް ހަމަކޮށް ލީގު ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފައެވެ.އަދި ރޭގެ މެޗުގެ ކުރިން ހަތަރު ވަނާގައި އޮތް ޓޮޓެންހަމް މިހާރު ވަނީ 52 ޕޮއިންޓާއި އެކު ފަސްވަނައަށް ވެއްޓިފައެވެ.

ލީގުގައި ރޭ ޗެލްސީ އާއި ވެސްޓް ބޮރޯމް ބައްދަލު ކުރި މެޗުގެ ފުރަތަމަ ހާފްގެ ކުރީ ކޮޅު ވެސްޓް ބްރޯމްއިން ގިނަ އިރު ބޯޅަ ހިފަހައްޓައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް މެޗުގެ 25 ވަނަ މިނެޓްގައި ޗެލްސީން ވަނީ ލީޑު ނެގާ މެޗުގެ ކޮންޓްރޯލް ހޯދާފައެވެ.މި ލަނޑު ދާދި ފަހުން އާސެނަލްއިން ޗެލްސީ އާއި ގުޅުނު ޖިރޫ ދިން ޕާހަކުން ކާމިޔާބުކޮށްދީފައިވަނީ އެޑެން ހަޒާޑްއެވެ.

މި ގޯލާއެކު ފުރަތަމަ ހާފް 1-0 ލަނޑުން ކުރީގަ އޮވެގެން ޗެލްސީ ހާފް ނިންމާލި އިރު ދެވަނަ ހާފް ފުރަތަމަ ހާފް އާއި ހިލާފަށް ޗެލްސީއިން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައެވެ.މިގޮތުން ޓީމް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ޗެލްސީއިންވަނީ ބުރަކަޓަށް ލިބުނު އަނިޔާއާއި ގެން ކުޅުމާއި ދުރުގައި ހުރި އަލްވާރޯ މޮރާޓާ ޖިރޫގެ ބަދަލުގައި ދެވަނަ ހާފްގައި ކުޅެން އަރުވާފައެވެ.

ޗެލްސީގެ ދެވަނަ ގޯލު މެޗުގެ 63 ވަނަ މިނެޓްގައި ވިކްޓަ މޯސެސް ކާމިޔާބުކޮށްދިން އިރު އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 71 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ހަޒާޑްއެވެ.