English Edition
Dhivehi Edition

ރާއްޖޭގައި މިވަގުތު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުމުގެ ތެރެއަށްވަދެ އިންޑިއާއިން ރާއްޖެއަށް ސިފައިން ފޮނުވައިފިނަމަ ޗައިނާއިން ބަލަން ނޯންނާނެ ކަމުގެ އިންޒާރު އެގައުމުން އިންޑިއާއަށް އިންޒާރު ދީފިއެވެ.

ޗައިނާގެ ނޫހެއް ކަމަށްވާ ގްލޯބަލް ޓައިމްސްއާ ހަވާލާދީ ދަ ހިންދޫގައި ބުނެފައިވަނީ އދ. ގެ ލަފާގެ މަތިން ނޫން އެހެން ގޮތަކަށް އިންޑިއާގެ ސިފައިން ރާއްޖެއަށް ފޮނުވުމަކީ ޗައިނާއިން ބަލައިގަނާނެ ކަމެއް ނޫންކަމަށެވެ. އެފަދަ ކަމެއް އިންޑިއާއިން ކޮށްފިނަމަ އެގައުމު ހުއްޓުވާނެ ކަމަށްވެސް ޗައިނާއިން ބުނެފައިވެއެވެ.

ބައިނަލްއަގުވާމީ ހަމަތަކުގެ މަތީންނޫން ގޮތަކަށް އެއްވެސް ގައުމަކުން ރާއްޖެއަށް ސިފައިން ފޮނުވުމަކީ ރާއްޖޭގެ ދާޚިލީ ކަންތަކުގެ ތެރެއަށް ވަނުންކަމަށްވެސް ޗައިނާއިން ބުނެފައިވާ ކަމަށް އެނޫހުގައި ބުނެފައިވެއެވެ.
ރާއްޖޭގެ ދާޚިލީ ކަންތަކުގެ ތެރެއަށް ނުވަނުމަށް މީގެ ކުރިންވެސް ޗައިނާއިން ވަނީ ގޮވާލައިފައެވެ.

އިންޑިއާއަކީ ރާއްޖެއާ އެންމެގާތް ރަހުމަތްތެރިއާއެވެ. ރައީސް ޔާމީންވެސް އިންޑިއާމެދު ގެންގުޅުއްވާ ސިޔާސަތަކީ “އިންޑިއާ ފަސްޓް” އެވެ. އެހެންމަވެސް ވަރަށް ފަހުން ޕީޕީއެމްއިން ބޭއްވި ހަރަކާތެއްގައި ރައީސް ވިދާޅުވެފައިވަނީ ރާއްޖެއާ އެންމެގާތް ރަހުމަތްތެރިންނަކީ ރަޝިއާ، ސައުދީ، އަދި ޗައިނާ ކަމަށެވެ. ރާއްޖެއަށް މިހާރު ދިމާވެފައިވާ ސިޔާސީ ހަލަބޮލިކަމުން އަރައިގަތުމަށް އެންމެ ބޮޑަށް އެހީތެރިކަން ދެއްވީވެސް އެގައުމުތަކުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވާ ވާހަކަ ގަދައަށް ފެތުރިފައިވީނަމަވެސް އިންޑިއާ ސަރުކާރުން އެފަދަކަމެއް ކުރަންއުޅޭ ކަމުގެ ވާހަކައެއް ރަސްމީކޮށް އެނގިފައިނުވާ ކަމަށް އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު މުހައްމަދު ވަނީ ވިދާޅުވެފައެވެ.