English Edition
Dhivehi Edition

ސްރީލަންކާގައި ބޭއްވި އެގައުމުގެ ލޯކަލް ގަވަރުމެންޓް އިންތިޚާބު، އެގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަ ޕަކްސަގެ ޕާޓީން ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރުމާ ގުޅިގެން ރައްޔިތުން ބޭނުންވަނީ ބަދަލަކަށްކަން ކަނޑައެޅިގެން ސާފުވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އެ އިންތިޚާބުގައި ރާޖަޕަކްސަ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ ސްރީ ލަންކާ ޕޮޑުޖާނާ ޕެރަމުނާ (އެސްއެލްޕީޕީ) އިން ވަނީ ލޯކަލް ކައުންސިލްގެ 225 ގޮނޑި ކާމިޔާބު ކުރައްވައިފައެވެ. އެއީ އިންތިޚާބުގެ 66 އިންސައްތައެވެ.

އެ ޕާޓީން ބޮޑު އަޣުލަބިއްޔަތެއް ހޯދާފައިވާއިރު އެ ގައުމުގެ މިހާރުގެ ރައީސް މައިތިރިފާލާ ސިރީސޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ ސްރީލަންކަން ފްރީޑަމް (އެސްއެލްއެފްޕީ) އަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ 11 ގޮނޑިއެވެ. އަދި ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހާގެ ޕާޓީން ވަނީ 41 ގޮނޑި ކާމިޔާބު ކޮށްފައެވެ.

ރާޖަޕަކްސާގެ ޕާޓީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަ ކުރުމުގައި ގައުމުގެ އަމަން އަމާންކަން ހިފެހެއްޓޭ ގޮތުގެ މަތިން އުފާފާޅު ކުރުމަށްވެސް ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. އެޕާޓީއަށް ތާއީދު ކުރައްވައި ވޯޓު ދެއްވި ރައްޔިތުންނަށް ހިތުގެ އަޑިން ޝުކުރު ދަންނަވާ ކަމަށް ވެސް ރާޖަ ޕަކްސަ ވަނީ ވިދާޅު ވެފައެވެ.