English Edition
Dhivehi Edition

ސޮބްރީގެ ނަން އިވުނަސް ޒީނާ ފޫހިވެއެވެ. ސޮބްރީއަކީ ގޭދޮށު ކުއްޖެކެވެ. ކުޑައިރުއްސުރެން ޒީނާ ސޮބްރީ ދެކެއެވެ. ރައްޓެއްސެވެ. އެކުގައި ސަކަރާތް ގަނެއެވެ. އެގޭމީހުންވެސް ވަރަށް ރައްޓެއްސެވެ. ބައެއް ފަހަރު ގޭގައި ތައްޔާރު ކުރާ ކާއެއްޗެތި ހިފައިގެން ޒީނާ އެގެޔަށް ގޮސް ހަދައެވެ. ސޮބްރީވެސް ޒީނާގެ ގެޔަށް އެކިކަންކަމު އައިސް އުޅެއެވެ.

ސޮބްރީ އެންމެ ކުޑައިރުން ފެށިގެންވެސް ޒީނާއާ ވަރަށް ގަޔާވެއެވެ. ފެނުނީމާ ހިތް އުފާވެއެވެ. ނުފެނިއްޖެއްޔާ މޮޅިވެއެވެ. ފެނޭތޯ ކެތްމަދުވެއެވެ. ޒީނާ ދުރުން ފެނިލިޔަސް ސޮބްރީއަށްވާ އުފަލެއް ބަޔާންކޮށްދޭކަށް ނޭނގެއެވެ. އެހެނަސް ޒީނާގެ ހިތަކު ސޮބްރީއާމެދު ކުޑަވެސް ޝައުގުވެރިކަމެއް ނޯވެއެވެ.

ޒީނާއަށް ސޯޅައަހަރުވީއިރު ސޮބްރީއަކީ ބޮޑު މީހެކެވެ. ރަށުން ކިޔަވާނެ އެއްޗެއް ވަނީ ކިޔަވާފައެވެ. އެކަމަކު ވަޒީފާއެއް ނެތެވެ.

އާއިލާއަކީ ފެށުނީއްސުރެންވެސް މާފޯރާ ބަޔަކަށް ނުވާތީ މިއަދަކުވެސް ތަނަވަސްކަމެއް ނެތެވެ. ދޮށީ ދަރިއަކީ ސޮބްރީ ކަމުން އެމީހުން އުންމީދުގައި ތިބީ އޭނާ ބޮޑުވުމުން ތަނަވަސް ދިރިއުޅުމެއް ލިބޭނެ ކަމަށެވެ. އެހެންނަމަވެސް އެއްދުވަހުން އަނެއްދުވަހަށް އެއާއިލާ ދިޔައީ ފަގީރުވެ ނިކަމެތި ވަމުންނެވެ.

އެންމެފަހުން ސޮބްރީ ޒީނާއާ ރައްޓެހިވާން ހުށަހަޅައިފިއެވެ. އެހެންނަމަވެސް ޒީނާ ރުހުނަސް އަދި ކާވެންޏެއް ނުވެސް ކުރެވޭނެމެއެވެ. ސޮބްރީގެ ހުށަހެޅުމަކީ ރައްޓެހިކަން ފެށި ކާވެނި ކުރެވެންދެން ގުޅިގެން އެކުގައި އުޅުމަށެވެ. އެގޮތަކީ ޒީނާއަށް އަންނަ ހުށަހެޅުން ގިނަވަމުންދާތީ ދާދި އަވަހަށް ޒީނާ ގެއްލިދާނެ ކަމުގެ ބިރު ސޮބްރީގެ ހިތަށް ވަދެފައިވާތީއެވެ.

ޒީނާގެ މައިންބަފައިން މިގުޅުމަކާ މާކަގަބޫލެއް ނުވިއެވެ. ޒީނާއަކީ ބަލާލަން ނުހަނު ރީތި ހިމަތޮޅި ދޮން ކުއްޖެކެވެ. އަވަށަށް އަރާ ކޮންމެ ޒުވާން ފިރިހެން ކުއްޖަކުވެސް ޒީނާ ދެކެލުމަށް ހިޔާ ދޮށުގޭ ދޮށަށް އައިސް އުޅެއެވެ. ހިތަދޫގެ މެދުވަލު ކުދީން އޮޑައްސާ މަގަށް އައިސް ތިބޭ ތިބުމާ މެދު މޫލެކެޑެ ކުދީން ރުޅިއަންނަ ހިސާބަށް ކަންތައް ދާން ފަށައިފިއެވެ. ދުރުން އަންނަ ކުދީންނަށް އަމާޒުކޮށް ބަސްބުނުމާއި އެކުދީންނަށް ޖެއްސުމަށް ސައިކަލު ތަކުގައި ގުރޫޕު ހަދައިގެން ދުއްވުމާއި ބިރުދެއްކުން ފަދަ ކަންތައް އާންމު ވެފައިވެއެވެ. ބޭރު ރަށަކުން މީހަކު އަތުވެއްޖެ ނަމަ މިއެންމެން އެކުވެ އެމީހަކު ފައްސާލައެވެ.

ޒީނާއަކީ އެހާވެސް ރީތި ކުއްޖެކެވެ. އެނާގެ ލޯ އަޅައިގަންނަހާ އަސަރުގަދައެވެ. ބަލާލުމުން ޒުވާން ކުދީންގެ ގައިގެ ހަކަތަ ދޫވާގޮތްވެއެވެ. ހީނލުމުން އެކުދީންގެ ހިތްތަކަށް ބަހާރު މޫސުން ގެނުވައެވެ.

ޒީނާގެ ރީތިކަމުގެ ޖާދޫގައި ޖެހި އަނދަމުން އާތްވަށް ވަމުންދާ ޒުވާނުންގެ ތެރޭގައި ސޮބްރީ ހިމެނެނީ އެންމެ ކުރީ ސަފުގައިކަން ކަށަވަރެވެ. އެހެނީ ސޮބްރީގެ ހަޔާތުގެ ބަގީޗާގައި އެންމެ ފުރަތަމަ ފޮޅުނު މަލަކީ އެއީ ކަމަށްވާތީ ވެސްމެއެވެ. އަދި އެމަލަކީ އިންތިހާއަށް ރީތި ނާޒްކު މަލެއްމެއެވެ. ސޮބްރީއަށް ލަސްކުރެވޭކަށް ނެތެވެ. ޒީނާ ގެއްލުމަކީ އޭނާއަށް ކެއްތުރެވޭނެ ފަދަ ތޫފާނަކަށް ނުވެއެވެ. އެހެންވެ އޭނާ ޒިނާއަށް އާދޭސް ކުރިއެވެ. ދެފައިގާ ހިފިއެވެ. އެހެންނަމަވެސް ޒީނާއަކަށް ސޮބްރީ ކަމަކު ނުދިޔައެވެ. އޭނާގެ ރީތިކަމާއި އެރީތިކަމުގެ އަގުހުރިވަރު އޭނާއަށް ރަނގަޅަށް އެނގެއެވެ. ސޮބްރީއަކީ ހަމަ އަދިވެސް ހަމަ އެ ފަގީރު ސޮބްރީއެވެ. އެފަގީރުކަމުން އޭނާއަށް އަރާގަނެވޭނެ ދުވަހެއް ނާންނާނެއެވެ. ރަށުން ބޭރަށް ނުގޮސް އެގޮތަށް ތިބެ ވީރާނަވެގެން ގޮސްފައި ތިބި އެތަކެއް ފިރިހެނުން މިރަށުގައި އެބަތިއްބެވެ. ޒީނާކުޑަޔަކަސް އެވަރު ވިސްނެއެވެ. ނުވިސްނެއްޏާ އޭނާގެ މައިންބަފައިން ވިސްނައި ދެއެވެ.

ލަސްތަކެއް ނުވެ ޒީނާއަށް ލިބުނު ފުރުސަތުގައި މާލެ ހިނގައްޖެއެވެ. އޭނާ ދިޔައީ ސައިރިކްސްއިން ހިންގާ ކޯހެއްގައި ބައިވެރިވުމަށެވެ. ރަށުގެ މަދުރަސާ ނިމެންދެން ކިޔަވަން ދިޔައެއް ކަމަކު ޒީނާއަކީ ކިޔެވުމަށް މާ ބޮޑު ޝައުގުވެރިކަމެއް ހުރި ކުއްޖެއް ނޫނެވެ. ވިޔަސް އެހެނިހެންވެސް އެއުމުރުގެ ކުދީން ފަދައިން އޭނާވެސް މަދުރަސީ ދައުރު ނިންމާލިއެވެ. އޭނާ އިތުރު ކޯހެއް ހަދަން މާލެ ފޮނުވުމަށް މައިންބަފައިން ގަސްތު ކުރީވެސް ރަށުގައި ހުރެގެން އިތުރު ކުރިއެރުމެއް ނުލިބޭނެކަމަށް ފެންނާތީއެވެ. އަދި ރަށުގައި އުޅޭ ވިޔާނުދާ ބަޔަކާ ގުޅިގެން ޒީނާގެ ދިރިއުޅުންވެސް އަނދިރި ވެގެން ހިނގައިދާނެތީއެވެ.

ޒީނާ ކޮލެޖަށް ވަނުމުނާއެކު މުޅިތަނުގައި ހީވީ ހުޅުރޯވިހެންނެވެ. ދަރިވަރުންގެ ލޯތައް ޒީނާއާ ދިމާއަށް އެނބުރެމުން ދިޔައީ ދަގަތްފާނަށް ދަމާ ދަގަނޑުކޮޅުތަކެއްފަދައިންނެވެ. އެންމެފަހުން ފިރާޝްގެ ލޮލުގައި ޒީނާ ތަތްލިއެވެ. ނުނެއްޓޭހާ ގަދަޔަށެވެ. ފިރާޝްއަކީ ކާކުކަން ކޮލެޖްގެ އެކަކަށްވެސް އޮޅިފައެއް ނުވެއެވެ. އޭނާގެ ބައްޕައަކީ މަހުޖަނެކެވެ. ކުލާހަށް ދަނީ ކާރުގައެވެ. ލައިފަ ހުންނަ ހެދުމާއި އަޅާފައި ހުންނަ ގަޑިއާއި ގެންގުޅޭ ފޯންތަކަށް އެކަނި ބަލާލިޔަސް ވެސް އިތުރު ތަފްސީލަކަށް ބޭނުމެއް ނުވާނެއެވެ.

ޒީނާ އަކަށް ވެސް ފިރާޝް ވަރެއް ނެތެވެ. އެއީ އޭނާގެ ހުވަފެނެވެ. އޭނާގެ އުންމީދެވެ. ސޮބްރީއަކަށް ދުވަހެއްގެ ކޮޅުންވެސް ފިރާޝްއަކާ އަރާ ހަމައެއް ނުކުރެވޭނެއެވެ. ޒީނާ ލޮލުން ބޮލުން ހިތާ ނަފުސުން ފިރާޝްއާ ގުޅިއްޖެއެވެ. ފިރާޝް އޭނާގެ އަތުގައި ހިފިވަރަށް ވުރެން ބާރަށް ޒީނާ ފިރާޝްގެ އަތުގައި ހިފައިފިއެވެ. ކޮލެޖްގައި ޖެހިޖެހިގެން ތިބެން ފަށައިފިއެވެ.

މިހާރު ފިރާޝްގެ ކާރުގެ ކުރީސީޓް ހުސްވެފައި ހުންނަނީ ޒީނާއަށްޓަކަވެ. ރެސްޓޮރެންޓް ތަކުން ކޮފީ ޝޮޕްތަކުން މިދެޖޯޑު ފެންނަމުން ދިޔައެވެ. ޕާކުތަކާއި އެކަހެރި މައިޒާންތައް ފަޅުފިލުވާދެމުން ނެވެ.

މި ހުވަފެނީ ދުނިޔޭގައި ޒީނާ ދިޔައީ އުދުހެމުންނެވެ. ތަރިއެއް ފަދައިން ފިޔަ ޖަހަމުންނެވެ. މިގޮތަށް ހަމަސް ހޭދަވެގެން ދިޔައިރުވެސް ހަދުވަސް ހޭދަވިއޭ ވެސް ހިޔެއް ނުވެއެވެ. ޒީނާގެ ކުޑަވެސް ޚިޔާލެއް ނެތެވެ. މައުސޫމް ލޯތްބަކަށް ވުރެން ކުލަގަދަ ހުވަފެނެއް ނުވެއެވެ.

އެހެނަސް ހުވަފެނަކީ ހޭލެވެންދެން ފެންނަ އެއްޗެކެވެ. ހޭލެވުމަށްފަހު އެއީ ބިލާހެކެވެ. ޒީނާގެ މިކުލަގަދަ ހުވަފެނުން ހޭލެވުނީ ހަމަ ކުއްލިއަކަށެވެ. އެއްދުވަހަކު ޒީނާއަށް ފެނުނީ ފިރާޝްގެ ކާރުގެ ކުރީ ސީޓް އެހެން ކުއްޖަކަށްޓަކައި ހުސްވެފައިވަނިކޮށެވެ. އެއީ ކަޅުކުއްޖެކެވެ. ވިޔަސް ވަނީ ރަންރިހީން ޖަރީވެފައެވެ. ޒީނާ އެކުއްޖާއާ އޭނާގެ އަމިއްލަ ނަފްސު އަޅުވާ ކިޔާލިއެވެ. މުއްސަނދިކަމުގެ ކުރިމަތީގައި ދޮންކަމުގެ އަގެއް ނުވާ ފަހަރުވެސް އާދެއެވެ. މިއީ އެފަދަ މިސާލެކެވެ. މިހާރު މި ފެންނަނީ ޒީނާއަކީ ވިދުމެއް ނެތް ހިލަ ބުދެއްގެ ގޮތުގައެވެ. އެހާވެސް ތަފާތު ބޮޑެވެ.

ޒީނާގެ ރައްޓެހި ކުއްޖަކު މިބުނި ކުއްޖާގެ ތައާރަފެއް ދިނެވެ. އެއީ މިނިސްޓަރ ސުލައިމާނުގެ ދަރިއެކެވެ. މިލިއަނަރެއްގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. އޭނާ އެއްކުއްޖަކާ މާގިނަ ދުވަހަކު ރައްޓެހިވެގެންނެއް ނޫޅޭނެއެވެ.

“ރަނާ ގުޅޭނީ ރަނާއެވެ.” އޭނާ ހިތާހިތާ ބުނެލިއެވެ. ޒީނާގެ ހިތް ފުނޑުފުނޑުވެ ބުރައިގެން ދިޔައެވެ.

އޭގެ ފަހުން އެތަކެއް މެންދަންތަކާއި އަނދިރި ރޭތައް ފާއިތުވެގެން ދިޔައެވެ. ފޮނި އަދި ބިރުވެރި އެތައް ހުވަފެންތަކެއް ފެނި ހޭލެވިޖެއެވެ. އެއިން ހުރިހާ ހުވަފެނަކުން އޭނާއަށް ހޭލެވުމުން ދަނީ ހަމަ ކުއްލިއަކަށެވެ. ރުއިމާ ކަރުނައިގެ ދުނިޔެއަކަށެވެ.

މިއީ ކިހިނެއްވާ ކަމެއްހޭ އޭނާ ކުރާ ސުވާލުތަކުގެ ޖަވާބެއް ނުލިބެއެވެ. އޭނާގެ ކިބައިގައި ވަނީ ކޮން އުނިކަމެއް ހެއްޔެވެ؟ އޭނާ ދެކެ ހަގީގީ ލޯތްބެއް އެކަކުވެސް ނުވަނީ ކީއްވެ ހެއްޔެވެ؟ ކޮންމެ މީހަކުވެސް އޭނާގެ ކިބައިން ބޭނުން ވެގެން މިއުޅެނީ ވަގުތީ އުފަލެކެވެ.

އެއީ ވިއްސާރަ ދުވަހެއްގެ ހަވީރެކެވެ. ޒީނާ އެނާ އުޅޭ ގެޔަށް ދިއުމަށް ހިނގާފައި ދިޔައެވެ. އެކަމަކު ވިއްސާރަ ބޯވުމުން އޭނާ ފިހާރައެއްގެ އަސްކަންޏަކުން ހިޔާ ހޯދިއެވެ. އޭނާ ހަނދާން ކުރަމުން ދިޔައީ މީގެ ކުރީގައި ވޭތިވެގެން ދިޔަ ދުވަސްތަކެވެ. ވިއްސާރަވިޔަސް އަވި ދިނަސް އޭނާ ހިނގާފައި ގެޔަށް ދާކަށް ނުޖެހެއެވެ. ފިރާޝްގެ މެރޫން ކުލައިގެ ސްޕޯޓްސް ކާރު އޭނާ ދާން ބޭނުންވާ ހުރިހާތަނަކަށް ދާން އޮވެއެވެ. ބާރު ސްޕީޑްގައި ދުއްވާފައި ދާއިރު ޒީނާ ފިރާޝްގެ ކޮނޑުގައި ބޯ އަޅައިގެން އަރާމުގައި އޮވެއެވެ. ބޭނުން ކޮންމެ ހިސާބަކަށް ލޯމަރާ ލޯހުޅުވާލާއިރު ދެވެއެވެ. މިހަނދާންތަކުން ޒީނާގެ ހިތް ރޮއްވާލިއެވެ. އޭނާ ނުހަނު މޮޅިވެރިކަމާއެކު އަމިއްލަ ނިކަމެތި ހާލާމެދު ވިސްނަން ހުއްޓެވެ. ވެހޭ ވާރޭގެ ތިކިތައް ފަދައިން އޭނާގެ ލޮލުން ކަރުނަ ތައް އޮހެމުން ދިޔައެވެ.

އޭނާ ލޯހުޅުވާ ބަލައިލީ ކާރެއްގެ ބަރުގޮނުގެ އަޑަށެވެ. އެއީ ހަމަ ޔަގީނުންވެސް ފިރާޝްގެ ކާރެއް ނޫނެވެ. އޭނާ ބަލައިލި އިރު އޭގައި އިން މީހަކު ބިއްލޫރި ތިރިކޮށްގެން ޒީނާއަށް ގޮވަމުން ދިޔައެވެ. އަދި އޭނާ އައުމަށް ހަނާ އަޅާ އަޅަމުން ދިޔައެވެ.

އޭނާއަށް ގުޑާލަން ނޭނގި ހަރަކާތް ހުއްޓުނީ އެކާރުގައި އިނީ ސޮބްރީ ނޫން ދެވަނަ މީހެއް ނޫންކަން އެނގުމުންނެވެ.

ޕިއްޒާ ހަޓްގެ ފަނޑު އޮރެންޖްގެ އަލީގެ ތެރޭގައި ޒަމާންވީ ދެ ރައްޓެހީންގެ ގުޅުން އާވެ ތާޒާވެގެން ދިޔައެވެ. ޒީނާ ދިއުމުން ލިބުނު ހިތާމަތަކާއި އޭނާ އުޅެން ޖެހުނު ގޮތް ސޮބްރީ ކިޔާދިނެވެ. ސޮބްރީ އޭރު ވަނީ ބިޒިނެއް މެނޭޖްމެންޓް ހަދާފައެވެ. އޭނާއަށް މާލޭން ލިބުނު ވަޒީފާއަކީ އުރީދޫގެ މާރކެޓިންގެ ވަޒީފާއެކެވެ. އެތާ އުޅެމުން އޭނާ ރައްޓެއްސަކާ ގުޅިގެން އަމިއްލަ ބިޒިނެސްއެއް ހުޅުވީއެވެ. އަދި މަޝްހޫރު ފުޑްޗެއިނެއް ކަމަށްވާ ޕިއްޒާ ހަޓް އެމީހުންގެ ބިޒިނެސްއާ ގުޅި މާލެއާ އައްޑޫގައި އެތަނުގެ ބްރާންޗް ތައް ހުޅުވީއެވެ. އެހެންކަމުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ތަނަވަސްކަން އިތުރުވެ މިއަދު މުއްސަންޏަކަށް ވީއެވެ.

ޒީނާ މިވާކަހަތައް އަޑުއަހަން ހައިރާންކަމާއެކު އިނެވެ. ސޮބްރީގެ އަތުގައި މިއަދު ނެތީ ކޮން އެއްޗެއްހެއްޔެވެ؟ ފިރާޝްވެސް ފެންނަނީ އޭނާއާ އަޅުވާއިރު ކުލަ ފަނޑު ހިޔަންޏެއް ހެންނެވެ. އެހެންކަމުން ހިތުގެ ފުންމިނުގައި އޮތް އެއްޗެއް ބާއްވާފައި ޒީނާގެ ނަފްސު ސޮބްރީއާ ހަވާލުކޮށްލިއެވެ. އަދި މާޒީގައި އޭނާއަށް ސޮބްރީއާމެދު ކަންތައް ކުރެވުނުގެ ގޮތުގެ ބަދަލެއްގެ ގޮތުގައި ސަބްރީ ހިތްއެދޭ ކޮންމެ ކަމެއް ކޮށްދިނީ ކޮށްދޭ ހިތުންވެސް މެއެވެ.

ޒީނާގެ ކަރުނަ ހިކި އަލުން ފިނިފެން މަލެއްހެން ފޮޅެން ފަށައިފިއެވެ. މިލާ މޯޅިވެފާވާ ތުންފަތަށް ޝަބްނަމުގެ ތިކިތައް އޮހި ތާޒާވެގެން ދިޔައެވެ.

ސޮބްރީއަކީ ޒީނާއަށް އާމީހެއް ނޫނެވެ. އިތުބާރު ކުރެވޭނެ ދެވަނަ މީހެއް ނުވެސް ނެތް މެއެވެ. ދެމީހުންގެ ކުރީގެ ގާތްކަން ލޯތްބަށް ބަދަލުވެގެން ދާކަށް ގިނަ ދުވަސްތަކެއް ނުނަގައެވެ.

ސޮބްރީ އަބަދުވެސް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވީއެވެ. އޭނާ ޒީނާގެ އެރީތި ޚަޒާނާގައިވާ ހުރިހާ ޖަވާހިރެއް ވަކިވަކީން ކޮޅަމުން މިލްކު ކުރަމުން ގެންދިޔައެވެ.

އަހަރެއް ފާއިތުވެގެން ދިޔައިރުވެސް އަދިވެސް ސޮބްރީ ޒީނާއާ އިންނާނެ ދުވަހެއް ހާމައެއް ނުކުރެއެވެ. އެމަގުސަދެއް ވެސް ފާޅެއް ނުކުރެއެވެ. އެހެންކަމުން ޒީނާގެ އެ އުފާވެރި ހުވަފެނުގައި ބިރުވެރިކަން އެކުލެވެންފަށައިފިއެވެ. އެހެނީ އޭނާގެ ބަނޑުތެރޭން ކުޑަ ދަރިއެއްގެ ހިލަންވެ ކޮއްޓާލައިފިއެވެ.

ޒީނާ ސޮބްރީއަށް މިޚަބަރު ދިނީ އަވަސްގޮތަކުން ކާވެނި ކުރުމުގެ އުންމީދުގައިވެސް މެއެވެ. އެހެންނަމވެސް އޭނާގެ ކުރިމަތީގައި މިއަދު ހުރީ އެހެން ސޮބްރީއެކެވެ. އޭނާ މިއަދު ހުރީ ޒީނާއަށް އެކަމުގައި އެހީއެއް ވެދޭން ތައްޔާރަކަށް ނޫނެވެ. އޭނާ އެ ލޯބީގެ ދަޅަ ދެއްކީ ޒީނާގެ ކިބައިން ބަދަލު ހިފުމަށް ކަމަށް ފާޅުގައި ބުންނެވެ. އޭނާ ނިކަމެއްޗެއްގެ ގޮތުގައި ހުރި ދުވަހު ޒީނާ ބުނި ހުރިހާ ބަސްތަކެއް އަނބުރާ ޒީނާއަށް ރައްދު ކުރިއެވެ. އޭނާގެ ހިތަށް ވީ ތަދު މިއަދު ޒީނާއަށް އޭނާ ދިނެވެ. ޒީނާގެ ރުއިމާއި އާދޭހުން މިއަދު ސޮބްރީއަށް އަސަރެއް ނުކުރިއެވެ. އޭނާއަށް ލިއްބައިދިނީ އުފާވެރިކަމެވެ.

ޒީނާ މިއަނދިރި ބިރުވެރި ހުވަފެނުގެ ތެރެއަށް ގެނބެމުން ދިޔައިރު އޭނާގެ ހިތާ ހިތުން މި ސުވާލު ކުރަމުން ދިޔައެވެ.

“މިހެން މިވީ ކީއްހެއްޔެވެ؟”

-ނިމުނީ-