English Edition
Dhivehi Edition

ޖަލުބަންދުގައިތިބި ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ސްޕްރީމްކޯޓުން ބުރާސްފަތި ދުވަހުގެރޭ ކުރައްވައިފައިވާ އަމުރު ތަންފީޒު ކުރުމަށް ކަމާބެހޭ އެއްވެސް ފަރާތަކަށް ގާނޫނީ އެއްވެސް ހުރަހެއްނެތް ކަމަށް ސްޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމަވައި އެކަން ޕްރޮސެކިޔުޓަރޖެނެރަލްއަށް އަންގަވައިފިއެވެ.

އެބަޔާނުގައި ވިދާޅުވެފައިވަނީ “ކޯޓުގެ އަމުރުގައިވާ ކަންތައްތައް ކުރުމުގައި އިތުރު އިރުޝާދާއި، މަޝްވަރާއަށް އެދިލައްވައިފައިވާތީ، ދިވެހިރާއްޖެގޭ ސްޕްރީމްކޯޓުގެ ނަމްބަރު 01/2018/SJ-SC (01 ފެބުރުއަރީ 2018) ކޯޓުއަމުރު ތަންފީޒުކުރަންޖެހޭ ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އެ އަމުރު ތަންފީޒު ކުރުމަށް ގާނޫނީގޮތުން ހުރަސްއެޅިދާނެ އެއްވެސް ސަބަބެއްނެތް ކަމާއި، އަދި އެ އަމުރުގައިވާ ގޮތުގެ މަތީން އަލުން ޝަރީއަތް ހިންގަންޖެހޭ ފަރާތްތަކުގެ ޝަރީއަތް ހިންގުމަށްޓަކައި ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެކަން ކަމާބެހޭ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް ޕްރޮސެކިޔުޓަރޖެނެރަލްއަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއްނެތްކަމަށް ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅައިފައިވާތީ އެކަންވަނީ ޕްރޮސެކިޔުޓަރޖެނެރަލް އޮފީހަށް 4 ފެބުރުއަރީ 2018 ވަނަދުވަހު އެންގިފައެވެ.،” އެބަޔާނުގައިވެއެވެ.

މިބަޔާނާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވެފައިވަނީ މިއީކުރިންވެސް ވެދާނެ ކަމަށް ތަސައްވަރު ކުރައްވައިފައިވާ ކަމެއް ކަމަށެވެ. އެހެންވީމާ ސްޕްރީމްކޯޓުން ކަމެއްކުރުމަށް އަމުރުކުރުމުން ދެންއޮންނާނީ އެކަން ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. ޑިއުޕްރޮސެސް ކުރިއަށްގެންދަންޖެހޭ ކަމަށްވާނަމަ އެކަމެއް ކުރަންޖެހޭނީ އަމުރު ތަންފީޒު ކުރެއްވުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަމީމް ވަނީ ޑިއުޕްރޮސެސްއަކީ ކޮބައިކަންވެސް ވިދާޅުވެ ދެއްވައިފައެވެ. އެއީ ބަންދުގައި ތިބި ބަޔަކު ދޫކޮށްލުމަށްފަހު އެބައެއްގެ މައްޗަށް އަލުން ޝަރީއަތް ހިންގަންޖެހޭ ކަމަށްވާނަމަ އުސޫލަތަކާ އެއްގޮތަށް އެކަމެއް ކުރުމެވެ. “މިސާލަކަށް މީހަކު ދޫކޮށްލާފައި އަލުން ހައްޔަރުކުރަން ވެއްޖެއްޔާ އެ ހައްޔަރުކުރެވޭ އުސޫލުތައް އެބަހުރި ގާނޫނުގައި ކަނޑައަޅާފައި. މީހާ ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، އެހެންނޫނިއްޔާ ކޯޓު އަމުރެއް ހޯދައިގެން،” ޝަމީމް ވިދާޅުވިއެވެ. މިކަން މިގޮތަށް ކުރުމަށް ސްޕްރީމްކޯޓުންވެސް ހުރަހެއްނެތް ކަމަށް އޭނާ ވިދާޅުވިއެވެ.