މިއަހަރުގެ ބަރަކާތްތެރި އަޟްޙާ އީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމަށްޓަކައި މާލެ ސިޓީގެ 4 މައިދާނަކާއި، ގްރޭޓަރ މާލެ ސަރަޙައްދުގެ 25 މިސްކިތެއް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހަމަޖައްސަވައިފިއެވެ.
އެ ވުޒާރާއިން މިއަދު ނެރުއްވި އިޢުލާނެއްގައި ވިދާޅުވެފައިވާ ގޮތުގައި، ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ފަދައިން މިއަހަރުވެސް އީދު ނަމާދުގެ ބޮޑު ޖަމާޢަތް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ހާމަބިންތަކުގައި ކުރިއަށްދާނެއެވެ.
ބޮޑު ޖަމާއަތްތަކުގެ އިތުރުން، މާލޭގެ 17 މިސްކިތެއްގައާއި، ހުޅުމާލެ ފޭސް 1 ގެ 5 މިސްކިތެއްގައާއި، ހުޅުމާލެ ފޭސް 2 ގެ 2 މިސްކިތެއްގެ އިތުރުން ވިލިމާލޭގެ މަސްޖިދުލް ސަލާމްގައިވެސް ޢީދު ނަމާދު ކުރުން އޮންނާނެއެވެ. މީގެ ތެރޭގައި އިސްލާމީ މަރުކަޒާއި ކިންގް ސަލްމާން މިސްކިތް ހިމެނެއެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވީ، އީދު ނަމާދު ކުރާ ވަގުތު މޫސުން ގޯސްވެ ވާރޭވެހުމުގެ ސަބަބުން މައިދާންތަކުގައި ނަމާދު ކުރެވޭގޮތް ނުވެއްޖެނަމަ، ޢީދު ނަމާދު ކުރާނީ މާލެ ސަރަޙައްދުގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތްތަކެއްގައެވެ.
މިއަހަރުގެ އަޟްޙާ އީދު ނަމާދު ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ.