English Edition
Dhivehi Edition

ލޯބި ލިބުމަށްފަހު އެލޯބި ގެއްލުމަށް ވުރެން ބޮޑު ހިތްދަތި ކަމެއް ނޯންނާނެއެވެ. ބައެއްފަހަރު އެލޯބި ނުލިބުނު ނަމައޭ ހިތަށް އަރަނީ އެހެންވެ އެވެ.

އަހަންނަށް ގެއްލުނު ފުރަތަމަ ލޯބީގެ ސަބަބުން އަހަންނަށް ލިބުނު ހިތްދަތިކަމާއި ހިތާމަތައް ފިލިތާވެސް ކިތަންމެ ދުވަހެކެވެ. އަހަރެން ހިތުގައި އަޒުމް ކަނޑައަޅައިގެން ހުރީ އަލުން ލޯތްބެއް ނުވުމަށެވެ. އެއީ ލޯބި ގެއްލުމުން އެލިބޭ ފަދަ ހިތްދަތިކަމެއް ލޯތްބެއް ނެތި ހުރުމަކުން ނުލިބެއެވެ. އެގޮތުގައި އަހަރެންނަށް އުޅެވުނު ދުވަސްތަކެއް ގުނާ އަދަދުވެސް ނުކުރެވެއެވެ. އެނގޭކަމަކީ އަހަރެންނަށް އޭރު ލިބުނުފަދަ ވޭން ތަކަކާއި ތަދެއް މިހާރަކު ނުލިބޭކަމެވެ. ހަމަ އެފަދައިން ލޯބީގައ އެހޭދަކުރެވުނު ފަދަ ފޮނިކަމެއްވެސް މިހާރަކު ނުލިބެއެވެ.

ވިޔަސް ފެރީގައި ކޮންމެ ދުވަހަކު ގަމަށް ކުރާ ދަތުރަކީ އަހަންނަށް ހިތްގައިމުކަމެއް ލިއްބައިދޭ ވަގުތުކޮޅެކެވެ. އަހަރެން އަންނަނީ މަޑުން ދުވާ ފެރީއެއްގައެވެ. އެއީ ހެނދުނުގެ ތާޒާ ވަޔާއި އިރުގެ ތޫނު އަވިން ހިތަށް އަރާމުކަން ލިއްބައި ދާތީއެވެ.

ކުރީކޮޅުގައި މިފެރީގެ ގޮނޑިތަކެއް އާންމު ގޮތަކަށް ނުއެއް ފުރެއެވެ. އެއީ ވެސް އަހަރެން މި ފެރީ އިޚްތިޔާރު ކުރި ސަބަބެވެ. މީހުންގިނަވެ ތޮއްޖެހުނީމަކާ ވެސް އަރާމެއް ނުވެއެވެ. އަހަރެން އާދަވެގެން އިށީނދެ އިންނަ ގޮނޑި ކައިރީގައި ހުންނަ ގޮނޑީގައި އަހަރެންގެ ގިޓާ ބައިންދާލެވެއެވެ. މީހަކަށް އެކަމަކުން އުނދަގުލެއްވެސް ނުވެއެވެ. އެކަމަކު މިއަދު މިފެރީ މިވަނީ ފުރިބާރުވެފައެވެ. ބާކީ ހުރީ މަދު ގޮނޑިކޮޅެކެވެ. އޭގެ ތެރޭގައި އަހަރެން ގިޓާ ބަހަށްޓާ ގޮނޑި އަދިވެސް ހުރީ ހުސްކޮށެވެ. މިތަނަށް އިތުރު މީހަކު ނާންނާނެ ނަމައޭ އަހަރެން ހިތަށް އެރިއެވެ.

ފެރީ ހަމަ ނައްޓާލަން އުޅެނިކޮށް ދުވަމުން ކަހަލަ ގޮތަކަށް އައި ކުއްޖަކަށްޓަކައި ފެރީ ކުޑަކޮށް މަޑުކޮށްލިއެވެ. އޭނާ ނުލާ ދާން ބޭނުން ނުވާ ފަދައިންނެވެ. އަހަރެން އިނީ ބަލަން ކަމުން އެކުއްޖާ ލާފައި ހުރި މަޑު ނޫކުލައިގެ ސްކާރޓް ހެދުމުގެ ފުޅާ ފަސްބައި ފެރީގެ ދިރުބާ ކޮޅުގައި އަޅައިގަތް ތަން ވެސް އަހަރެން ދުށީމެވެ. އޭނާ އަރިއަޅާލި ނަމަވެސް ނުވެއްޓެއެވެ. އެއީ ފަޅުވެރިއެއްގެ ވެސް އެހީއާއެކުގައެވެ.

އެކުއްޖާ ގޮނޑިތައް ބަލަމުން އައިސް އަހަރެން ގިޓާ ބަހަށްޓާފައި ހުރި ގޮނޑިޔާ ކައިރިއަށް އައިސް ހުއްޓުމުން އަހަރެން ގިޓާ ނަގައި ގޮނޑި ހުސްކޮށް ދިނީމެވެ. މިކަން އަހަންނަށް ކުރެވުނީ އިޚްތިޔާރެއްގައި ނޫންކަން އަހަންނަށް ވިސްނުނު ވެސް މެއެވެ.

ޖެހެމުން އައި ވައިރޯޅި ތަންކޮޅެއް ބާރުވުމުން އޭނާގެ މަޑު އިސްތަށިގަނޑު ވަޔާއެކު ވިހުރިވި އައިސް އަހަރެންގެ މޫނުމައްޗަށް އެޅޭ ފަހަރުވެސް އާދެއެވެ. އަހަންނަކަށް އެކަމަކުން އުނދަގުލެއްވެސް ނުމެ ވޭމެއެވެ. އެއާއެކު އޭނާ އިށީންފަހުން ދުވަމުންއައި މީރުވަސް އަހަރެންގެ ނޭފަތުގެ ހިއްސާ ކުޅެމުން ދިޔައެވެ. އޭނާ އިށީންފަހުން އަހަންނަކަށް ނޭވައެއް ލާނެ ހަނދާނެއް ވެސް ނެތެވެ. އެއީ އޭނާގެ ރީތިކަމުން ބާވައެވެ. ނުވަތަ އެނޫންވެސް އެހެން ސަބަބެއް ބާވައެވެ. އެކަމާ އަހަރެންނަކަށް ވިސްނާނެ ވަގުތެއް ވެސް ނުވިއެވެ. އެއީ މިއަދު ފެރީ އައިސް ގަމަށް ލެފީ އެހެން ހުރިހާ ދުވަހަކަށް ވުރެން އަވަހަށް ކަމަށް ވާތީއެވެ.

 

އެ ޕަރީއެއް ކަހަލަ އަންހެން ކުއްޖާ އަހަންނަކަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ. އެކަމު އޭނާ ދޭންވީ ކޮން ސަމާލުކަމެއް ހެއްޔެވެ؟ ވިޔަސް އަހަރެން މިހާވަރަށް މިހާ އަވަހަށް މިހާ ކުޑަ ހިނދުކޮޅަކުން އޭނާއަށްޓަކާ ފިދާ މިވީ ކީއްވެ ބާވައެވެ.

އަހަރެން ފޭބީ އެންމެ ފަހުންނެވެ. ފެރީ ކައިރިކޮށްލިއިރަށް އޭނާ އަވަހަށްގޮސް ފާލަމަށް އަރާފައި ދަބަހުން ނެގި އަވި އައިނު އަޅައި އެރީތި ލޯ ފޮރުވާލިއެވެ. ނުހަނު ބާރަށް ހިނގާފައި ގޮސް އޮބާލިއެވެ. އަހަރެން ފާލަމަށް އަރަން ގޮސް ނާރާ ބަލަން ހުރެވުނީއެވެ. އަހަރެން އެރީ ފެރީ ނައްޓާލަން ވެގެން ފަޅުވެރިޔަކު އިޝާރާތެއް ކޮށްލީމައެވެ.

އަހަރެން އެދުވަހަކު މީދުއަކަށް ނުދަމެވެ. އަހަރެން އަންނަނީ ޝޯ އޮންނަ ދުވަހުގެ ހެނދުނުއެވެ. އެނބުރި ދަނީ އޭގެ އަނެއް ދުވަހުގެ ހެނދުނުއެވެ.

އަހަރެން ފުރަން ގޮސް ހުރީ އޭނާ ފެރީއިން ފައިބާތަން ބެލުމަށެވެ. ވިޔަސް އެދުވަހަކު އަހަންނަކަށް އޭނާއެއް ނުފެނުނެވެ. އަހަރެން މާޔޫސް ވިއެވެ. އެއީ އޭނާ ފެނުނީއްސުރެން އޭނާގެ ސޫރަ ދެކެން ބޭނުންވެފައިވާ ވަރުންނެވެ. މުޅި ރޭނގަނޑު އޭނާގެ ޚިޔާލުތަކުގެ ތެރެއަށް އަހަރެން ޣަރަގު ވެފައިވާ ކަމުންނެވެ.

މުޅި ހަފްތާ ދިޔައީ އެނާ ނުފެނިއެވެ. އަހަރެންނާ ޖެހިގެން ހުންނަ ގޮނޑި ހުރީ ހުސްކޮށެވެ. އަހަރެންގެ ގިޓާ އެގޮނޑީގައި ބެހެއްޓީމެވެ.

އެއީ އޭގެ އެއްހަފްތާގެ ފަހެވެ. އަހަންނަށް އެދުވަހު އާދެވުނީ ތަންކޮޅެއް ލަހުންނެވެ. ކުޑަކޮށް ވިއްސާރަވީމާ މާގަދަޔަށް ނިދުނީއެވެ. އަހަރެން އަވަސް އަރުވާލާފައި އައިއިރު ފެރީވަނީ ގާތްގަނޑަކަށް ފުރިފައެވެ. އަހަރެން އެރުމާއއެކު ނައްޓާލިއެވެ. އަހަރެން ބަލައިލިއިރު އަހަރެން އިންނަ ގޮނޑިޔާ ޖެހިގެން ހުރި ގޮނޑީގައި އެއްކަލަ އަންހެން ކުއްޖާ އެބައިނެވެ. އަހަރެން އިންނަ ގޮނޑި ހުރީ ހުސްކޮށެވެ. އެއީ އަހަންނަށް ރިޒާވް ކޮށްފައިވާ ގޮނޑިއެއްހެން ހީވާފަދައިންނެވެ. އަހަރެން އައިސް އިށީނީ އެގޮނޑީގައެވެ. އެއީ އަހަރެންނަށް އެންމެ ހިތްގައިމު ގޮނޑިވެސް މެއެވެ.

އަހަރެން އިށީންނަން އެކުއްޖާ ތަންދެއްކިއެވެ. އަދި ކުޑަކޮށް ހީނލިހެން ވެސް އަހަންނަށް ހީވިއެވެ. އެހެންނަމަވެސް އިސްވެ އެއްޗެއް ބުނާކަށް އަދިވެސް އަހަންނަކަށް ނުކެރުނެވެ. އަމިއްލައަށް ތައާރަފުވާނެ ހިތްވަރެއްވެސް އަހަރެންގެ ކިބަޔަކު ނެތް މެއެވެ.

“ކޮން މިއުޒިކް ގުރޫޕެއް؟” ފެރީ ލަފަން ކައިރިވެފައި ހުއްޓާ އޭނާ އަހަރެން ކުރެން އަހާލިއެވެ. “

“އެންޓައިރިސް” އަހަންނަށް ބުނެވުނު ގޮތްވެސް ނޭނގުނެވެ. “އަހަންކީ ޒާހިދު. ލީޑް ގިޓަރިސްޓް.” އަހަރެން އަވަހަށް ބުނެލީމެވެ.

“ޕަރީދާ” އޭނާގެ ނަން ބުނެލިއެވެ. “އަހަރެންވެސް މިއުޒިކަށް ލޯބިކުރަން.”

އަހަރެމެންގެ ރައްޓެހިކަން ފެށުނީ އެހާހިސާބުންނެވެ.

ޕަރީދާ އުޅެނީ ހަންކެޑެ ހޮލިޑޭސްގައެވެ. އެހެންކަމުން އަހަންނާ ދިމާވަނީ ހަފްތާއަކު ތިން ދުވަހުއެވެ. އެއިން ކޮންމެ ދުވަހަކުވެސް އަހަރެމެން ދެމީހުން ފެރީއަށް އަރަނީ އެކުގައެވެ. އަހަރެމެން އެއަށްފަހު ތިބެނީ ޖެހިޖެހިގެންނެވެ. ދައްކާނެ ވާހަކަ ހުހެއްވެސް ނުވެއެވެ. މިހާރު ދެމީހުންނަކީވެސް ފެރީގެ ބައިވެރީންނެވެ.

އެވަރުންވެސް އޭނާގެ ފޯން ނަމްބަރު ދޭށޭ އަހާނެ ހިތްވަރެއް އަހަރެންގެ ނެތެވެ. އަދި އޭނާ ހުސްކަމެއްވެސް ނޫންކަމެއްވެސް ނޭނގެއެވެ. ފެރީގައި ތިބެގެން އޭނާ ދައްކަނީ އަބަދުވެސް މިއުޒިކްގެ ވާހަކައެވެ. އެހެންނަމަވެސް އަހަރެން ދައްކަން ބޭނުންވަނީ ލޯބީގެ ވާހަކައެވެ.

ފެރީގައި ތިބޭ އިރު އެހެން މީހުންނަށް ފެންނަނީ އަހަރެމެން ދެމީހުންނަކީ ދެ ލޯބިވެރީންގެ ގޮތުގައެވެ. އެހެންނަމަވެސް ހަގީގަތް އެނގޭނީ އަހަރެމެން ދެމީހުންނަށެވެ. އެއީ އަހަރެންގެ އެންމެ ބޮޑު އުންމީދުކަމުގައި ވީނަމަވެސް އެފަދަ ލަފްޒެއް އަހަރެންގެ ދުލުން ބޭރު ކުރާކަށް ހިތްވަރު ތަނެއް ނުދެއެވެ.

އެއީ ވިއްސާރަ ދުވެހެކެވެ. އަހަރެން އިނީ ޕަރީދާ އާދޭތޯ ބަލަބަލައެވެ. އޭނާއާ ނުލާ ފެރީ ފުރާފާނެތީ ކަންބޮޑުވެފައެވެ. އެހެން އިންދާ އަހަންނަށް ފެނުނީ ޕަރީދާ ޒުވާން ފިރިހެނަކާއެކު ކުޑައެއްގެ ދަށުގައި ދުވަމުން ކަހަލަ ގޮތަކަށް އަންނަތަނެވެ. އަހަރެންގެ ހިތުން ވިންދެއް ވެއްޓުނީ އެވަގުތު އެވެ. އެނާ ޕަރީދާ ފެރީއަށް އަރަންދެން ނުހަނު ގައިގޯޅިކޮށް ހުއްޓާ ފެނުމުންނެވެ. ހުއްޓެވެ. ފެރީއަށް އެރުވުމަށް އޭނާ އެހީތެރިވި ގޮތުންވެސް މެއެވެ. އެއީ އަހަރެންގެ ހިތަށް ގުގުރާފައި ހޮނު އެޅި ވަގުތުއެވެ.

އެދުވަހު އޭނާ އައިސް އިށީނީވެސް އެހެން ގޮނޑިއެއްގައެވެ. އެއީ އަހަންނާ ޖެހިގެން ހުރި ގޮނޑިއަށް އޭރު އެހެން އަންހެން ކުއްޖަކު އައިސް އިނީމައެވެ.

މިއައި ކުއްޖާއަކީ ޝަބާނާއެވެ. އޭނާ އަހަރެން ރަނގަޅަށް ދަނެއެވެ. އަދި އަހަރެންމީ އެންޓައިރީސްގެ ގިޓަރެސްޓެއް ވީމާ ނިކަން އަވަހަށް ގުޅާލަން އުޅެގެންފިއެވެ. އަހަރެން އެއްޗެއް ނުބުންޏަސް އެތައް ވާހަކައެއް ދެއްކިއެވެ. އަދި ރާޅާއެކު ފެރީ ހަލުވާލާ ކޮންމެ ފަހަރަކު އޭނާ އަހަންނާ ގާތަށް ޖެހިލައެވެ. އަދި އޭނާގެ ބޯ އަހަރެންގެ ކޮނޑުގައި އަޅުވާލައެވެ.

ޕަރީދާގެ ނުރުހުމުގެ ނަަޒަރު ފުރަތަމަ އަހަންނަށް އަމާޒުވީ ދުވަހަކީ އެއީ އެވެ. އެހެންނަމަވެސް ޕަރީދާ ކުރީ ދުވަހު އެހެންމީހަކާއެކު ފެނުނު ގައިގޯޅިކަމުގެ ސަބަބުން އަހަންނަކަށް ޕަރީދާ ހުސްކަމެއް ޔަގީނެއް ނުވިއެވެ. އަހަރެންނާ ޝަބާނާ އަކާވެސް އެފަދަ ގުޅުމެއް ނެތްމެއެވެ. އެކަމަކު ޝަބާނާގެ ހުރިހާ ހަރަކާތަކުން އަހަންނަށް ޝަބާނާ ވަނީ މިލްކުވެފައިކަން ހާމަވަމުން ދިޔައެވެ.

ދެން އައީވެސް ހަމަ އެފަދަ ތޫފާނީ ދުވަސްކޮޅެކެވެ. ޕަރީދާ ފެރީއާ ހަމަޔަށް ކޮންމެ ދުވަހަކުވެސް އަންނަތަން ފެންނަނީ އެމީހާއާއެކު ކާރުގައެވެ. އަދި ޕަރީދާއާއެކު އެމީހާ އައިސް ޕަރީދާ ފެރީއަށް އެރުމުމަށް އެހީތެރިވެދެއެވެ. މިއީ އަހަރެންނަށް ނުކުރެވި ދޫކޮށްލެވިފައިވާ ކަމެކެވެ. މިއީ އަހަރެންގެ އިހުމާލުން ކަމަށްވެސް މިހާރު ހިތަށް އަރައެވެ.

ޝަބާނާ ކޮންމެ ގޮތަކުންވެސް އަހަރެން އަންނަ ގަޑިޔަށް ފެރީއަށް އާދެއެވެ. އޭނާ އަހަރެންގެ ނަމްބަރު ހޯދައިގެން ގުޅާހަދައެވެ. އަދި އަހަރެން ނުގުޅާކަމުގެ ޝަކުވާ ކުރެއެވެ. އަހަރެން ގުޅާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ހިތް އޮންނަނީ އަބަދުވެސް ޕަރީދާއާ އެކުގައެވެ.

އެއީ ދިގުލައިގެން ދިޔަ ވިއްސާރަ މޫސުމެވެ. އެދުވަހު ކަނޑުވެސް ވަރަށް ގަދައެވެ. އާދައިގެ މަތީން ޝަބާނާ އިނީ އަހަންނާ ޖެހިގެންނެވެ. އަހަރެންގެ ގައިތެރެއަށް ވަދެ ކަހަލަ ގޮތަކަށެވެ. އޭނާގެ ރައްކަލަކީ އަހަރެންހެން ހީވާ ފަދަ ގޮތެއްގައެވެ.

އަހަރެންގެ ކުރިމަތީގައި ހުރި ގޮނޑިއެއްގައި ޕަރީދާއާއި އެޒުވާނާ ތިއްބެވެ. އެހެންނަމަވެސް ޕަރީދާ އޭނާގެ ހިމާޔަތަކަށް ނުވަދެއެވެ. އޭނާގެ ހަރަކާތުން ޕަރީދާއަށް ރައްކާތެރިކަން ދޭން އުޅޭހެންވެސް ހީވެއެވެ. އެކަމަކު ޕަރީދާ އޭނާގެ ހިމާޔަތަކަށް ނުވަދެއެވެ. ޕަރީދާ ޝަބާނާއަށް ވުރެން ކަނޑަށް ގަދައީ ކަމަށް ވެދާނެއެވެ.

އެއީ ފެރީގެ އިންޖީނު ހުއްޓުނު ވަގުތެވެ. އެއާއެކު ފެރީ ވަރަށް ބޮޑަށް ހަލުވައިގެން ފިއެވެ. ވަށައިގެން އޮތީ އުދަރެސް ބެދިފައެވެ. ދެވޭ ނުދެވޭ ހިސާބެއް ނޭނގެއެވެ. ފެރީ ކޮންމެވެސް އެއްޗެއްގައި ޖެހުނު އަޑު އިވުނެވެ. އަދި އެއާއެކު ފެރީ ދިޔަވެ އަޑިޔަށް ދާން ފަށައިފިއެވެ.

އެވަގުތު ވަށައިގެން އިވެމުން ދިޔައީ ރުއިމާއި ހަޅޭލެވުމުގެ އަޑުފަށްގަނޑެވެ. ޝަބާނާ އަހަރެންގެ ގައިގައި ބެއްދި ގޮތަށް ދުލެއް ނުކުރެިއެވެ. އަހަންނަށް ފުންމާލެވޭކަށް ވެސް ނެތެވެ. ފަތަން ނުދަންނަ މީހަކު ގައިގައި އެލިގެން އޮވެއްޖެ ނަމަ ކިތަންމެ މޮޅު ފެތުންތެރިޔަކުވެސް ދާނީ އަޑިޔަށްކަން އަހަންނަށް އެނގުނެވެ.

ޕަރީދާ ފުންމާލީ އަހަރެން ބަލަން ހުއްޓައެވެ. އެހެންނަމަވެސް އޭނާގެ އެކުވެރިޔާއަކަށް ފުންމައެއް ނުލެވުނެވެ. އޭނާއަކަށް ފަތާކަށް ނޭނގެއެވެ. އަހަރެން ކޮންމެވެސް ގޮތަކުން ލައިފް ޖެކެޓެއް ދަމައިގަނެ ޝަބާނާ ގައިގައި އެޅުމުމަށްފަހު އޭނާ ބޭލުވީމެވެ. އޭރު އިތުރު ލައިފް ޖެކެޓެއް ނަގަން އުޅެވޭނެ ފުރުސަތެއް ނެތެވެ. ފެރީ ފެތިއްޖެއެވެ.

ކޮންމެ މީހަކު ވެސް އެމީހަކަށް ޖެހުނު ގޮތަކަށް ސަލާމަތްވެވޭތޯ ބަލަމުން ދިޔައީ އެވެ. އެވަގުތު ޕަރީދާ އަހަރެންގެ ގިޓާ އެއްއަތުން ހިފަހަށްޓައިގެން ފަތާފައި އައެވެ. ޝަބާނާ އޮތީ ތަންކޮޅެއް ދުރުގައެވެ. އޭނާ އައިސް ބުންޏެވެ. “ ރާޝިދަށް އެހީތެރިވެދީ. އެއީ އަހަރެންގެ އޮފީހުގެ ފްރެންޑެއް.”

“އޮފީސް ފްރެންޑެއް؟ “ އަހަރެންނަށް އަހާލެވުނެވެ. “ އަހަރެން ހީކުރީ…”

“ހައްތާވެސް ނުބައި ހީ . “އަހަރެންވެސް ހީކުރީ…”

“ތިއީ ކުށް ހީއެއް. “ އަހަރެން ބުނީމެވެ. “އަހަރެންގެ ލޯތްބަކީ ޕަރީދާ. “

“އަހަރެންގެ ލޯތްބަކީ ޝިނާޒް.” އޭނާވެސް ބުނެލިއެވެ.

އަހަންނާ ޕަރީދާގެ މަސައްކަތުން ރާޝިދަށް އަރާ އޮވެވޭނެ ފިލާގަނޑެއް ހޯދައިދިނީމެވެ. އޭރު ކޮންމެވެސް އެހެން މީހަކު ޝަބާނާއަށް އެހީތެރިވަމުންދާ ތަން ފެނުނެވެ.

ރެސްކިއު ލޯންޗް އަންނާކަށް ގިނަ އިރެއް ނުނެގިއެވެ. އެހެންނަމަވެސް މިވަގުތު އަހަންނާ ޕަރީދާ ތިބީ އެކަކު އަނެއްގެ ކިބައިން “ރެސްކިއު” ލިބިގެންނެވެ. އަހަރެމެން އެލޯންޗަށް އަރާކަށް ބޭނުމެއް ވެސް ނުވިއެވެ.

ލޯންޗުން މީހުން ސަލާމަތްކުރަން ދެބުރެއް އަޅަން ޖެހުނެވެ. އަހަރެމެން ދިޔައީ ފަހު ބުރުގައެވެ. އޭރުވެސް ދައްކަން ހުރިވާހަކަ ތައް ނުނިމެއެވެ. ކުރެވުނު ކުށްހީތަކާ މެދުގައެވެ. މިއުޒިކާ ބެހޭގޮތުންނެވެ. ދެމީހުންގެ މާޒީގެ ވާހަކަތަކެވެ. އެއީ އަހަންނަށް އަނެއްކާވެސް އާލޯތްބެއް ލިބުނު ދުވަހެވެ. ޢަރަގުވަމުންދިޔަ އަހަރެންގެ ހަޔާތަށް އާ އުންމީދަކާ އާ ދިރުމެއް ލިބިގެން ދިޔައީ އެދުވަހުއެވެ.