English Edition
Dhivehi Edition

އެއީ އެ ބިރުވެރި ހާދިސާ ހިނގި ދުވަހެވެ. ދުވަހަކުވެސް އަހަރެންގެ ހަދާނުން ފިލައިގެން ނުދާނެ ދުވަހެކެވެ. ފަތިސް ނަމާދުކޮށްގެން ނިމުނުތަނާ އަހަރެންގެ ފޯނު ރިންގުވާން ފެށުމުން ބިރުވެރި ގޮތަކަށް އަހަރެންގެ ހިތް ތެޅެން ފެށުނެވެ. ކޮންމެވެސް ނުރައްކަލެއްގެ އިހްސާސް އަހަރެންގެ ހިތަށް ކުރެވިގެންދިޔައެވެ.

އެއީ ޖަވާޒުގެ ކޯލެއް ނޫނެވެ. ނަމްބަރަކީ ޖަވާޒުގެ ރިސޯޓުގެ ނަމްބަރެކެވެ. އެކޮޅުން ވާހަކަ ދެއްކިމީހަކު އަވަސް އަވަހަށް ބުނީ އޭޑީކޭ އަށް ދިއުމަށެވެ. މިހާރު އެމެޖެންސީގައި ލޯންޗުން ޖަވާޒު މާލެ ގެންދާ ކަމަށާއި އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އަހަރެންގެ ދެފައިން ވާގި ހުސްވެ އަލުން މުސައްލަ މައްޗަށް ތިރިވެވުނެވެ. ކަލާނގެ ހަޟްރަތުގައި ޖަވާޒުގެ ސަލާމަތަށް އެދި ދެއަތް މައްޗަށް ނަގައި ދުއާކުރެވުނެވެ. އެއަށްފަހު ހަލުވި ސްޕީޑުގައި އޭޑީކޭ ހޮސްޕިޓަލާ ދިމާއަށް ދުއްވައިގަނެވުނެވެ.

އަހަންނަށް އެތަނަށް ދެވުނު އިރު ޖަވާޒު އޮތީ އައިސީޔޫގައެވެ. ޑޮކްޓަރުން ދިޔައީ ޖަވާޒަށް އަވަސް ފަރުވާ ދެމުންނެވެ. ކުޑައިރުކޮޅަކުން ނަރުސް ކުއްޖަކު އައިސް ޑޮކްޓަރު އަހަންނާ ބައްދަލުކުރަން ބޭނުންކަމަށް ބުންޏެވެ.

އަހަރެން ނަރުސް ކުއްޖާގެ ފަހަތުން ދިޔައީމެވެ. އޭރު ބާރަށް ދުވެފައި އައި އެތުލީޓެއްގެ ހިތް ތެޅޭފަދައިން އަހަރެންގެ ހިތްވެސް ދިޔައީ ތެޅެމުންނެވެ.

ޑޮކްޓަރު ކޮޓަރީގެ މޭޒުދޮށުގައި އިށީނދެގެން ކަރުދާސްތަކެއް ބަލަން އިނެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރި ހާސްކަން އަހަންނަށް ފުރަތަމަ ނަޒަރުންވެސް ކިޔައިލެވުނެވެ.

“ރީމާ..ޖަވާޒުގެ އަންހެނުން ދޯ؟” ކައިރީގައި ހުރި ގޮނޑިއާދިމާއަށް އިޝާރާތްކޮށްލަމުން އަތުން އަހަރެން އިށީނުމަށް ޑޮކްޓަރު އެންގިއެވެ.

“އާދެ..” ފިސް އަޑަކުން އަހަރެން ބުނީމެވެ.

“ޖަވާޒުގެ ހާލު ވަރަށް ސީރިއަސް. އޭނާ އެވަނީ ކެންސަރގެ އެންމެ ފަހު ސްޓޭޖުގައި. އެކަން އެނގޭދޯ؟” ޑޮކްޓަރު އަހަންނާ ދިމާއަށް ބަލަން އިނދެ މަޑުމަޑުން ބުންޏެވެ.

“ލާސްޓް ސްޓޭޖް؟؟؟ ” އަހަންނަށް ހަޅޭ ލަވައިގަނެވުނެވެ.

“ޔެސް.. ރިޕޯޓުތަކުގައި ހުރިހާ ތަފްސީލެއް އެބަހުރި. މީގެ ދުވަސްކޮޅެއް ކުރިން އިންޑިޔާއިން ހަދާފައި ހުރި ޓެސްޓްތަކެއް މިއީ…” ޑޮކްޓަރު ކިޔައިދިނެވެ.

“އެކަމަކު..އިންޑިއާއިން ޑޮކްޓަރުން ބުނެފައި އެވަނީ ޖަވާޒުގެ ބަލި ފަސޭހަވާނެ ކަމަށް. ކެންސަރގެ ފުރަތަމަ ސްޓޭޖޭ ބުނީ. ބޭހުން ރަނގަޅު ކުރެވޭނެ ކަމަށް..ދެން؟ ކަރުނަވީ އަޑަކުން އަހަންނަށް ބުނެލެވުނެވެ.

“ނޫން..ރީމާ ރަނގަޅަށް ރިޕޯޓްސް ތައް ބެލިންތަ؟ މީގައި ހުރިހާ ތަފްސީލެއް އެބަހުރި. ޖަވާޒުވަނީ މީގެ އެއްއަހަރު ކުރިން ފެށިގެން މިކަމަށް ބޭސްކުރަން ފަށާފައި. އެކަމަކު މާބޮޑަށް ބަލި މިވަނީ ފެތުރިފައި. ކެންސަރުގެ ވަކިތައް މިވަނީ މުޅި ގޮހޮރަށް މިހާރު ފެތުރިފައި. އެންމެ ފަހުން އިންޑިއާއިން ޓެސްޓު ހެދި އިރުވެސް އެހާ ހިސާބުގައި މިއޮތީ…އޭރުވެސް ޑޮކްޓަރުން މިވާހަކަ ބުނެދޭނެ. ފަހަރެއްގައި ރީމާއަށް މިވާހަކަތައް އަންގަން ޖަވާޒު ބޭނުންނުވީ ކަންނޭނގެ. ބަލިމީހާ އެގޮތަށް ރިކުއެސްޓް ކޮށްފިއްޔާ ޑޮކްޓަރުން އެވާހަކަ ހާމަނުކޮށްފާނެ” ޑޮކްޓަރުގެ ކޮންމެ ޖުމުލައެއް އަހަންނަށް އިވެމުން ދިޔައީ ހޮނުގުގުރީގެ ބާރުގަދަ ބިރުވެރި އަޑުތަކެއްގެ ގޮތުގައެވެ.

“މިހާރު ޖަވާޒުގެ ކޮންޑިޝަނަށް ބަލާއިރު ހަމަ ކޮންމެ ވަގުތަކު ކޮންމެފަދަ ގޮތެއްވެސް ވެދާނެ. މާނައަކީ ދޭނެ އިތުރުފަރުވާއެއް ނެތޭ. ހަށިގަނޑުގެ ގިނަ އޯގަންސްތައް މިހާރު އެވަނީ ފެއިލްވެފައި…” ރީމާއަށް މިހާރު އެނގެން މަޖުބޫރު ވާހަކަތައް ޑޮކްޓަރު އޭނާއަށް އަޑު އިއްވަމުން ދިޔައެވެ. މިވަގުތު އެކަންތައް އެނގުން ކޮންމެހެންވެސް އޭނާއަށް މުހިއްމެވެ.

“މިހާރު އައިސީޔޫއިން ރޫމަކަށް ޖަވާޒު ބަދަލު މިކުރަނީ. ކުޑައިރުކޮޅަކުން ރޫމަށް ގެންދާނެ. އެންމެ ފަހު ވަގުތު ބަލިމީހާ ކުރިމަތީގައި ހިތްވަރުކުރުން ވަރަށް މުހިއްމު” ޑޮކްޓަރު ބުންޏެވެ.

އެކަަމަކު އަހަރެން ހިތްވަރުކުރާނީ ކިހިނެއް ހެއްޔެވެ. މުޅި ދިރިއުޅުން އަަހަންނާ އެކީގައި ހޭދަކުރުމަށް ވައުދުވި އަަހަރެންގެ ނުހަނު ލޯބިވާ ފިރިމީހާ މަރުގެ ތުންފަތް މަތީގައި އޮތްއިރު މުޅި ދުނިޔެ ހުސްވަމުންދަނީ ކަމުގައި އަހަންނަށް އިހްސާސް ކުރެވުނެވެ.

ޖަވާޒު އޮތް ދިމާއަށް ދެވުމުގެ ބަދަލުގައި އަހަންނަށް ނިކުމެވުނީ ހޮސްޕިޓަލުން ބޭރަށެވެ. ޖަވާޒުގެ ކުރިމައްޗަށް ދިއުމުގެ ކުރިން ހިތްވަރު ހޯދުމަށް އަހަރެން ބޭނުމެވެ. ދެލޮލުގައި ހުރި ކަރުނަ ހުސްކުރަން ބޭނުންވިއެވެ. މޫނުމަތީގައި ހުރި ވޭނީ އަސަރު ކަނޑުވާލަން ބޭނުންވިއެވެ.

ހޮސްޕިޓަލުގެ ބޭރުގައި ހުރެގެން އަހަރެން ފުން ނޭވާތަކެއް ދޫކޮށް ހަމަޖެހިލީމެވެ. ކަލާނގެ ހަޟްރަތުން ކެއްތެރިކަން ދެއްވުން އެދި ދުއާކުރީމެވެ. އެއަށްފަހު މަޑުމަޑުން ޖަވާޒު އޮތް ރޫމާ ދިމާއަށް ދިޔައީމެވެ.

އަހަރެން އެ ރޫމަށް ވަން އިރު ޖަވާޒު އެނދުގައި އޮތެވެ. ނަރުސް ކުއްޖާ ޖަވާޒުގެ ހަށިގަނޑުގެ އެތަން މިތަނަށް ވާގަނޑުގަނޑު ގުޅުމުގައި އަވަދިނެތި ހުއްޓެވެ. އަހަރެން މަޑުކުރީ ނަރުސްކުއްޖާ ނިމެންދެންނެވެ. ކުޑަ އިރުކޮޅަކުން އަހަންނަށް މުހިއްމު އިރުޝާދުތަކެއް ދިނުމަށްފަހު ނަރުސް އެތަނުން ދިޔައެވެ. ނަރުސް ކުއްޖާގެ ފިޔަވަޅުގެ އަޑު އޮބުމާއެކު ޖަވާޒު އޭނާގެ ދެލޯ މަޑުމަޑުން ހުޅުވާލިއެވެ.

“ރީމާ…އައިއޭމް ސޮރީ” މަޑުމަޑު އަޑަކުން ޖަވާޒު ބުންޏެވެ.

“ކީއްވެ؟…ކީއްވެ ޖަވާޒު އަހަންނަށް މިކަންތައްތައް ސިއްރުކުރީ”

“އަހަރެން ބިރުގަތީ..ރީމާ އަހަރެން ދޫކޮށްފައި ހިނގައިދާނެ ކަމަށް ބިރުން ނުބުނީ..އެންމެ ފަހު ނޭވައާ ހަމައަށް ރީމާ އަހަރެންގެ އަންބެއްގެ ގޮތުގައި ހުރުން ބޭނުންވީ” ޖަވާޒު ވާހަކަ ދެއްކީ މަތިބަލަހައްޓައިގެން އޮވެއެވެ.

‘ޖަވާޒެއްނު އަހަރެން ދޫކޮށް ތި ދަނީ…ފިރިމީހާ ހާލުގައި ޖެހޭ ހިނދު ދޫކޮށްލާފައި ދުނިޔޭގެ އުފަލާ މަޖާ ހޯދަން ދާހައި އަހަރެންގެ ހިތް ހަރެއް ނޫން. އެކަން ޖަވާޒަށް ނޭނގުނީތީ ދެރަވަން” އަހަންނަށް ދުރުގައި ނުހުރެވިގެން ގޮސް ޖަވާޒުގެ މަގަތުން އިށީނދެ އޭނާގެ ހަށިގަނޑުގައި އޮޅުލައިގަތީމެވެ.

“އަހަރެން ބޭނުމެއްނޫން ޖަވާޒާ ވަކިވާން…” ރޮމުން ގިސްލަމުން އަހަރެން ބުނީމެވެ. އޭރު އަހަރެން ހިތްވަރުކުރުމަށް ޑޮކްޓަރު ދިން ނަސޭހަތުގެ މަތިން ވެސް އަހަރެންގެ ހަނދާނެއް ނެތެވެ.

ޖަވާޒުވެސް ރޮމުން ދިޔައެވެ. އަހަރެން ދޫކޮށް ޖަވާޒުވެސް ދާން ބޭނުމެއް ނޫނެވެ. ނަމަވެސް އޭނާގެ އުމުރުގައި އެނަސީބު ނެތީއެވެ. ޒުވާން އުމުރުގައި ދުނިޔެ ދޫކޮށް، ލޯބިވާ އެންމެންނާ ވަކިވާން ޖެހެނީއެވެ. ޖަވާޒުގެ މޭމަތީގައި މޫނުޖައްސާލައިގެން އަހަރެންގެ ދެލޮލުން އޮހޮރޭ ކަރުތަކުން އޭނާގެ މޭމަތި ތެއްމަމުން ދިޔައިރު އަހަރެންގެ ހަނދާނަށް އަންނަމުން ދިޔައީ އަހަރެންގެ އަމިއްލަ ވިޔަފާރިއެއް ފެށުމަށް ޖަވާޒު ބޭނުންވެގެން އެކަންތައް ކުރުވި ގޮތެވެ. އަހަރެން އަމިއްލަފައިމައްޗަށް ތެދުވެ އެހެން މީހަކާ ނުލައި އުޅެން ދަސްކޮށްދިން ގޮތެވެ. މިހުރިހާ ކަމެއް ކުރީ ޖަވާޒަކީ ކުޑައިރުކޮޅެއްގެ މެހްމާނެއްކަން އެނގި އަހަންނާ ވަކިވާ ދުވަހަކުން ވެސް އަހަރެން ބިކަ ނުވެ އުޅެވޭނެ ގޮތް ހެދުމަށެވެ. އަދި އަހަންނަށް ފޯނުކުރުން ހުއްޓާލާ ވާހަކަ ދެއްކުން ވެސް ހުއްޓާލީ އޭނާގެ އަޑުގައވާ އެރިހުން އަހަންނަށް އެނގިދާނެތީކަން ޔަގީނެވެ…!

“ކީއްވެ ޖަވާޒު އަހަންނަށް ފޯނު ނުކޮށް މެސެޖް ކުރީ؟ ” އެންމެ ފަހުން އެސުވާލު އަހަރެން ކުރީމެވެ.

“އަހަރެން ކިހިނެއް މިހާލުގައި އުޅެމުން ރީމާ އާއި މަޖާކޮށް ވާހަކަ ދައްކާނީ..އަހަރެންގެ ހަށިގަނޑުގައި އަޅާވޭންތައް އަހަންނަށް އޮޅިގެންވެސް ކިޔައިދެވިދާނެހެން ހީވާތީ ވާހަކަ ދެއްކުން ހުއްޓާލީ. ރީމާގެ އަޑުއަހަން ވަރަށް ބޭނުންވޭ. އެކަމަކު އެކަމަށް ކެތްކުރީ. އަހަންނަށް އެނގޭ ރީމާއަށް ކުރީގައި ނިދޭނީ ވެސް އަހަރެން ގުޅައިގެން ވާހަކަ ދައްކަން އޮއްވާކަން. މިކަންތައްތައް ބަދަލު ކުރަން ބޭނުންވީ. މިހާރު އަހަރެންގެ ކޯލާ ނުލައި ރީމާއަށް ނިދަން އެނގޭނެ. އަހަރެން ނުގުޅިއަސް ފަތިހު ވެސް ހޭލަން އެނގޭނެ” ހިކި ހިނިތުންވެލުމަކާއެކު ޖަވާޒު ބުންޏެވެ.

“އެކަމަކު…އަހަރެންގެ ފޯނަށް އަންނަ އަޑުނެތް މެސެޖާ ނުލައި އަހަރެން އުޅޭނީ ކިހިނެއް؟” އަހަންނަށް ބާރަށް ރޮއިގަނެވުނެވެ.

“މަޑުމަޑުން ގޮސް އެކަންތައްތަކަށް ވެސް އާދަ ވެދާނެ..ރީމާ..ރީމާ އެހެން މީހަކާ މެރީ ކުރާތި. މުޅި އުމުރު އަހަންނަށްޓަކައި ކަރުނަ އަޅަން ނުހުންނާތި. އެކި މީހުންގެ ނިމުން އަންނާނީ އެކިގޮތްގޮތަށް. ކޮންމެ މީހަކު ވެސް މިދުވަހާ ކުރިމަތިލާނެ. އެމީހެއްގެ އުމުރުގައި ލިޔެވިފައިހުރި މިންވަރަކަށް ދުނިޔޭގައި އުޅެން ލިބޭނީ. އެކަން ދަންނާތި” ބަލި އެނދުގައި މަރާ ހަނގުރާމަކުރަން އޮތް އިރުގައި ވެސް ޖަވާޒު ދިޔައީ އަހަންނަށް ހިތްވަރު ދެމުންނެވެ.

“ކީއްވެ އިންޑިއާއިން ޑޮކްޓަރުން އެގޮތަށް ބުނީ. އެމީހުން ބުނީ ބޭހުން ރަނގަޅު ކުރެވޭނެއޭ. ފަސްޓް ސްޓޭޖުގައޭ”

އެތަނުގެ ޑޮކްޓަރުން އެހެން ބުނަން ޖެހުނު ސަބަބު ދަނެގަންނަން އަހަރެން ބޭނުންވިއެވެ.

“ރީމާ އަށް ވުރެ ކުރިން އަހަރެންގެ އަތަށް ރިޕޯޓް އެރީ. އަހަރެން ޑޮކްޓަރާ ވާހަކަ ދެއްކީ. އެއީ އަހަރެންގެ ރިކުއެސްޓަކަށް ޑޮކްޓަރު އެހެން ބުނީ. ބައެއް ރިޕޯޓް ތައް އަހަރެން ރީމާއަށް ނުވެސް ދައްކަން…އަހަރެން ބިރުގަތީ…ރީމާ އަލުން އަހަރެން ރިސޯޓަށް ނުފޮނުވާފާނެތީ. ރީމާ މާ ބޮޑަށް ކަންބޮޑުވެ ދެރަވާނެތީ. އަހަރެން ނެތަސް ރީމާއަށް އުޅެވޭވަރަށް އަހަރެންގެ އެކައުންޓުގައި ފައިސާ ހުންނާނެ. އަހަރެން އެންމެ ފަހުވަގުތާ ޖެހެން ދެން އެކަމަށް މަސައްކަތް ކުރީ” ޖަވާޒު ކިޔައިދިނެވެ.

“ޖަވާޒް…އަހަރެން ދެކެ..ތިހާ ލޯބިވީ ކީއްވެ؟” ރޮމުން ގިސްލަމުން އަހަންނަށް ބުނެވުނީ ހަމަ އެކަނި އެޖުމުލައެވެ.

އެދުވަހު ޖަވާޒުގެ އާއިލާއެއްކޮށް މާލެއަށް އައެވެ. އެމީހުން އަހަރެންދެކެ ނުރުހޭކަން އެނގުނު ނަމަވެސް އަހަރެން އެކަމަކާ އަޅައެއް ނުލަމެވެ. ޖަވާޒުގެ އެންމެ ފަހު ވަގުތު އާއިލާގެ މެމްބަރުން އޭނާގެ ގާތުގައި ތިބުން އެދޭނެ މިންވަރު އަހަންނަށް ވެސް އެނގޭތީއެވެ.

ބަލަބަލާ ތިއްބާ އެއްދުވަހުން އަނެއް ދުވަހަށް ޖަވާޒުގެ ހާލު ސީރިއަސް ވަމުން ދިޔައެވެ. ހެޔޮ ދުއާކުރުން ފިޔަވައި އަހަރެމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އޭނާގެ ހަށިގަނޑުގައި އަޅަމުންދާ ވޭން ކިތަންމެ ފޮރުވަން ބޭނުންނުވިއަސް މޫނުމަތިން އޮތީ ހާމަވެ ފެންނާށެވެ. ތަފާތު އެކިމެޝިންތަކުގެ އެހީގައި އެންމެ ފަހު ނޭވާ ގުނަމުންދިޔަ އަހަރެންގެ ލޯބިވާ ފިރިމީހާ ފެނުމުން އަހަރެންގެ ހިތް ކުދިކުދިވާކަހަލައެވެ. އެފަދަ ވަގުތުތަކުގައި ވެސް އަހަރެން ފެނުމުން އަތުގައި ހިފާލާފައި ހިނިތުން ވެވޭތޯ ޖަވާޒު މަސައްކަތް ކުރެއެވެ.

އެއީ ޖަވާޒުގެ އެންމެ ފަހުގެ ހިނިތުންވުން އަހަންނަށް ފެނުނު ދުވަހެވެ. އަހަރެއް ނިމި އާ އަހަރަކަށް ދުނިޔެ މަރުހަބާ ކިއި ދުވަހަކާ ޖަވާޒުގެ އެންމެ ފަހު ނޭވާ ދޫކޮށް ދާއިމީ ނިންޖަކުން ނިދާލި ދުވަހެވެ. އެންމެ ފަހު ވަގުތުވެސް އޭނާގެ އަތް އަހަރެންގެ އަތުގެ ތެރޭގައި ބާއްވާލަ ދިނުމަށް ޖަވާޒު އެދުނެވެ. އަހަންނާ ދިމާއަށް ފުންކޮށް ބަލާލަމުން ހިނިތުންވެލުމަށް ފަހު ދެލޯ މަރާލި ގޮތަކަށް ޖަވާޒުގެ ދެލޯ އަލުން ނުހުޅެވެއެވެ. އެ ލޯ ދެން ދުވަހަކުވެސް ނުހުޅުވޭނެއެވެ. އަހަރެން އެކަނިކޮށްލާފައި ޖަވާޒު ދިޔައީއެވެ.

ޖަވާޒުގެ ޖަނާޒާގެ ކަންތަކުން ނިމިގެން ގެއަށް އައިތަނާ ޖަވާޒުގެ ބޭބެއެއް އައިސް އަހަރެންގެ އަތުން ޖަވާޒުގެ ހުރިހާ ސާމާނެއް އަތުލިއެވެ. ކޭޝްކާޑުވެސް ބޭނުންކަމަށް ބުންޏެވެ. އަހަރެމެންގެ ދެމީހުންގެ ދެމެދުގައި ދަރިއެއް ނެތް އިރު އެއީ އަހަންނަށް ހައްގު ތަކެތި ނޫންކަމަށް ބުންޏެވެ.

ޖަވާޒު ނެތް ދުނިޔެއެއްގައި އަހަރެން އެމީހުންނާ ހަނގުރާމަކޮށް އެތަކެތި ހޯދަން މަސައްކަތް ކުރަން ބޭނުމެއް ނުވިއެވެ. ހަމަހިމޭންކަމާއެކު އެމީހުން ބޭނުންވި ހުރިހާ އެއްޗެއް ދިނީމެވެ. އިސްލާމްދީނުގައި އަހަންނަށް ހައްގުބައިވެސް އެމީހުން އަހަރެން އަތުން ނިގުޅައިގަތެވެ. އެކަމަކަށް ވެސް އަހަރެން އެއްވެސް ޝަކުވާއެއް ނުކުރަމެވެ. އަހަންނަށް ހުރީ ޖަވާޒުގެ ހަނދާންތަކެވެ. ފޯނު ފުރެންދެން ހުރީ ޖަވާޒު ފޮނުވި މެސެޖްތަކެވެ.

އެހިތި ހަނދާންތަކުން ދުރަށް ދެވޭތޯ އަހަރެންގެ އެންމެ ގާތް ރަހްމަތްތެރިއާ ގެ ކައިރިއަށް އަހަރެން ލަންޑަނަށް ދުވަސްގަނޑަކަށް ދިޔައީމެވެ. މާހައުލު ބަދަލުކޮށްލުމުން ސިކުނޑިއަށް ލުއިކަމެއް ގެނެވިދާނެކަމަށް ހިތައެވެ.

“ރީމާ..ނިދަނީތަ؟” ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ އަހަރެންގެ މިހާރުގެ ފިރިމީހާ ނަވީދުގެ އަޑަށެވެ.

“ކުޑަކޮށް ނިދާލެވުނު” އަހަރެން އޮތީ ޖަވާޒުގެ ޚިޔާލުގައޭ ބުނަން ބޭނުން ނުވާތީ އެހެން ބުނީމެވެ.

ޖަވާޒު ވަކިވެދިއުމަށްފަހު އެހެން ހަޔާތެއް ފެށުމަށް އަހަރެން ބޭނުން ނުވިނަމަވެސް ޖަވާޒުގެ އެންމެ ފަހުގެ އެދުންވެސް ފުރިހަމަވާން ތަގުދީރުގައި އޮތީތީ މިހާރު އަހަރެން މިއިނީ އެހެން މީހެއްގެ އަންބެއްގެ ގޮތުގައެވެ. އަހަންނަކީ ވަރަށް ނަސީބުގަދަ މީހެއް ކަމުގައި ބައެއް ފަހަރު ހިތަށް އަރައެވެ. ޖަވާޒު ފަދައިން ހައްދެއްނެތް މިންވަރަށް ނަވީދުވެސް އަހަރެން ދެކެ ލޯބިވާތީއެވެ. އަހަންނަށް އަޅާލާތިއެވެ. ޖަވާޒު ބޭނުންވި ގޮތަށް އުފަލުގައި އަހަންނަށް އުޅެވޭތީއެވެ!

-ނިމުނީ-