English Edition
Dhivehi Edition

އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ގެނެސްފައިވާ ދެ ޖެނެރޭޓަރު ޖުލައިމަހު ބަހައްޓާނެ ކަމަށް ފެނަކައިން ވިދާޅުވެއްޖެއެވެ. އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ އެމަސައްކަތް ކުރުމަށް ޗައިނާގެ ސަޕްލަޔަރު ޖުލައި ދިހައެއްގައި އައްޑުއަށް އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެ މަސައްކަތް ނިމި ޖުލައި ފަހުކޮޅު އެ އިންޖީންތަކުން ޚިދުމަތް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އައްޑުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފެނަކައިންވަނީ ދެ މެގަވޮޓުގެ ދެ ޖެނެރޭޓަރު ޗައިނާއިން ގެނެސްފައެވެ. ޝަރީފް ވިދާޅުވީ ހިތަދޫގައި ހުންނަ މަރުކަޒީ އިންޖީނުގޭގައި އެ ދެޖަނެރޭޓަރު ބަހައްޓާތަންވެސް މިހާރުވަނީ ތައްޔާރުކޮށް ނިމިފައެވެ. “ދެންއޮތީ އިންސްޓޯލް ކުރުމުގެ މަސައްކަތް އެކަނި. އިންސްޓޯލްކޮށް ނިމި ޚިދުމަތްދޭން ފެށުމުން އައްޑުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އިރާދަކުރެއްވިއްޔާ އެކީ ހައްލުވީ،” ޝަރީފް ވިދާޅިވިއެވެ.

ޓެގު