ކ. ގުޅީ ބަނދަރު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްތަލިބްއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީއެވެ. މި އެއްބަސްވުމުގެ ޖުމްލަ އަގަކީ 85,811,267.16 ރުފިޔާއެވެ. މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 510 ދުވަހެވެ.
މި މަޝްރޫއު ނިމުމުން ގުޅީ ރައްޔިތުންނަށް ދިގު މުއްދަތަށް ދެމިހުންނާނެ ބަނދަރެއް ލިބި، ދަތުރުފަތުރާއި އިގްތިސާދީ ހަރަކާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. މި މަޝްރޫއުގެ ސަބަބުން ގުޅީގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ފާހަގަކުރެއެވެ.
ގުޅީގެ ބަނދަރު ތަރައްގީކުރުމުގެ މި މަޝްރޫއުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ބަނދަރާއި ނެރު ފުންކުރުމުގެ އިތުރުން ކުރީގެ ބަނދަރު މަރާމާތުކުރުން ހިމެނެއެވެ. އަދި 12 މޫރިން ބޮއި ހަރުކުރުމާއި 324 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމަށް ވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން 08 މީޓަރު ސަބްމާރޖް ބްރޭކްވޯޓަރ ޖެހުމާއި، 270 މީޓަރު ރިވެޓްމަންޓް ޖެހުމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
ބަނދަރު ސަރަހައްދުގައި ފަސޭހައިން އުޅަނދުފަހަރު ދަތުރުކުރުމާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން 12 ބަނދަރު ބައްތި ހަރުކުރުމާއި 2 ނެވިގޭޝަން ލައިޓް ހަރުކުރުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. އަދި 3,170 އަކަމީޓަރ ޕޭވްމެންޓް ހެދުމަށް ވެސް ވަނީ ރާވާފައެވެ. ކުދި އުޅަނދުފަހަރު އެޅުމަށްޓަކައި ބޭރުތޮށްޓާ އިންވެގެން 100 މީޓަރު ދިގު އަދި 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް އެޅުމަށް ވެސް މި މަޝްރޫއުގެ ދަށުން ހަމަޖެހިފައިވެއެވެ.