ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ ފެނުގެ މައްސަލަ 6 ގަޑިއިރުތެރޭގައި ހައްލުކޮށް، ފެން ދޫކުރަން ފަށާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
ފުވައްމުލައް ސިޓީގެ ވޯޓާ ސަޕްލައިއަށް ދިމާވި މައްސަލައެއްގެ ސަބަބުން އެކަން ހައްލުކޮށް އެ ސިޓީއަށް މިވަގުތު ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ މައްސަލަ ކުރިމަތި ވުމާއެކު ކަނޑާއި ވައިގެ މަގުން ފުވައްމުލައް ސިޓީއަށް ބޯފެން ފޯރުކޮށްދިނުމާއި އަދި ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިން ފަށާފައިވާކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.
ފުވައްމުލައް ސިޓީއަށް މިހާތަނަށް ފަސް ލީޓަރުގެ 500 ކޭސް ފެނާއި، 1.5 ލިޓަރުގެ 1300 ކޭސް ފެނާއި، 500 މިލިލިޓަރުގެ 1000 ކޭސް ފެން ވައިގެ މަގުން ގެންދެވިފައި ކަމަށް ހީނާ ވިދާޅުވިއެވެ. މިހާތަނަށް 1200 ކޭސް ފެން ރައްޔިތުންނަށް ފޯރުކޮށްދެވިފައި ވާއިރު، އިތުރު ބޯފެން މިހާރު ވަނީ އެ ސިޓީއަށް ގެންދިއުމުގެ މަގުމަތީގައި ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
މީގެ އިތުރުން ހީނާ ވިދާޅުވީ ފުވައްމުލައް ސިޓީގެ ފެން ތަޣައްޔަރުވުމާ ގުޅިގެން ފެނަކައިގެ ފަރާތުން އެމްއެފްޑީއޭއާއި އެޗްޕީއޭގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ކަނޑައެޅިފައިވާ ސްޓެންޑަޑާ އެއްގޮތްވާ ގޮތުގެ މަތިން ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ފުވައްމުލައް ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެންދޫކުރަން ފަށާނެ ކަމަށް ހީނާ ވިދާޅުވިއެވެ.