ހުޅުމާލޭގެ ފަޅުގައި އޮތް ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 12:55 ހާއިރު ކަމަށެވެ. ފުލުހުން ބުނީ އަލިފާނުގެ ހާދިސާ ހިނގީ ތެޔޮ އުފުލާ ދޯންޏެއްގައި ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އަނިޔާވި މީހާގެ އަތާއި ފައިވެސް ފިހުނު ކަމަށެވެ. އަދި މި މީހައަށް ފަރުވާ ދެމުން ދަނީ ހުޅުމާލެ ހޮސްޕިޓަލްގައިކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސް ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާފައިޓަރުން ކުރި މަސައްކަތުން ދޯނީގައި ރޯވި އަލިފާން ވަނީ ނިއްވާލާފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.