English Edition
Dhivehi Edition

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 8.30 ގައި ސޯޝަލް ސެންޓަރުގައެވެ.

މި ޖަލްސާގައި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 97 ބޭފުޅަކަށް ލިބިވަޑައިގަންނަވާނެއެވެ. މި ބޭފުޅުންނަކީ، 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅުންނެވެ. މި އިނާމަށް ބޭފުޅުން ހޮއްވާފައިވަނީ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި 94 ބޭފުޅަކަށް ވަނީ އިނާމު ދެއްވާފައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު މިއަހަރު ލިބިވަޑައިގަންނަވަނީ 33 ބޭފުޅުންނަށެވެ. އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރިއަށް ގެންދެވީ، ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ.