English Edition
Dhivehi Edition
ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ފަތުރުވެރިކަމާއި ކްލައިމެޓް އެކްޝަންއާ ބެހޭ އިންޓަރ-އިންސްޓިޓިއުޝަނަލް ވޯރކިން ގްރޫޕުގެ ކޯ-ވައިސް ޗެއާގެ މަގާމަށް ރާއްޖެ ހޮވިފައިވާކަން ވަނީ އިއުލާންކުރެވިފައެވެ.

މިކަން އިއުލާންކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ރިޔާޒުގައި މިހާރު ކުރިއަށްދާ ޔޫ.އެން. ޓޫރިޒަމްގެ އާންމު މަޖިލީހުގައެވެ. މިއީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން އަދާކުރާ ދައުރުގެ މުހިންމުކަން ދައްކުވައިދޭ ކަމެކެވެ.

މި މަސައްކަތު ގްރޫޕުގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޓޫރިޒަމް އަދި އެންވަޔަރަންމަންޓް މިނިސްޓްރީގެ މިނިސްޓަރ އޮފް ސްޓޭޓް ޑރ. ޢަބްދުﷲ ނިޔާޒު ވަނީ، މޫސުމީ ބަދަލުތަކާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި ކުރެވެން ހުރި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ދިވެހިރާއްޖެއިން ވެފައިވާ ވައުދު އަލުން ތަކުރާރުކުރައްވާފައެވެ.

ފަތުރުވެރިކަމަކީ ކްލައިމެޓް އެކްޝަންއަށް މަގެއް ކަމުގައި ހެދުމަށް ދިވެހިރާއްޖެއިން ދެމިތިބޭނެ ކަމަށް ޑރ. ނިޔާޒު ވިދާޅުވިއެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ އެއް ގައުމަކީ ދިވެހިރާއްޖެކަން ފާހަގަކުރައްވައި، މި މަސައްކަތު ގްރޫޕުގައި މުހިންމު ދައުރެއް އަދާކުރުމަކީ ރާއްޖެއަށް ލިބުނު ފަހުރެއްކަމުގައި އޭނާ ވިދާޅުވިއެވެ.

މި ގްރޫޕުގެ މައިގަނޑު މަގްސަދަކީ ފަތުރުވެރިކަމުގެ ސިނާއަތުން މޫސުމީ ބަދަލުތަކަށް އަންނަ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް މަސައްކަތްކުރުމާއި، އެކަމަށް އެކިއެކި މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމެވެ. ދިވެހިރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މުހިންމު ދައުރެއް އަދާކުރާ ގައުމަކަށް ވާއިރު، މި ގްރޫޕުގެ ކޯ-ވައިސް ޗެއަރގެ މަގާމުން އެ ސިނާއަތް ދެމެހެއްޓެނިވި ގޮތަކަށް ކުރިއެރުވުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެއެވެ.