“އީ-ވިސާ”ގެ ހިދުމަތާއެކު ވިޒާގެ ކަންކަން ކުރުމަށް މީގެ ކުރިން އުފުލަން ޖެހުނު ތަކްލީފްތަކަށް ނިމުން އަންނާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މޯލްޑިވްސް 2.0ގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމާއެކު ބިދޭސީންގެ އައިޑީ ދެނެގަތުމާއި ވިސާގެ ހިދުމަތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ.
މީގެ ކުރިން ކުންފުނިތަކާއި އަމިއްލަ ފަރުދުން ބިދޭސީންގެ ޕާސްޕޯޓްތައް ހިފައިގެން އަބަދު އައިސް ކިއުގައި ޖެހި ޚިދުމަތް ހޯދަން ތިބޭ މަންޒަރު ފެނޭ. ރާއްޖޭގެ އެކިކަންކޮޅުތަކުގަ އުޅޭ ބިދޭސީން އެ މީހުންގެ ވިސާ ޖަހަން ޕާސްޕޯޓް ދޫކޮށްލަންޖެހޭ. ޕާސްޕޯޓް ގެއްލުމާއި ނެތިގެން ދިއުމާ މިފަދަ ހިތާމަވެރި ގިނަ ކަންކަން ދިމާވޭ. އުސޫލެއްގެ ގޮތުން ބަލާއިރު އެ މީހެއްގެ ޕާސްޕޯޓްއަކީ އެ މީހެއްގެ އަތުން ވަކިވާންޖެހޭ އެއްޗެއް ނޫން. އެހެންނަމަވެސް ނިޒާމު އޮތްގޮތުން އެ ނޫން ގޮތަކަށް މި ޚިދުމަތް މި ނޫން ގޮތަކަށް މިހާ ޒަމާންވިއިރު ދެވެން ނެތް. މިއަދު މިގެނައި ހައްލަކީ މި ހުރިހާ ތަކްލީފްތަކަށް ނިމުން. މިނިސްޓަރު ވިދާޅުވިއެވެ.
އެމް އައިޑީ ޗެކަރގެ ނަމުގައި ތައާރަފްވެގެން އައި އެޕްލިކޭޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ އިމިގްރޭޝަން އެންފޯސްމަންޓުގެ ހިދުމަތަށާއި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ އެ މީހުންގެ ކަންކަން ހަމަ މަގަށް އެޅުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އިންގިލާބީ ބަދަލެއްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިއަދު ފެނިގެން މިދަނީ މީގެ ދޮޅު އަހަރެއްކުރިން ރައީސް ޑރ. މުޢިއްޒު ފައްޓަވާދެއްވި މަސައްކަތެއްގެ ނަތީޖާ ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ހޯމް މިނިސްޓްރިއާއި މަތިކޮށްފައިވާ ޒިންމާއެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ކުރަނގި އޮޕަރޭޝަންގައި މިހާތަނަށް އެއްލައްކަ ނުވަދިހަ ހާހަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާ އަޕްޑޭޓްކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަންގެ ދެވަނަ ފޭސްއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ގަވާއިދުގެ ތެރެއަށް ނުވަދެ އުޅޭ ބިދޭސީން ރާއްޖެއިން ބޭރުކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.