އައްޑޫ ހުޅުދޫ މީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިމަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުދޫ އަދި މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
މިޖަލްސާގައި އައްޑޫ ހުޅުދޫ މީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އިތުރުކުރާ އިމާރާތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. އަދި ގްލަޓް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝިޔާމެވެ.
ހުޅުދޫ އަދި މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ވަނީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށް، 30 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް ތަރައްގީ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި މަސައްކަތަށް މިހާރު ފައިސާ ހަމަޖެހިފައިވާ ކަމަށާއި، މި ހޮސްޕިޓަލް ނިމޭއިރު ހޮސްޕިޓަލެއްގައި ހުންނަން ޖެހޭ ހުރިހާ ހިދުމަތެއް ރަނގަޅު ފެންވަރެއްގައި ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.