English Edition
Dhivehi Edition
ލަންކާ ބޯޓުން އަތުލައިގަތް މަސްތުވާތަކެތި

ލަންކާ ސަރަހައްދުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓަކީ، ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ދިވެހި ފުލުހުން ބުނެފިއެވެ.

“ސީދޭވީ” ނަމަކަށް ކިޔާ ބޯޓަށް މަސްތުވާތަކެތި އެރުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކަމަށް ލަންކާގެ ބައެއް ނޫސްތަކުގައި ބުނެފައިވާއިރު އެ ގައުމުގެ ހުޅަނގު އައްސޭރިން އިއްޔެ އަތުލައިގަތް ބޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ.

ސްރީލަންކާގެ ރަސްމީ އިދާރާތަކާއި ހަވާލާދީ ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ 355 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓަކީ، ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަމަށެވެ. އެހެންނަމަވެސް ފުލުހުން މިކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މި ބޯޓުން އަތުލައިގަތް މި މަސްތުވާތަކެތީގެ ތެރޭގައި ކްރިސްޓަލް މެތަމްފެޓަމިން (އައިސް)ގެ 251 ކިލޯ އާއި 85 ކިލޯ ހެރޮއިން ހިމެނޭކަމަށް ލަންކާގެ ކޯސްޓު ގާޑް ސިފައިން ބުނެފައިވެއެވެ. މި ތަކެތީގެ މަގުމަތީ އަގު 5000 މިލިއަން ރުޕީސްއަށް އަރާނެކަމަށްވެސް ސިފައިން ވަނީ ބުނެފައެވެ.