ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމަށް ނަސްރުގެ ދުވަހު ހާއްސަ ޝަރަފުގެ އައްޑަނައެއް މިއަދު އަރުވައިފި އެވެ.
މި ޝަރަފުގެ އައްޑަނަ މައުމޫނަށް އެރުވީ ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދިޔަ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް އޮފީހުން ބުނީ ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް މައުމޫނަށް ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ހާއްސަ އައްޑަނައެއް އެރުވުމަށް ރައީސް މުއިއްޒު ނިންމެވީ، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި އޭރުގެ ރައީސްގެ ހައިސިއްޔަތުން މައުމޫން ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުގެ އަގު ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރުމުގެ ގޮތުންނެވެ.
ނަސްރުގެ ދުވަހަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ނިރުބަވެރި ބަޔަކު ދިން ޢުދުވާނީ ޙަމަލާގައި ރާއްޖެއަށް ނަޞްރު ލިބުނު ދުވަހެވެ.