English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު

އެއްވެސް އަންހެނަކީ، އުރަމަތީގެ ކެންސަރުގެ ފަރުވާއާ އެކަނިމާއެކަނި ކުރިމަތިލާ މީހަކަށް ވާން ނުޖެހޭ ގޮތަށް، ރާއްޖޭގައި އުރަމަތީގެ ކެންސަރު ދުރާލާ ދެނެގަނެވޭނޭ އިންތިޒާމު ހަމަޖެހި، ރަނގަޅު ފެންވަރުގައި ބައްޔަށް ފަރުވާ ހޯދޭނޭ ފުރުސަތު އެންމެހާ ރައްޔިތުންނަށް ފަހިވެފައި އޮތުން މުހިންމުކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ހަވަނަ، “ބްރެސްޓް ކެންސާ އެވެއާނަސް ސިމްޕޯސިއަމް” ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ސާޖިދާ ވިދާޅުވީ ކެންސަރު ބަލި ތަހައްމަލުކުރާ ކޮންމެ މީހަކު ކުރަނީ ތަފާތު ތަޖުރިބާއެއް ކަމަށެެވެ. އެ ބަލީގެ ވޭން ތަހައްމަލުކުރާ މީހުންނާއި އެމީހުންގެ އާއިލާތަކުން ދައްކާ ހިތްވަރާއި ވިލުންތެރިކަމުގެ ނަމޫނާއިން، އެހެންމީހުންނަށް ހިތްވަރުހޯދޭކަން ސާޖިދާ ފާހަކުރެއްވިއެވެ. އަދި އެ ވިލުންތެރިކަމާއި ހިތްވަރަކީ، ކެންސަރު ބައްޔަށް ފަރުވާދިނުމުގެ ދާއިރާ އިތުރަށް ކުރިއަރުވައި، ބަލި އަވަހަށް ދެނެގަތުމުގެ ޕްރޮޓޮކޯލްތައް ހަރުދަނާކޮށް، އެމީހުންނަށް ދޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް ބާރުދޭ ހަކަތަ ކަމުގައިވާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ސިއްހީ ނިޒާމަށް އައިސްފައިވާ ބައެއް ބަދަލުތަކުގެ ތެރެއިން، ހާއްސަކޮށް އެކި ބަލިބައްޔަށް ހާއްސަ ޑޮކްޓަރުން އެކުގައި މަސައްކަތްކޮށްގެން ކެންސަރަށް ފަރުވާދިނުމުގެ ތެރެއިން، ކެންސަރު ބަލި ތަހައްމަލުކުރާ މީހުންނަށް ބޭނުންވާ ހުރިހާ ފަރުވާއެއް އެކުގައި ލިބޭނޭ މަގުފަހިކުރެވިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މިހެން ފަރުވާދިނުމުގައި، ނަފުސާނީ ބަލިބައްޔާ ބެހޭ ފަންނީ މީހުންނާ، ޑައެޓީޝަނުންނާ، ފިޒިއޮތެރަޕިސްޓުންނާ، ޕެލިއެޓިވް ކެއާ ޓީމުތަކުން، ސާޖަނުންނާއި އޮންކޮލޮޖިސްޓުންނާއެކު ދޭ ފަރުވާގެ އެދެވޭ ނަތީޖާއެއްގެ ގޮތުން، ބަލިމީހުން ތަހައްމަލުކުރަން ޖެހޭ ވޭން ކުޑަކޮށްދިނުމުގައި އެހީއަކަށްވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ހާއްސަކޮށް 40 އަހަރުން މަތީގެ އެންމެހާ އަންހެނުން، އަދި ޖުމުލަކޮށް ހުރިހާ އަންހެނުން، އަހަރަކު އެއްފަހަރު، މެމޮގްރާމް ހަދައި، ބަލީގެ ނިޝާންތަކަށް ސަމާލުވެތިބުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ތަކުލީފެއް ނޫންކަމަށާއި އެއީ ހައްގެއްކަން، އެންމެހާ އަންހެނުންނަށް، އެކަމަނާ ހަނދުމަފުޅުކޮށްދެއްވިއެވެ.

ހެލްތު މިނިސްޓްރީ އާއި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ޓީމުތަކާއި، ސިއްހީ ފަރުވާދޭ އެކި މުއައްސަސާތަކުގައި ކެންސަރު ބަލީގެ ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ އަގުވަޒަންކުރައްވައި، އެބޭފުޅުންގެ އިސްނެންގެވުމާއި، މަސައްކަތަކަށް ބަހައްޓަވާ އިހުލާސްތެރިކަމަށް އެކަމަނާގެ ވާހަކަފުޅުގައި ޝުކުރުއަދާކުރެއްވިއެވެ. އަދި ސިއްހީ ފަރުވާދިމުނުގައި އަންނަ ކުރިއެރުންތަކަކީ، އެކަމުގެ އަސަރު ސީދާގޮތެއްގައި ވަކިވަކި ފަރުދުންނާއި ޢާއިލާތަކަށް އިހުސާސްކުރެވޭ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

“ބްރެސްޓް ކެންސާ އެވެއާނަސް ސިމްޕޯސިއަމް” އަކީ، ކެންސަރު ބަލީގެ ފަރުވާގެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލުންނާއި، އެ ދާއިރާގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ބަލި ތަހައްމަލުކޮށްފައިވާ މީހުން އެއްފުރާޅެއްގެ ދަށުން ބައްދަލުވެ، ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ޝާމިލުގޮތުގައި ފަރުވާދިނުމާއި، ބަލިޖެހުމުގެ ހިރާސް ދެނެގަތުމުގެ އިސްތިރާޖުތަކާއި، ފަރުވާއާ ގުޅުންހުރި އެންމެ ފަހުގެ އީޖާދުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަންކަމަށް ބާރުއެޅުމަށް މަސައްކަތްކުރުމަށް ބާއްވާ މަހާސިންތާއެކެވެ. މި އަހަރުގެ މަހާސިންތާގެ ޝިއާރަކީ، “ކޮންމެ ބަލިމީހެއްގެ ދަތުރު ތަފާތު- ކޮންމެ ބަލިމީހެއްގެ ދަތުރު މުހިންމު” މިއެވެ.