ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ސޯޝަލް ހައުސިންގެ ދަށުން ފްލެޓް ލިބި ޑައުން ޕޭމަންޓް ނުދެއްކި ތިބި، ފަރާތްތަކަށް ޒަކާތު ފަންޑުން ޑައުން ޕޭމަންޓް ދައްކައިދޭން ނިންމައިފިއެވެ.
ޒަކާތު ހައުސްއިން ނެރުނު ބަޔާނެއްގައި ބުނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް ފަރާތްތަކަށް ސޯޝަލް ހައުސިންގެ ތެރެއިން ސަރުކާރުން ދޭ ފްލެޓް/އެޕާޓްމަންޓް ޔުނިޓް ލިބި، އެ ޔުނިޓްތަކަށް ދައްކަންޖެހޭ ޑައުން ޕޭމަންޓް ނުދެއްކިގެން އުޅޭކަން އެ އިދާރާގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އެކަން ޒަކާތު ކައުންސިލަށް ހުށަހަޅައި މަޝްވަރާކުރުމަށްފަހު، އެ ފަރާތްތަކަށް ޒަކާތުގެ ތެރެއިން 14 ފަރާތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ޖުމުލަ 340،000 ރުފިޔާ ޒަކާތު ފަންޑުން ދައްކައިދޭން ނިންމަފައިވާ ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.
އިތުރަށް ޒަކާތު ހައުސްއިން ބުނީ އެ ފައިސާ ސީދާ އެ ފަރާތްތަކުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށްދިނުމުގެ ބަދަލުގައި ދައްކާނީ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާއަށްކަމަށެވެ. އަދި އެއަށްފަހު، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ފަގީރުކަމުގެ ހާލަތު އަލުން ރިވިއުކޮށް ބެލުމަށް ނިންމާފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.