English Edition
Dhivehi Edition

ފޭދޫގައި މިހާރު ކުރިއަށްދާ “ހާޝީޒް ފޭދޫ ސޮކަކަޕް 2018” ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލަށް ޓީމްތައް ހޮވިއްޖެއެވެ.

ދެ ގްރޫޕަކަށް ބަހައިގެން ކުރިއަށްގެންދާ މި މުބާރާތުގެ އޭ ގްރޫޕޫގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށްދިޔައީ ފޭދޫ ޔުނައިޓެޑް ފްރެންޑްސްއެވެ. އެ ޓީމް އެއްވަނައަށް ދިޔައީ ކުޅުނު 4 މެޗުންވެސް މޮޅުވެ 12 ޕޮއިންޓް ހޯދައިގެންނެވެ. އެ ގްރޫޕުން ދެވަނަ ހޯދީ މަރަދޫފޭދޫ އެފްސީއެވެ. އެޓީމަށް ލިބުނީ 4 ޕޮއިންޓެވެ. ގްރޫޕް ބީ ގެ އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީން ޖާގަ ހޯދީ ހިތަދޫ ނެކްސަސް އެވެ. އެޓީމަށް ލިބިފައިވަނީ 7 ޕޮއިންޓެވެ. ދެވަނަ ހޯދީ ފޭދޫ މެޖެންޓާއެވެ. އެޓީމަށް ލިބުނީ 6 ޕޮއިންޓެވެ.

މިމުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗު ކުޅޭނީ މިމަހު 23 ވަނަ ދުވަހުއެވެ. އެ މެޗުގައި ބައްދަލުކުރާނީ ފޭދޫ ޔުނައިޓެޑް ފްރެންޑްސްއާއި، މެޖެންޓާއެވެ. ދެވަނަ ސެމީގައި ބައްދަލުކުރާނީ ހިތަދޫ ނެކްސަސްއާއި، މަރަދޫފޭދޫ އެފްސީއެވެ. މި މެޗުކުޅޭނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. ފައިނަލްކުޅޭނީ މިމަހު 26 ވަނަ ދުވަހުގައެވެ.

ދިފޭދޫ ސްޕޯޓްސްއާއި ފޭދޫ ޒުވާނުން ގުޅިގެން މިމަހު 10 ވަނަ ދުވަހުފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މަރަދޫ އެފްސީއާއި ޔުނައިޓެޑް ފްރެންޑްސްއެވެ. އެ މެޗު 2-0 އިން ކާމިޔާބުކުރީ ޔުނައިޓެޑް ފްރެންޑްސްއެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ މެޖެންޓާއި، ނެކްސަސްއެވެ. އެމެޗު 3-0 އިން ކާމިޔާބުކުރީ ނެކްސަސްއެވެ. ތިންވަނަ މެޗުގައި ބައްދަލުކުރީ މަރަދޫ އެފްސީއާއި، މަރަދޫފޭދޫ އެފްސީއެވެ. އެ މެޗު ނިމުނީ 2-2 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ. ހަތަރުވަނަ މެޗުގައި ކުޅުނީ މެޖެންޓާއި، މައިލޯ ސިޓީ އެފްސީއެވެ. އެ މެޗު 1-0 އިން ކާމިޔާބުކުރީ މެޖެންޓާއެވެ. ފަސްވަނަ މެޗުގައި ބައްދަލުކުރީ ޔުނައިޓެޑް ފްރެންޑްސްއާއި މަރަދޫ އެފްސީއެވެ. އެމެޗު 3-1 އިން ކާމިޔާބުކުރީ ޔުނައިޓެޑް ފްރެންޑްސްއެވެ.

ފުރަތަމަ ބުރުގެ ފަހުމެޗުގައި ކުޅުނީ މައިލޯ ސިޓީ އެފްސީއާއި ނެކްސަސްއެވެ. އެ މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗު (މުބާރާތުގެ 7 ވަނަ މެޗު) ގައި ބައްދަލުކުރީ ޔުނައިޓެޑް ފްރެންޑްސްއާއި، މަރަދޫފޭދޫ އެފްސީއެވެ. އެމެޗު 3-1 އިން ކާމިޔާބުކުރީ ޔުނައިޓެޑް ފްރެންޑްސްއެވެ. މުބާރާތުގެ އަށްވަނަ މެޗުގައި ކުޅުނީ ނެކްސަސްއާއި މައިލޯ ސިޓީ އެފްސީއެވެ. އެމެޗު 1-0 އިން ކާމިޔާބުކުރީ މައިލޯ ސިޓީއެވެ. ނުވަވަނަ މެޗުގައި ބައްދަލުކުރީ މަރަދޫފޭދޫ އެފްސީއާއި، މަރަދޫ އެފްސީއެވެ. އެމެޗު 1-0 އިން ކާމިޔާބުކުރީ މަރަދޫ އެފްސީއެވެ. ދިހަވަނަ މެޗުގައި ބައްދަލުކުރީ މެޖެންޓާއި މައިލޯ ސިޓީ އެފްސީއެވެ. އެ މެޗު 3-0 އިން ކާމިޔާބުކުރީ މެޖެންޓާއެވެ. އެގާރަވަނަ މެޗުގައި ބައްދަލުކުރީ މަރަދޫ އެފްސީއާއި، ޔުނައިޓެޑް ފްރެންޑްސްއެވެ. އެމެޗުން މަރަދޫއެފްސީ ބަލިވީ 3-0 ލަނޑުންނެވެ. ބާރަވަނަ މެޗުގައި (ގްރޫޕް ސްޓޭޖުގެ ފަހުމެޗު) ބައްދަލުކުރީ ނެކްސަސްއާއި، މެޖެންޓާއެވެ. އެ މެޗު 3-0 އިން ކާމިޔާބުކުރީ ނެކްސަސްއެވެ.