ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ޕޯޓުގައި ބަހައްޓާފައި ހުއްޓާ ސިނގިރޭޓް ކޮންޓެއިނާތައް ނެގުމުގެ އޮޕަރޭޝަން ރޭވުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
‘އޭއޯ ނިއުސް’ އަށް މައުލޫމާތު ލިބިފައިވާ ގޮތުން ހައްޔަރުކުރި 4 މީހުންގެ ތެރޭގައި ހިމެނޭ ދެ ވިޔަފާރިވެރިންނަކީ އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އަދި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އެވެ. މީގެ އިތުރުން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް ހ. ނިއުހެޕިނަސް، މުއާޒު އަލީ އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއްކަމުގައި ޒިވާރު އިސްމާއިލްއެވެ.
ފުލުހުން ބުނީ ސިނގިރޭޓް ގެއްލުނު މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހަކު ފުރުން ވަނީ މަނާކޮށް އަދި ބައެއް އުޅަނދުތަކާއި ތަންތަން ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި ސިނގިރޭޓް ގެއްލުނު މައްސަލައިގެ ތަހުގީގާ ގުޅޭ އޮޕަރޭޝަނެއް މިހާރު ވެސް ކުރިއަށް ދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.